އަލަށް ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހޮވަން ތާއީދު ކުރައްވާ ކަމަށާއި މަޖިލީހުގެ ނައިބު ރައީސް ކަމަށް ވަޑައިގަތުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ނައިބު ރައީސް ކަމަށް ވަޑައިގަތުމަށް އީވާ ޝައުގުވެރިވެ ވަޑައިގަންނަވާއިރު މަޖިލީހުގެ ރައީސަކަށް އީވާ އިންތިހާބު ކުރުމަށް ވެސް ބައެއް ފަރާތްތަކުން އަޑުއުފުލަ އެވެ.
ޓީވީއެމްގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން އީވާ ރޭ ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމަކީ މަޖިލީހުގެ ރައީސް ކަމަށް ވަރަށް ގާބިލް ބޭފުޅެއް ކަމަށާއި އެ މަގާމަށް އަސްލަމް ހޮވަން އެކަމަނާގެ ތާއީދު ފުރިހަމައަށް އެބަ އޮތް ކަމަށެވެ. އަދި ވިދާޅުވީ އަސްލަމަކީ ސިޔާސީ ކަންކަމުގައި މަޝްވަރާ އިސް ކުރައްވައިގެން ވަރަށް ވިސްނުންތެރި ކަމާއެކު ކަންކަން ނިންމާ ބޭފުޅެއް ކަމަަށާއި އެއީ މަޖިލީހުގެ ރައީސެއްގެ ކިބަގައި ކޮންމެހެން ހުންނަން ޖެހޭ ސިފައެއް ކަމަށެވެ.
އީވާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްކަމަށް ބޭފުޅަކު މިހާތަނަށް ޝައުގުވެރިވާކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ. ނަމަވެސް އެމްޑީޕީން ފުރުސަތު ދީފި ނަމަ، އޭނާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ބަލައިގަންނާނެ ކަމަށެވެ.
"ޕާޓީން އެ ފުރުސަތު [މަޖިލީހުގެ ނައިބު ރައީސްކަމުގެ ފުރުސަތު] ދެއްވައިފިއްޔާ އަޅުގަނޑު ފަހުރުވެރިކަމާއެކު ބަލައިގަންނާނަން. ދެން އަޅުގަނޑަކަށް ނޭގެ އެކަމަށް ޝައުގުވެރިވެވަޑައިގަންނަވަނީ ކޮން ބޭފުޅުންނެއް ކަމެއް. އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރެވިގެން ވޯޓަކަށް އަހަންޖެހިއްޖެއްޔާ ވޯޓަކަށްވެސް އަހައިގެން އެކަން ނިމިގެންދާނީ. އަޅުގަނޑަށް މަޖިލިސް ނާއިބު ރައީސްކަން، ފުރުސަތު ލިބިއްޖާ ހަމަ ކުރާނަން." އީވާ ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ، އަސްލަމްގެ އިތުރުން ވިލުފުށީ ދާއިރާގެ މެންބަރުކަމަށް އިންތިހާބުވެ ވަޑައިގެންފައިވާ ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި ކާށިދޫ ދާއިރާއަށް އިންތިހާބުވެފައިވާ އަބްދުﷲ ޖާބިރެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އާ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މަގާމު ފުރުއްވާނީ އެމްޑީޕީގެ މެންބަރުންނެވެ.