ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހާއި މެޑަމް ފަޒްނާ ވޯޓުލައްވައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެންމެ އިދިކޮޅު ޕާޓީ -- އެމްޑީޕީގެ އެޑްވައިޒަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވޯޓު ލައްވައިފި އެވެ.

މީގެއިރުކޮޅެއް ކުރިން ރައީސް ސޯލިހް ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ހުރި ވޯޓު ފޮށްޓަކަށެވެ. މެޑަމް ފަޒްނާ ވޯޓުލެއްވީ ތާޖުއްދީން ސްކޫލުގައި ހުރި ވޯޓު ފޮށްޓަކަށެވެ.

ވޯޓުލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހް އެދިވަޑައިގަތީ ވީހާވެސް އަވަހަށް ގިނަ ބަޔަކު ނިކުމެ ވޯޓުލެއްވުމަށެވެ. އަދި މިއަދު ކުރިއަށް މިދާ އިންތިހާބުގައި އެމްޑީޕީއަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް ސިޓީ ތަކުގެ ގިނަ ގޮނޑިތައް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން އަދި މުވައްޒަފުންނަށް ބިރުދައްކައިގެން ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު މިއަދު ހެނދުނު 10:00 ޖެހުމާ ހަމައަށް ވޯޓުލާފައިވަނީ 47،000 މީހުންނެވެ.

ވޯޓުލާ މީހުންގެ އަދަދު މަދުކަމުން ވީހާވެސް އަވަހަށް ގިނަ ބަޔަކު ނިކުމެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.