އެމްޑީޕީ 50 ގޮނޑި ނަގައިފިއްޔާ 24 ގަޑިއިރު ފަތަން ބެޓްކުރި މީހާ ފަތަނީ

މީހަކު ބުނެގެނެއް ނޫނެވެ؛ މަޖިލިސް 19 އިގެ އިންތިހާބުގެ ތެރޭގައި އެކުވެރިން ވޯޓު ލާން ގެންދަން ހިތްވަރު ދިނުމުގެ ގޮތުން އަހުމަދު ފިރާޒް އަފީފު ތަފާތު ކަމެއް ކޮށްލީ އެވެ. ފޭސްބުކްގައި އޭނާ ޖަހާލީ ސްޓެޓަސްއެކެވެ. ހަރާދެއް ނުވަތަ ބާޖުމެރުމެއްގެ ގޮތުގައި އޭނާ ލިޔެލީ މި އިންތިހާބުގައި އެމްޑީޕީއަށް 50 އަށް ވުރެ ގިނަ ގޮޑި ލިބިއްޖެނަމަ އޭނާ 24 ގަޑިއިރު ފަތާނަމޭ އެވެ.

"އެއީ ދެން ކުރި ބެޓެއް!" އޭނާ ބުންޏެވެ.

އަފީފު އެ ހަރާދުގެ ސަބަބުން އެމްޑީޕީއަށް ތާއީދުކުރާ އެކަމަކު ކުރިންސުރެ އިންތިހާބުގައު ވޯޓު ނުލާން ނިންމައިގެން ތިބި އޭނާގެ ވަރަށް ގިނަ އެކުވެރިން ވޯޓު ލާން ދިޔަ އެވެ. އަދި އެ މީހުންގެ ވޯޓާވެސް އެކު އިންތިހާބު ނިމުނު އިރު އެމްޑީޕީއަށް 65 ގޮޑީގެ ސާފު އަޣލަބިއްޔަތެއް ލިބި ތާރީހުގެ ތެރެއަށް އެކަން ވަދެގެން ދިޔައެވެ.

އެ ހިސާބުން އަފީފަށް ޖެހިފައި އޮތީ އޭނާ ބާޖުމެރި ގޮތަށް 24 ގަޑިއިރު ފަތާށެވެ. އެހެންވެ ހުރިހާ ކަމެއް ދޫކޮށްލާފައި އިއްޔެ މެންދުރު ފަހުން ފެށިގެން އަފީފު "ހޭވައްޓާލާފައި" ފަތަނީ އެވެ. ފަތަން މާލޭގެ ފަތާ ޓްރެކަށް އަފީފް ފުންމާލީ އިއްޔެގެ ހުކުރު ނަމާދަށް ފަހު 2:20 ގަ އެވެ. އެ ވަގުތުން ފެށިގެން އޭނާ ފަތަނީ އެވެ. 24 ގަޑި އިރުގެ ދިގު ފެތުން ހަމަވާނީ މިއަދު މެންދުރު ފަހު 2:20 ގައެވެ.

ފެތުމަކީ އަފީފަށް އާކަމެއް ނޫނެވެ. އޭނާ އާންމުކޮށް ފަތާ އުޅެ އެވެ. އަދި އޭނާއަކީ ލައިފްގާޑް އެސޯސިއޭޝަންގެ ޓްރެއިނިން ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާ ކޯޗެކެވެ. އޭނާ އާދަކޮށް ފަސް ކިލޯމީޓަރަށް ފަތައި އުޅެ އެވެ.

"އާއްމުކޮށް އަޅުގަނޑ ފަތަން ފަސް ކިލޯމީޓަރަށް! ވޯޓްގެ ދުވަހު ވޯޓް ލާން ނުކުންނަ މީހުންގެ ޕަސަންޓް މަދު. ވަރަށް ގާތް އެމްޑީޕީ ސަޕޯޓަރުން ވެސް އުޅޭ ވޯޓުލާން ނުގޮސް. އެމީހުން ވޯޓުލާން ގެންދަން ހިތްވަރެއް ދޭންވެގެން އަޅުގަނޑު ލިޔުނީ އެމްޑީޕީ 50 ގޮނޑިއަށްވުރެ މަތިން ގޮނޑި ހޯދައިފިއްޔާ 24 ގަޑި އިރު ފަތާނަމޭ... އެ ބެޓްކޮށް ފޭސްބުކް ސްޓެޓަސްގައި ލިޔުނީ... ވޯޓްލާން ދާ މީހުން މަދުވީމާ ހިތަށް އެރީ ރައްޓެހިން ވޯޓުލާން ނެރެން ފޭސްބުކް ސްޓެޓަސްގައި އެހެން ޖަހާލާނީއޭ!" އަފީފް ބުންޏެވެ.

އަފީފްގެ ފެތުމާމެދު ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއް

އަފީފްގެ އެކުވެރިންގެ ވޯޓާއެކު އެމްޑީޕީން މަޖިލީހުގެ 65 ގޮނޑި ކާމިޔާބު ކުރުމުން މާ ބޮޑަށް ލަސް ކުރުމަކާ ނުލައި އޭނާ ބޭނުންވީ ހަރާދު ފުރިހަމަ ކުރާށެވެ. އޭނާ ބުނާ ގޮތުގައި މިއީ ސަމާލުކަން ހޯދަން އޭނާ ކުރި ކަމެއް ނޫނެވެ.

އަފީފު ފަތާއިރު އޭނާއަށް ހިތްވަރުދޭން އެ ސަރަހައްދުގައި އިއްޔެއިން ފެށިގެން އާއިލާ މެމްބަރުންނާއި ރައްޓެހިންނާއި އެމްޑީޕީ ވަރަށް ގިނަ އާންމު މެންބަރުން ފޯރިއަށް ތިބެ އެވެ. ބައެއް މީހުން ބޯނެ އެއްޗެއްސާއި ކާނެ އެއްޗެހިވެސް ހިފައިގެނެވެ. އަނެއް ބައި މީހުން އަފީފަށް ކަމެއް ވެދާނެ ކަމަށް ތައްޔާރީ ހާލަތުގަ އެވެ.

އަފީފު ބުނި ގޮތުގައި 24 ގަޑި އިރުގެ ފެތުން އޭނާއަށް ރީތިކޮށް ފުރިހަމަ ކުރެވޭނެ އެވެ. އެކަމަކު ބެޓް ފުރިހަމަ ކުރުމުގައި އޭނާއަށް އާދަޔާހިލާފު ބާރަކާއި ބުންވަރެއް އެމްޑީޕީގެ ސަޕޯޓަރުން އޭނާ ފަތާ ސަރަަހައްދަށް ދިއުމުން ލިބިފައި ވެއެވެ.

އަފީފްގެ ދެ ކުދިންނާއި އޭނާގެ އަންހެނުންނާއި މަންމަ ވެސް ފަތާ ސަރަހައްދުގައި ބަލަން ތިބެ އެވެ. އަފީފު ބުނި ގޮތުގައި 24 ގަޑިއިރަށް ފަތަންޖެހޭތީ އާއި ރޭ ހަތަރުދަމު ނުނިދާ ފެތުމުގެ ސަބަބުން ވަރުބަލިކަން އިހްސާސް ކުރެވުނަސް އޭނާގެ ކުދިންނާއި އަންހެނުންނާއި މަންމަ އޭނާއަށް ދިމާއަށް ބަލަހައްޓައިގެން ތިބޭތީ އެ ވަރުބަލިކަން އުފަލަކަށް ވަނީ ބަދަލުވެފަ އެވެ.


އަފީފުގެ ފެތުން ކުރިއަށް ދާއިރު ސިއްހީ ލަފައާއެކު ކޮންމެ ގަޑިއަކު އެއްފަހަރު 15 މިނިޓުގެ ބްރޭކެއް ނަގައެވެ. އެ 15 މިނެޓްގެ ތެރޭގައި އޭނާ ކައި ނަމާދު ކުރެ އެވެ.

"50 ގޮޑިއަށްވުރެ މަތިން ހޯދައިފިއްޔާ ފަތާނަމޭ ބުނީ އިރާދަކުރެއްވިއްޔާ ވާނެ ކޮންމެ ގަޑި އިރެއްގެ ތެރޭގައި 15 ވަރަކަށް މިނިޓުގެ ބްރޭކެއް ނަގަން ސޭފްޓީއެއްގެ ގޮތުން" އަފީފު ބުންޏެވެ.