މިއީ ކޮންމެހެން ވެސް ކުރަން ޖެހޭ ސުވާލެކެވެ؛ ގައިގައި ލާ ސައިބޯނި ހިޔާރު ކުރަނީ ކޮންކަމަކަށް ބަލާފައިތަ؟ އެންމެ މީރުވަސް ބަލައިގެންތަ؟ ގިނަ ދުވަހަށް ގެންގުޅެވޭތީތަ؟ ނޫނީ އެންމެ ގައިގެ ހަންގަނޑަށް ރަނގަޅު ސައިބޯނިތަ ހޯދަނީތަ؟ އެހެންނާ އެންމެ ކެމިކަލް މަދު ސައިބޯންޏެއްތަ؟ ގައިމުވެސް އެކި މީހުން ގައިގައި އުނގުޅާލާނެ ސައިބޯންޏެއް ހިޔާރު ކުރަނީ މިކަހަލަ އެތައް ސުވާލަކަށް ޖަވާބު ހޯދައިގެނެވެ.
ފެންވަރާއިރު ވިސްނުމަކާ ނުލައި އަތަށް ފިއްތާލާ ގައިގައި އުނގުޅާލާ ޝަވާ ޖެލްގައި ކިހާވަރަކަށް ކެމިކަލް ހުރޭތޯ އެއްވެސް ފަހަރަކު ވިސްނާލެވުނު ހެއްޔެވެ؟ މީރުވަހެއް ހުރެފައި ބޮކި ފަޅައިގެން ގޮސް ފޮނުއަރައިފިއްޔާ އޯކޭ ވަނީ އެވެ. އެހެން ނަމަވެސް މިފަދަ ޝަވާޖެލް ތަކުގައި ހީވެސް ނުކުރާވަރަކަށް ގެއްލުން ދޭ ކެމިކަލްތައް ހުރެ އެވެ. އަދި ސައިބޯނިން ބޮކި / ފޮނު އެރުވުމަށް މި ބޭނުން ކުރާ ކެމިކަލް ސޯޑިއަމް، ލޯރެތް ސަލްފޭޓް ސައިބޯނީގައި މާ ގިނަ ނަމަ އެއީ ކެންސަރަށް މަގުފަހިވާ ކަމެކެވެ. އެއީ ގިނަ ބަޔަކަށް އެނގޭ ވަރަށް ސައިންސް ބުނެދީފައިވާ ފެކްޓެކެވެ.
މީގެ ބަދަލުގައި އޯގަނިކް އަދި ތަފާތު އެކި އެކި ގުދުރަތީ ސައިބޯނިތަކަށް މިހާރު ޓްރެންޑެއް އެބައޮތެވެ. މިފަދަ އޯގޭނިކް ސައިބޯނި ހިޔާރު ކުރާ ސަބަބަކީ މިއީ ތިމާވެއްޓާއި ރައްޓެހި ބައޯޑިގްރޭޑަބަލް އެއްޗެއްކަށްވާތީ އެވެ. ގައިގެ ހަމަށް ބަލައިގެން އުޅޭނަމަ ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީވެސް ގައިގެ ހަމާ ގުޅޭ ސައިބޯންޏެއް ހިޔާރު ކުރުމެވެ. ސައިބޯނިލައިގެން ގައި ދޮވުން އެއީ ކޮންމެ ސްކިން ކެއާ ރޫޓީންއެއްގެ މައިގަނޑު ފެށުމެވެ. އެކަމަކު މިކަހަލަ ސައިބޯންޏެއް ހޯދާނީ ވެސް ކިހިނެއް ހެއްޔެވެ؟
އައިޝަތު އަޒްލީނާ އަމީން (އަޒޫ) އާއި އޭނާގެ ފިރިމީހާ އަދި ބިޒްނަސް ޕާޓްނަރު ހުސެއިން ޔާމީންގެ، "އާޓިސްޓްރީ" އަކީ މި ހުރިހާ ކަމަކަށް ނިކަން ފަރުވާ ބަހައްޓައިގެން ސައިބޯނި އުފައްދާ ވިއްކަން ނުކުމެ އުޅޭ ދެމަފިރިންނެވެ. މި ދެމަފިރިންގެ މަސައްކަތް ވަރަށް ތަފާތެވެ. ހިޔާލުވެސް އެހާ މޮޅެވެ. ތިމާވެއްޓާއި ރައްޓެހި، ގުދުރަތީ އެއްޗެއްހިން ތައްޔާރުކޮށްފައިވާ ހަމަށް ފައިދާ ހުރި ސައިބޯނިތަކެއް އެ ދެމަފިރިން އުފައްދާ ބާޒާރަށް ނެރެ އެވެ. އަދި އިންސްޓަގްރާމްގައި ހުޅުވާފައިވާ ވާޗުއަލް ސްޓޯރެއްގައި ވިއްކަ އެވެ.
ސައިބޯނި ހެދުމުގެ ދަތުރެއް މި ދެމަފިރިން ފެށި ގޮތް ކިޔައިދެމުން އަޒްލީނާ ބުނި ގޮތުގައި "ސައިބޯންޏާ ކުޅެން" ފެށީ މެލޭޝިއާ ސައިބޯނި ހަދަން ދަސްކޮށްދޭ ކޯހެއް ފުރިހަމަ ކުރުމާއެކު އުފެދުނު ޝައުގުވެރި ކަމުގެ ތެރެއިން އެވެ. އެ ކޯހުގައި ކިޔަވާ ނިންމުމަށްފަހު މާސްޓާސް ޑިގްރީއަކާއެކު އެސްޓީއޯގައި މަސައްކަތް ކުރި ނަމަވެސް މިހާރު އެ ވަޒީފާ ދޫކޮށް ފުލްޓައިމްކޮށް ކުރާ މަސައްކަތަކީ ސައިބޯނި އުފައްދާ ތައްޔާރުކޮށް ވިއްކުމެވެ.
އަޒޫ ބުނިގޮތުގައި މެލޭޝިއާ ދަތުރުގައި ބައިވެރިވި ކޯހުގައި ދަސްކުރި އާޓިސަން ސައިބޯނި، އޭނާ އަމިއްލައަށް ގޭގައި އުފައްދަން މަސައްކަތް ފެށީ، ސައިބޯނި އުފައްދަން ބޭނުންވާ އެކި އެކި އެސެންޝަލް އޮއިލް އާއި ބޭނުންވާ އެހެން ވެސް އިންގްރީޑިއެންޓްސް ބޭރުން ހޯދައިގެނެވެ. މިހާރު 58 ވައްތަރުގެ ސައިބޯނި ތައްޔާރު ކުރެ އެވެ.
"ޓެސްޓަށް ހެދަން ފެށީ... އެކަމަކު މި ސައިބޯނި ހާއްސަ ވަނީ މިގައި އެއްވެސް ކަހަލަ ޕްރޭބަންއެއް ނުވަތަ ސޯޑިއަމް ލޮރެތް ސަލްފޭޓެއް [ކެމިކަލެއް] ނުހުންނާނެތީ،" އަޒޫ ބުންޏެވެ.
ޔާމީން ބުނި ގޮތުގައި އެ ދެމަފިރިންގެ "އާޓިސްޓްރީ" ގެ ސައިބޯނީގެ ޓާގެޓް މާކެޓަކީ އަންހެންވެރިންނެވެ:
"އަހަރުމެންގެ ކަސްޓަމާ ބޭސްއަކީ ޔަންގް ކްރައުޑް ކަމުގައިވިއަސް އެބަތިބި އެއްކަލަ ކުރިން ޝަވާޖެލްގެ ބަދަލުގައި ސައިބޯނި ބޭނުން ކުރި އެލްޑާ ކްރައުޑެއް ވެސް. ކޮންމެ މީހަކުވެސް ގަޔާވާ ކަހަލަ މީރު ވަސްތަކާއެކު ކަސްޓަމައިޒްކޮށް އާޓިސްޓްރީއިން ސައިބޯނި ހަދައިދެވޭ. މިހާރު ކެޕޭސިޓީ ހުރިވަރުން 200 ވަރަކަށް ބާ އެއްފަހަރާ ހެދޭނެ. ސައިބޯނި ހެދުމަށް ފޯމިއުލާއެއް ހެދުމަށް ސެޓް ކުރުމަށް ފަހު މާކެޓަށް ނެރެން އެބަ ދެ މަސް ދުވަސްވަރު ވޭ" ޔާމީން ބުންޏެވެ.
އާޓިސްޓްރީ އިން ސައިބޯނި ހެދުމަށް ބޭނުން ކުރަނީ ދިވެހި އުފެއްދުންތަކާއެކު ބޭރުން މިކަމަށް ހާއްސަކޮށް ގެންނަ ތަކެއްޗެވެ. ރާއްޖޭގެ ބާޒާރުގައި ހުންނަތަކެތީގެ ތެރެއިން ކާށި ތެލާއި އަނބާއި ފަޅޮލާއި މުރަނގަ ފަތް އަދި ހިތި ފަތް ބޭނުންކޮށްގެން ހަދާ ސައިބޯނި ވެސް އަޒޫގެ ދެމަފިރިން އުފައްދަ އެވެ.
އަޒޫ ބުނިގޮތުގައި ކަސްޓަމަރުން އެންމެ ގަޔާ ވަނީ ގޯޓް މިލްކާއި ލެމަންގްރާސް އާއި އެއްކޮށްގެން ހަދާ ސައިބޯންޏަކަށެވެ. އަދި އެކި އެކި މުނާސަބަތާ ގުޅިގެން ވިއްކާ ހާއްސަ ސައިބޯނިތަކެއް ވެސް އާޓިސްޓްރީ އިން ނެރެފައި ވެއެވެ. މިގޮތުން މިދިޔަ ފެބުރުއަރީ 14 ގައި "މޮކާ ލަވް" ނަމަކަށް ކިޔާ ސައިބޯންޏެއް ވަނީ ބާޒަރަށް ނެރެފަ އެވެ.
މާލޭގައި މަޝްހޫރު ކޮސްމެޓިކް ވިއްކާ ފިހާރައެއް ކަމުގައިވާ ލެކިއުޓްގައި ވެސް އާޓިސްޓްރީ ސައިބޯނި ވިއްކަ އެވެ. މީގެ އިތުރުން ޓުއަރިސްޓް މާކެޓަށް އަމާޒުކޮށްގެން ހެދި ސައިބޯނި މަޝްހޫރު ހުވަފެންފުށީގައި ވެސް ވިއްކަ އެވެ.
"އާޓިސްޓްރީގެ އެންމެ ޅަފަތުގައި އުރީދޫ ކަހަލަ ބޮޑު ކުންފުންޔަކުން 300 ޕެކްސްގެ އޯޑަރެއް ލިބުނު. މިއީ މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް އޯޑަރު. އަދި އެ ފަދަ ބޮޑު ކުންފުންޏަކުން އިތުބާރުކޮށް އޯޑަރު ދިނުމުން ވަރަށް އުފާވި. އަދި މިއީ ވަރަށް ބޮޑު އެޗީވްމަންޓެއް،" ޔާމީން ބުންޏެވެ. "މިއަދު އޮންނަ އަމީނިއްޔާ ސްކޫލްގެ ޑައިމަންޑް ޖުބްލީ ފެއާގައި އާޓިސްޓްރީގެ ވަރަށް ހާއްސަ ދެ ސައިބޯންޏެއް ކަމުގައިވާ 'އައިމިނާރަނި' އާއި 'ރެހެންދި' ނަމުގައި ވިއްކާނެ. މި ދެ ސައިބޯނީގައި ވެސް ޓޯޓަލް ފެޓީ މެޓާގެ ޕަސަންޓަކީ 80.8. މިއީ އޭ ގްރޭޑްގެ ސައިބޯންޏެއް،"
އަޒޫ ބުނިގޮތުގައި އާޓިސްޓްރީގެ އާ ޕެކޭޖިން އަކާއެކު އަންނަ ރޯދައަށް ފަހު އާ ބްރޭންޑެއް ލޯންޗު ކުރުމުގެ މަސައްކަތުގައި މިހާރު ދެމަފިރިން ވެސް އުޅެނީ އަވަދިނެތި އެވެ. މީގެ އިތުރުން، އާޓިސްޓްރީގެ ޕްރޮޑަކްޓް ތަކަކީ ކޮލިޓީ އެއްޗެއް ކަމުގައި ސާޓިފައި ކުރުމަށް ބައިނަލްއަގުވާމީ ސްޓޭންޑަޑެއް ކަމުގައިވާ ISO9001:2015 ގެ އެޕްރޫވަލް މިހާރު ސައިބޯންޏަށް ލިބިފައިވެ އެވެ.
"ސެޓްފިކެޓް ލިބުމާއެކު އަހަރުމެންގެ އާ ބްރޭންޑް ވެސް ލޯންޗު ކުރާނެ". އަޒޫ ބުންޏެވެ.
ސައިބޯނި ބާޒާރަށް ނެރުމުގެ ކުރިން އަޒޫމެއް އެންމެ އިސްކަމެއް ދެނީ ސައިބޯނި ޓެސްޓް ކުރުމަށެވެ. ލެބޯޓަރީ ޓެސްޓްތަކުން ދައްކާފައިވާ ގޮތުގައި އާޓިސްޓްރީގެ ހުރިހާ ސައިބޯންޏެއްގެ ޕީއެޗް ލެވެލް ހުންނަނީ 8 އާއި 9 އާއި ދެމެދުގަ އެވެ.
ސައިބޯނި އުފެއްދުމުގެ މި މަސައްކަތުގައި މި ދެމަފިރިންނަށް ބޮޑެތި ޗެލެންޖްތަކެއް އެބަހުއްޓެވެ.
"ފަށައިގަތް އިރު މީހުން ވަރަށް ބުނި ތި ކަމެއް ނުވާނެއޭ... މިކަހަލަ އެޓިޓިއުޑެއް ހުރީ. އެހެން ނަމަވެސް މިކަހަލަ ކަމެއް ކުރަން ބޭނުން އެހެން ފަރާތަކަށް ބުނެލަން އޮތީ ޑިސްކަރޭޖް ނުވާށޭ... އާޓިސްޓްރީގެ ޖާނީގައިވެސް ހަމަ ރިސާޗްކޮށްގެން، ޕީއެޗް ޓެސްޓް ކޮށްގެން ސްކިންކެއާގެ މައުލޫމާތު ހޯދައިގެން ކުރިއަށް ދިޔައީ." އަޒޫ ބުންޏެވެ.
ޗެލެންޖްތައް ހުރިކަމުގައި ވިއަސް އަޒޫ އާއި ޔާމީން ގަސްދު ކުރަނީ އެމީހުންގެ މި މަސައްކަތް އައިއެސްއޯ ކޮލިޓީ ސްޓޭންޑާޑް ސެޓްފިކެޓާއިއެކު ފުޅާކޮށް ކުރިއަށް ގެންދާށެވެ. އިތުރު މާކެޓްތައް ހޯދާށެވެ. މިހާރު އެ ދެމަފިރިންގެ މަސައްކަތް ރިސޯޓްތަކުގަ އާއި ގެސްޓް ހައުސް އަދި ވެޑިން ޕާޓީ ގިވްއަވޭސްއަށް މީހުން ބޭނުންކުރެ އެވެ. އަދި ކުޑަކުދިންނަށް އަމާޒު ކޮށްގެން ސައިބޯނި ހަދަން ދަސްކޮށްދޭ ކޯސްތަކެއްވެސް އާޓިސްޓްރީއިން ހިނގަ އެވެ.
ހުނަރުވެރި މި ދެމަފިރިންގެ އާޓް ވަރަށް ތަފާތު ނޫން ހެއްޔެވެ؟