ހަބަރު

މާފަރު އެއާޕޯޓު ރަންވޭއަށް ވެލާއަރައި ބިސްއަޅަނީ

ނ. މާފަރުގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓު ރަންވޭ އަށް ވެލައެެއް އަރައި، ބިސް އަޅައިފި އެވެ.

ސޯޝަލް މީޑިޔާގައި މިހާރު ދައުރުވަމުންދާ ފޮޓޯ އިން ފެންނަ ގޮތުގައި ރަންވޭގެ މެދެއްހާ ހިސާބުގައި އެ ވެލާ ބިސް އަޅާފައި ވަނީ އާއްމުކޮށް ބިސް އަޅާ ގޮތަކަށް ނޫނެވެ. ވެލާ ބިސް އަޅާފައިވަނީ ނުކޮނެ ރަންވޭގެ މެދަށެވެ. ވެލާ އާންމުކޮށް ބިސްއަޅަނީ ކޮނުމަށް ފަހު އެވެ.

މާފަރު އުމުރުން ދުވަސްވީ މީހަކު ބުނި ގޮތުގައި އެ ރަށަކީ އާއްމުކޮށް ވެލާ ބިސް އަޅާ އުޅޭ ރަށެކެވެ. މިހާރު ރަންވޭ ހަދަން ފަށާފައިވާ ސަރަހައްދަކީ ވެލާ އެރުމަށް މަޝްހޫރު ސަރަހައްދެއް ކަމަށް އޭނާ ބުންޏެވެ. އަދި އެ ސަރަހައްދަށް މީގެ ކުރިން ވެސް ވެލާ އަރައި ބިސްއަޅާފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"މިހާރު ރަންވޭ އަކަށް ހަދާފައިވާ ސަރަހައްދު އެއީ މީގެ ކުރިން އެންމެ ގިނައިން ވެލާ އަރާ ހިސާބު. ބައެއް ދުވަސްދުވަހު ހެނދުނުވެސް ފެންނާނެ ވެލާ އަރައިގެން އުޅޭ ތަން. މީގެ ކުރިން އަޅުގަނޑުމެން އެ ހިސާބަށް ހެނދުނު ދާއިރު ފެންނާނެ ފަތިހު އެރި ވެލާތައް ނުފޭބިގެން އުޅޭތަންވެސް. އެ ސަރަހައްދު އެއީ މާފަރުުގައި އާއްމުކޮށް ވެލާ އަރާ ހިސާބު". އޭނާ ބުންޏެވެ.

މާފަރު އެއާޕޯޓުގައި 2200 މީޓަރުގެ ރަންވޭ އެއް ތަރައްގީ ކުރަން ފަށާފައިވާ އިރު މި އެއާޕޯޓް ހަދާފައިވަނީ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ވަރަށެވެ. ނަމަވެސް މި ސަރުކާރުން ވަނީ މި އެއާޕޯޓުގައި އޭ380 ބޯޓު ފަހަރު ޖެއްސޭ ވަރުގެ އެއާޕޯޓަކަށް ހަދަން ތައްޔާރުވާ ކަމަށް ބުނެފަ އެވެ.

މާފަރުގައި ތަރައްގީ ކުރާ އެއާޕޯޓުގެ ފުރަތަމަ ޓެސްޓް ފްލައިޓެއް ޖައްސާފައިވަނީ 14، އޮގަސްޓް 2018، ގަ އެވެ.