ހަބަރު

ހިތުގެ ބަލިތައް ހުންނަ ކުދިންނަށް އާސަންދަ ދޭން މަސައްކަތް ކުރަނީ

ހިތުގެ ބަލި ހުންނަ ކުދިންނަށް އާސަންދަ އާއި އެންސްޕާގެ ދަށުން ބޭނުންވާ ފަރުވާ ދެވޭނެ އިންތިޒާމެއް ހަމަޖައްސަން މަސައްކަތްކުރައްވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް ގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާގައި އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އިޖުތިމާއީ ސިއްހީ އިިންޝޫރަންސްގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ ނިޒާމު ފުރިހަމަ ކުރުމަށް ކަމަށެވެ. އެގޮތުން، އާސަންދަ އާއި އެންސްޕާއިން އެ މަސައްކައް ކުރަމުން އަންނަ އިރު ހިތުގެ ބަލިތައް ހުންނަ ކުދިންނަށް ބޭނުންވާ ފަރުވާ އާއި، އެފަދަ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ.

"އެކަމުގައި ޓައިނީ ހާރޓްސްގެ ލަފަޔާއި މަޝްވަރާ އަޅުގަނޑުމެން ހޯދާނަން" ރައީސް ވިދާޅުވި އެވެ.

ޓައިނީ ހާޓްސް އަށް 10 އަހަރު ފުރުން ފާހަގަ ކޮށްފައިވާއިރު، އެ ޖަމިއްޔާ އިން ރާއްޖެއަށް ކޮށްދީފައިވާ ހިދުމަތްތަކަށް ރޭގެ ހަފްލާގައި ރައީސް ވަނީ ޝުކުރު އަދާކޮށްފަ އެވެ. އަދި، ހިތުގެ ބަލީގެ ސަބަބުން ރާއްޖޭގައިވެސް އެތައް ކުދިންގެ ފުރާނަ ގެއްލުނު ކަމަށާއި އެ މައްސަލައަށް ސަމާލުކަން ދެވިފައި ނެތް ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެ ބައްޔާ މެދު ސަރުކާރުން ސަމާލުކަން ދޭން ފެށީވެސް މީގެ 10 އަހަރު ކުރިން ޓައިނީ ހާޓްސް އުފެދި ގިނަ ބަޔަކު ހޭލުންތެރި ކުރުވަން ކުރި މަސައްކަތުން ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

"އެ ހާލަތު މެދުވެރިވަނީ ކޮންޖެނިޓަލް ހާޓް ޑިޒީސް ކިޔާ ބައްޔެއްގެ ސަބަބުންކަން ގިނަ ދިވެހީންނަށް އެނގުނީ ވެސް މި ޖަމިއްޔާ އުފެދުނު ފަހުން. އެ ބައްޔާ މެދު ސަރުކާރުން ސަމާލުކަން ދޭން ފެށީވެސް، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ ނަމުގައި މި ޖަމްޢިއްޔާ އުފައްދައިގެން ކުރި މަސައްކަތުން"

މި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ޓައިނީ ހާޓްސްގެ 10 އަހަރުގެ މަސައްކަތު ދިރާސާ އިފްތިތާހުކޮށްދެއްވައިފަ އެވެ.