އާސަންދައިގެ ދަށުން އައިވީއެފް އަދި އައިޔޫއައި ހެދުމަށް އެހީ ބޭނުންވާ މީހުން ފޯމު ހުށަހަޅަން ދިން މުއްދަތު އިތުރުކޮށްފި އެވެ.
އައިވީއެފް އަދި އައިޔޫއައި ހެދުމަށް ދައުލަތުގެ އެހީތެރިކަން ބޭނުންވާ މީހުން ފޯމު ހުށަހެޅުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ފުރުސަތު ހުޅުވާލީ މި އަހަރުގެ މާޗް މަހު އެވެ. އޭރު ފުރުސަތު ހުޅުވާލީ މެއި 15 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށެވެ.
އެންސްޕާ އިން ރޭ ކުރި އިއުލާނެއްގައި ބުނީ އައިވީއެފް ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ މީހުން ދައުލަތުގެ އެހީއަށް އެދި ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ސުންގަޑި ޖުލައި 31 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
އާސަންދަ އިން އެހީ ހޯދައިގެން އައިވީއެފް ހެދުމަށް ބޭނުންވާ މީހުންނަށް އެހީ ދިނުމުގައި އަމަލުކުރާނެ ގޮތްތަކެއް ހިމެނޭ އުސޫލެއް ކުރިން ވަނީ އާންމުކޮށްފަ އެވެ.
އުސޫލުގައިވާ ގޮތުން އާސަންދަ މެދުވެރިކޮށް އައިވީއެފް ހަދަން ހުށަހެޅޭނީ ކައިވެނި ކުރިތާ ތިން އަހަރުވެފައިވާ ދެމަފިރިންނަށެވެ. އެމީހުންނަށް އާސަންދަ އިން ފަރުވާ ކުރަން ބޭނުންވާނަމަ ހުށަހެޅޭނީ ތިން ފަހަރު ކަމަށާއި އަދި އަމިއްލަ ހަރަދުގައިވެސް އައިވީއެފް ތިން ބުރު ފުރިހަމަކޮށްފައި ހުރެގެން ނުވެ އެވެ.
އުސޫލުގައިވާ ގޮތުން އައިވީއެފް ހެދުމަށް ހުށަހެޅޭނީ އަންހެން މީހާގެ އުމުރު 30-41 އަހަރުގެ އުމުރުފުރާއެއްގައި ހުރެފައި ފިރިމީހާގެ އުމުރު 55 އަހަރަށް ވުރެ މަތި ނުވާނަމަ އެވެ. ނަމަވެސް އަނބިމީހާގެ އުމުރުން 25 އަހަރުވުމުން އައިވީއެފް ހެދުމަކީ އެ އަންހެން މީހާގެ ސިއްހީ ހާލަތު ހުރި ގޮތުން މާބަނޑުވުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ސްޕެޝަލިސްޓަކު ލަފާ ދެއްވައިފިނަމަ އެފަދަ މީހަކަށްވެސް އައިވީއެފް ހެދުމަށް ހުށަހެޅި ދާނެ އެވެ.
މީގެއިތުރުން ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއެޅޭ ކަހަލަ ސިއްހީ ސަބަބެއް މެދުވެރިވުމާއި ނުވަތަ ސަބަބު ދެނެނުގަނެވި، ދަރިމައިވުމަށް ފާއިތުވި ތިން އަހަރު ނުކުޅެދިފައިވާ މީހުންނަށްވެސް އައިވީއެފް ހެދުމަށް ހުށަހެޅިދާނެ އެވެ. އައިވީއެފް ހެދުމަށް އާސަންދަ އިން އެހީ ހޯދުމަށް ބޭނުންވާ ދެމަފިރިން އެހީ ހޯދުމަށް ހުށަހެޅުމުގެ ހަ މަސް ދުވަސް ކުރިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށްވެސް އުސޫލުގައި ލާޒިމުކޮށްފައިވެ އެވެ.
އާސަންދަ އިން އެހީ ދީގެން އައިވީއެފް ހެދުމަށް ފުރުސަތު ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.