ހަބަރު

އެމް7އަށް 24 އަހަރު ފުރުން ފާހަގަ ކޮށްފި

ޗާޕް ކުރުމުގެ ވިޔަފާރީގައި ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ "އެމް7" އަށް 24 އަހަރު ފުރުން މިރޭ ފާހަގަކޮށްފި އެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި މިރޭ އެމް7 ގެ އަހަރީ ދުވަސް ފާހަގަ ކުރީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިގެނެވެ.

މި ރަސްމިއްޔާތުގައި އެމް7ގެ މެނޭޖިންގް ޑިރެެކްޓަރު މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ، ބަދަލުވަމުން އަންނަ ޒަމާނުގައި ޗާޕުގެ ދާއިރާއަކީ ވަރަށް މުހިއްމު ދާއިރާއެއް ކަމަށެވެ. އަދި އެ ދާއިރާއަކީ ކުރި އަރައު ދިއުމުގެ ފުރުސަތު އޮތް މުހިންމު ދާއިރާ އެއް ކަމަށެވެ. އެހެންނަމަވެސް ޗާޕުގެ ދާއިރާއިން ކުންފުނިތައް މަދުވަމުންދާއިރު ގޮންޖެހުންތައް ހުރި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ބަދަލުވަމުންދާ މި މާހައުލުގައި، މި އިންޑަސްޓްރީ ޗާޕުގެ އިންޑަސްޓްރީއަކީ ވަރަށް މުހިއްމު އިންޑަސްޓްރީ އެއް. އަޅުގަނޑުމެންނަށް މިއީ ޕޮޓެންޝަލް އޮތް އިންޑަސްޓްރީ އެއް. އުވެމުން ދާކަން އަޅުގަނޑުމެންނަށް މިހާރު މި ފެންނަނީ، ޗާޕު ކުރާ ތަންތަނުގެ އަދަދު ތަންކޮޅެއް މަދުވާތީ. އަޅުގަނޑުމެން ވަރަށް އުއްމީދު ކުރަން ކަމާ ބެހޭ ޕޮލިސީ ލެވަލްގަ ވެސް މި ކަމަށް އިސްކަން ދީގެން މިވެސް އިންޑަސްޓްރީ އެއް ކަން ގަބޫލުކޮށް މި ކަމަށްޓަކާ ބަޔަކު މަސައްކަތް ކޮށްދެއްވާނެ ކަމަށް،" ސައްތާރު ވިދާޅުވި އެވެ.

ސައްތާރު ވިދާޅުވީ، ޗާޕުގެ ދާއިރާއިން މީހުން ބިނާ ކުރުމާއި މެޝިނަރީ ގަތުމަށްޓަކާ ހުރި ދަތިތަށް ފިލުވުމަށް ޕޮލިސީ ލެވަލްގެ މީހުން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި މި ވިޔަފާރި އަކީ ހަމަ އެކަނި ރާއްޖޭގައި ކުރެވޭނެ ވިޔަފާރި އެއް ނޫން ކަމަށާއި މިއީ އެކްސްޕޯޓުވެސް ކުރެވޭނެ ވިޔަފާރި އެއް ކަމަށް ވިދާޅުވި އެެވެ.

"މި އިންޑަސްޓްރީގައި މެޝިން އޮޕަރޭޓް ކުރުމުގެ އިތުރުން ލޭއައުޓް ހެދުމާއި ޑިޒައިން ކުރުން ވެސް އެބަ ހުރި،" ސައްތާރު ވިދާޅުވި އެވެ.

އެމް7އަށް 24 އަހަރު ފާހަގަ ކުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ވަނީ އެ ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަަތް ކޮށްދިން މީހުންނަށާއި އެކި ރޮނގު ރޮނގުން ފާހަގަ ކޮށްލެވޭ މީހުންނަށް އިނާމުދީ އަގުވަޒަންކޮށްފަ އެވެ.

އެމް7ގެ ހިދުމަތް އެންމެ ފުރަތަމަ ރާއްޖެއަށް ދޭން ފެށީ 1996 ގަ އެސް އެމް ސްޓޭޝަނަރީގެ ނަމުގަ އެވެ. ފޮޓޯ ކޮޕީ އާއި ޗާޕުގެ ހިދުމަތް ދެމުން ހިދުމަތްތައް ފުޅާކޮށް، އެމް7 ބުކްސް އަށް 2003 ގައި ނަން ބަދަލު ކުރި އެވެ.

އެމް7ގެ ހިދުމަތްތަކަށް މަގުބޫލު ކަމެއް ލިބުނީ 2007 ވަނަ އަހަރުގައި އޮފްސެޓް ޕްރިންޓް ތައާރަފުކޮށް ތިމާވެއްޓާއި ރައްޓެހި ކޮތަޅު އުފެއްދުމުންނެވެ. އެމް7 އަކީ ރާއްޖޭގައި ޕްރިންޓުގެ ހިދުމަތް އެންމެ ފުރަހަމައަށް ކޮށްދޭ އެއް ބަޔެވެ.