ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޓީއެފްޖީގެ ސްޕޯޓް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)ގެ ސްޕޯޓް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރު މިއަދު ހުޅުވައިދެއްވައިފި އެވެ.

އެއްފަހަރާ 200 މީހުންނަށް ހިދުމަތް ދެވޭ މި ޖިމްގައި އެކްސަސައިޒް ސައިންސް އެންޑް ޓެސްޓިން ރޫމެއްގެ އިތުރުން ކޮންޕްރެޝަން ތެރެޕީ ރޫމެއްވެސް ހިމެނެއެވެ.

މީގެ އިތުރުން އަންހެނުންނަށް އަދި ފިރިހެނުންނަށް ހާއްސަ ޗޭންޖިން ރޫމާއި "އައިސް ބާތު" އަދި "ސްޓީމް ރޫމާ" އެއް ހިމެނެ އެވެ.

ހަމަ އެހެންމެ ކުޅިވަރުގެ ތެރެއިން އެތުލީޓުންނަށް ލިބޭ އަނިޔާތައް އަވަހަށް ފަސޭހަކުރުމަށް ހާއްސަކޮށް "ހީލަ" ރޫމްވެސް މި ތަނުގައި ހުރެ އެވެ.

މި ތަނުގައި "ޖިމް އެންޑް ކެރީ"ގެ ނަމުގައި 42 ގޮނޑީގެ ޖާގައިގެ ކެފޭއެއްވެސް ހިމެނެ އެވެ.

ޓީއެފްޖީގެ ސްޕޯޓް ފިޓްނަސް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ ފެސިލިޓީގައި ހިދުމަތްދޭ ތަންތަން ބައްލަވާލައްވައި އެތަންތަނުން ލިބޭ ހިދުމަތްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ހޯއްދަވާފަ އެވެ.

ޓީއެފްޖީ ފުރަތަމަ ފިޓްނަސް އިންޑަސްޓްރީގައި ހަރަކާތްތެރިވާން ފަށާފައި ވަނީ މީގެ 13 އަހަރު ކުރިން 2010 ވަނަ އަހަރުގަ އެވެ.