ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހާލު ރަނގަޅު، ވަރަށް އަވަހަށް ރާއްޖެ ދާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ތައިރޮއިޑް ފަރުވާއަކަށް ކުރެއްވި އޮޕަރޭޝަނަށްފަހު ހާލު ރަނގަޅު ކަމަށާއި ވަރަށް އަވަހަށް މާލެ ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޮޕަރޭޝަނަށްފަހު މިއަދު ހެނދުނު ހޮސްޕިޓަލުން ދޫކޮށްލައްވާފައި ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށާއި ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސްގެ ޓުވީޓުގައި ވަނީ އެމަނިކުފާނަށް ހެޔޮދުއާ ކުރެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

ތައިރޮޑް ފަރުވާ އަށް ރައީސް ސޯލިހް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ މަހު 23 ދުވަހު އެވެ. އަދި އޮޕަރޭޝަން ކުރެއްވީ މިދިޔަ މަހު 25 ވަނަ ދުވަހު އެވެ.

ރައީސް ސޯލިހް އެ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑޮކްޓަރުގެ ލަފާގެ މަތިން ތައިރޮއިޑް ފަރުވާ ފުރިހަމަކުރުމަށްފަހު ލަސްނުވެ މަސައްކަތަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ މިމަހުގެ 10 ވަނަ ދުވަހު ނުރަސްވީ ދަތުރުފުޅެއްގައި ވެސް ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ރައީސްގެ ދެކަނބަލުން އެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވީ މި މަހުގެ 15 ވަނަ ދުވަހު އެވެ.