ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މުސާރައިގެ ބަދަލާއެކު އަހަރަކު 482 މިލިއަން ރުފިޔާ ހޭދަވާނެ

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އާއި ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ހެޔޮބަދަލު ހާމަކުރައްވާ ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު މެއި ފުރަތަމަ ދުވަހުން ފެށިގެން ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސާވިސް ވޯކަރުން ހިމެނޭ ގޮތަށް ސޯޝަލް ސާވިސް ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބޭ މުވައްޒަފުންނަށްވެސް މާދަމާއިން ފެށިގެން އެ އެލަވަންސް ލިބެން ފަށާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

"ޖުމްލަ 9،838 މުވައްޒަފުންނަށް މި ބަދަލުގެ ހެޔޮ އަސަރުކުރާނެ. މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރާނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަކީ މުވައްޒަފުން ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ކަނޑައެޅުމާއި އުޖޫރައިގެ ތަފާތުތައް ނައްތާލުމެވެ.

މަސައްކަތް ނިމޭއިރު ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ މުސާރަތަކަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

"ޕޭ ހާމަނައިޒް ކުރުމުގެ މަސައްކަތުގެ ތެރޭގައި، ޝަރުޢީ ދާއިރާއާއި، ސަލާމަތީ ހިދުމަތްތަކާއި، އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް، ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ،" ރައީ ސޯލިހް ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާއިރު ތައުލީމީ ދާއިރާގެ މުވައްޒަފުންނާއި މަތީ ތައުލީމު ދޭ ސަރުކާރު މުއައްސަސާތަކުގެ ލެކްޗަރާއިންގެ މުސާރައަށް ސަރުކާރުން މީގެ ކުރިން ވަނީ ހެޔޮ ބަދަލެއް ގެނެސްފަ އެވެ.

މީގެ އިތުރުން ފުލުހުންނާއި ސިފައިންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް ރައީސް ސޯލިހް ރޭ ވަނީ ވިދާޅުވެފަ އެވެ.