ރައްޔިތުންގެ މަޖިލިސް

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އާދިއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ދެވަނަ ފަހަރަށް ހުށަހެޅީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

މިމައްސަލައިގެ ނޯޓިސް އީވާ އާއި މެންބަރުންނަށް ފޮނުއްވީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރަން އެމްޑީޕީން ހޯމަ ދުވަހު ވަނީ ތްރީލައިން ވިޕް ނެރެފަ އެވެ. މިފަދަ ވިޕަކަށް އެމްޑީޕީގެ ހުރިހާ މެންބަރުން އަމަލުކުރުން މަޖުބޫރުވާނެ އެވެ.

އީވާ މަގާމުން ވަކިކުރުމަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ އީވާ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވީ އެމްޑީޕީއާ އެކު އިގުރާރެއްގައި ސޮއި ކުރައްވައިގެން އެމްޑީޕީގެ ޓިކެޓް ފަސް އަހަރުގެ ދައުރަކަށް ކަމަށެވެ. އީވާއަށް އެމްޑީޕީގެ މެންބަރުން ވޯޓު ދިނީ އެ ޕާޓީގެ ސިޔާސަތުތައް ކުރިއަރުވައި ޕާޓީއާ އެކު އިހްލާސްތެރިކަމާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ބަލައިގެން ކަމަށާއި ނަމަވެސް އީވާ އަމިއްލަފުޅަށް އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ކަމަށް ގަރާރުގައިވެ އެވެ. އެހެންވެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އީވާއަށް ކުރި އިތުބާރު ގެއްލިފައިވާ ކަމަށްވެސް ގަރާރުގައިވެ އެވެ.