ހަބަރު

މަލީހު ވިދާޅުވާ ގޮތުން ޖޭޕީ ނުކުންނާނީ 22 ދާއިރާއަކަށް

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއިން ވާދަ ކުރާނީ 22 ދާއިރާއަކަށް ކަމަށް އެ ޕާޓީއަށް ނިސްބަތްވާ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

މަލީހު މިހެން ވިދާޅުވީ "އަވަސް ހުކުރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުގަ އެވެ.

ޖުމްހޫރީ ޕާޓީއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ. ނަމަވެސް އެ ޕާޓީއިން ވަނީ އެއީ ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ނިންމުން ނޫން ކަމަށް ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާނެ ދާއިރާތަކާމެދު ކޯލިޝަންގެ ހަތަރު ޕާޓީގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ. އެންމެ ފުރަތަމަ 87 ދާއިރާއަށް ކުރިމަތިލާން ނިންމީ އެމްޑީޕީންނެވެ. އެ ޕާޓީގެ ގައުމީ މަޖިލީހަށް އެގޮތަށް ހުށަހެޅުއްވީ ވެސް ރައީސް ނަޝީދެވެ. އެކަމާ ގުޅިގެން ކޯލިޝަންގެ ތެރޭގައި ހިޔާލު ތަފާތުވި އެވެ. އެގޮތުން އެކަމާ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ފަރާތުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި އެވެ.

އެ ޕާޓީތަކުން ފާހަގަކޮށްފައިވާ ގޮތުން ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން މަޖިލީހުގެ ގޮނޑިތައް ވަކި މިންވަރަކަށް ބަހަން ޖެހެ އެވެ. ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަކީ އެ އެއްބަސްވުމާ ހިލާފުވާ ކަމެކެވެ. ނަމަވެސް އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު ވަނީ މަޖިލީހުގެ ގޮނޑިތައް ބަހާނެ ގޮތުގައި ކޯލިޝަންގެ ހަތަރު ލީޑަރުންގެ އެއްބަސްވުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީ ނޫން އެހެން ޕާޓީތަކުން އެއްބަސްވުމެއް ކަމަށް ގަބޫލުކުރާ ލިޔުމުގައިވާ ގޮތުން އެމްޑީޕީ ވާދަ ކުރަން ޖެހޭނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީ ވާދަ ކުރާނީ 22 ދާއިރާއަށެވެ. އަދާލަތު ޕާޓީއަށް 13 ދާއިރާ ލިބޭއިރު މައުމޫންއަށް ލިބޭނީ 17 ދާއިރާ އެވެ.

"އަވަސް ހުކުރު"އަށް ދެއްވި އިންޓަވިއުގައި މަލީހު ވިދާޅުވީ އެކަމަށް ޖުމްހޫރީ ޕާޓީއިން އިހްތިރާމް ކުރާނެ ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ ސްޑޭންޑް ވަރަށް ސާފު، ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވެފައިވަނީ އެމަނިކުފާނު ނެރުއްވާނީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް 22 ދާއިރާއަށޭ، ޖުމްހޫރީ ޕާޓީއިން ކޯލިޝަން އެއްބަސްވުމާ ހިލާފުވާ އެއްވެސް ކަމެއް ނުކުރާނެއޭ،" މަލީހު ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީއިން ހުރިހާ ދާއިރާއަކަށް ހުޅުވާލާފައި ނިމޭއިރު ނަންގަވާނީ 22 ދާއިރާއަކަށް ކެންޑިޑޭޓުން، އެއީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ދިޔުމަށް،"

މަލީހު ވިދާޅުވީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ޕާޓީތަކުން އެކުގައި މަޖިލިސް އިންތިހާބުގައި ވާދަކޮށްފިނަމަ، ކޯލިޝަނަށް މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބޭނެ ކަމީ ޔަގީން ކަމެކެވެ. ކޯލިޝަންގެ ވަރަށް ވަރުގަދަ އެއްބަސްވުންތަކެއް މި ފަސް އަހަރަށް އެބަހުރި ކަމަށާއި އެއާ އެއްގޮތަށްދާނަމަ ސަރުކާރު ކޯލިޝަން ތެރެއިން ވެސް ޖަވާބުދާރީ ކުރެވޭނެ ކަމަށް މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވި ގޮތުގައި އިންތިހާބުގައި ކޯލިޝަން ޕާޓީތައް ވަކިވަކިން ވާދަ ކުރާނަމަ އޭގެ ފައިދާ އެއްވެސް ބަޔަކަށް ނުލިބޭނެ އެވެ. ބޮޑެތި ހަރަދުތަކެއް ގޮސް، އިންތިހާބުގެ ނަތީޖާއިން ވެސް ގެއްލުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކޯލިޝަން އެކުގައި މަސައްކަތް ކުރާނެ ކަމުގެ އުއްމީދުގައި ތިބި މީހުންނަށް ލިބޭނެ ވަރަށް ބޮޑު މާޔޫސްކަމަކަށް އެކަން ވާނެ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

"ބޮޑެތި ދެބަސްވުންތައް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ދާ ކަމުގައިވާނަމަ ފާއިތުވި ތަނުގައި އަޅުގަނޑުމެންނަށް ކިޔައިދިން ފިލާވަޅަކީ މިނިވަން ކެންޑިޑޭޓުންނަށް ކާމިޔާބުވުމުގެ ފުރުސަތު އޮވޭ،" މަލީހު ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭނީ ކޯލިޝަންގެ ޕާޓީތަކަށް އެކައްޗެއް ކިޔޭނެ، ޕާޓީތަކުން ކޯލިޝަން އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތާނެ،"

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު، ރައީސް އަބްދުﷲ ޔާމީން ނެރުއްވާ ކެންޑިޑޭޓުންނަށް މަޖިލިސް އިންތިހާބުގައި މާބޮޑު ކާމިޔާބީއެއް ނުހޯދޭނެ އެވެ. އެއީ ރައީސް ޔާމީންއަކީ މާބޮޑު ތާއިދެއް އޮތް ބޭފުޅަކަށް ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.