އަންނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބެން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅެއްކެ އެވެ.
ނާޒިމް މިހެން ވިދާޅުވިއިރި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ދަނގެތީ ދާއިިރާއަށް ކުރިމަތިލެއްވުމަށް ނާޒިމް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އޭނާއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއް ވެސްމެ އެވެ.
އަންނަ މަޖިލީހަށް ވާދަ ކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ސަރުކާރު ދެމެހެއްޓުމަށް އެމްޑީޕީއަށް މެޖޯރިޓީ ލިބެންޖެހޭ ކަމަށް ވިދާޅުވެ، ކެމްޕެއިން ކުރައްވަމުންނެެވެ. އެކަމާ ދެކޮޅަށް ގާސިމް އިބްރާހިމް ވެސް ވަނީ އަޑުއުފުއްލަވާފަ އެވެ.
"އަަވަސް ހުކުރު"ގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އެއްބާރުލުން އަބަދުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އޮންނާނެ ކަމަށެވެ. އެގޮތަށް އެ އެއްބާރުލުން އޮންނަހާ ހިނދަކު ކޮންމެހެން އެމްޑީޕީއަށް މެޖޯރިޓީ ލިބެން ނުޖެހޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަންނަ މަޖިލިސް އޮންނަންވީ ހަމަހަމަ މަޖިލީހެއް، އޭގެ ތެރޭގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ދެން ހުރި އެހެން ޕާޓީތައް ވެސް އެމީހުންގެ ނިސްބަތުން ހަމަހަމަ ކުރެވިއްޖެ ކަމަށްވާނަމަ މަޖިލިސް ރަނގަޅަށް އޮންނާނީ،" ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ތިން ބާރު ވަކިވެފަ އޮތް ބަޔަކަށްވާއިރު އެ ތިން ބާރު އެއް ނުވާނެ ފަދަ ގޮތަކަށް އެބަ އޮންނަންޖެހޭ، އަދި ހާއްސަކޮށް މަޖިލީހުގައި މެޖޯރިޓީ ވަކި ބަޔަކަށް އޮތުމަކީ ވަރަށް ބޮޑު މައްސަލައެއް، އަޅުގަނޑުމެންނަށް އެކަން ތަޖުރިބާ ކުރެވިފަ ދެއްތޯ ވަނީ،"
ނާޒިމް ވިދާޅުވީ މަޖިލީހަށް ނުކުންނަނީ ސުލްހަވެރިކަމާއެކު ބަހުސްކޮށް ރައްޔިތުންނަށް ގާނޫނުތަކެއް ފާސްކުރުމަށް ކަމަށެވެ. ކޮންމެހެން ވަކި ޕާޓީއެއްގެ ބާރު މަޖިލީހުގައި އޮންނަން ނުޖެހޭ ކަމަށެވެ.
"އެމްޑީޕީއާ އެއްވަރަށް ޖުމްހޫރީ ޕާޓީއަށް ލިބުނަސް އެއީ މައްސަލައެއް ނޫން ހަމަ، ދެބައި މީހުން ވާހަކަ ދައްކައިގެން ކަންކަމަށް ހައްލު ހޯދޭނެ، އެއްގޮތަކަށް ވެސް މެޖޯރިޓީ ދޭކަށް ނުޖެހޭ، އެބައެއްގެ ސިޔާސީ ބުރަދަނަށް އޮތީމަ އެ ފުދުނީ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވެސް އަދިވެސް ޖުމްހޫރީ ޕާޓީގެ ވިސްނުން އޮތީ ކޯލިޝަނާއެކު ދިޔުމަށް ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓްތައް ނިންމާނީ ޕާޓީ ކައުންސިލްގެ ތެރެއިން އުފައްދާފައިވާ ކޮމެޓީއަކުން ކަމަށް ނާޒިމް ވިދާޅުވި އެވެ.
މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީ ކުރިއަށް ދާނެ ގޮތެއް ފައިނަލް ވެގެން ދާނީ އެމްޑީޕީގެ ޕްރައިމަރީ ނިމި، އަނެއް ދެ ޕާޓީއިން ވެސް ގޮތްތަކެއް ނިންމީ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެމްޑީޕީ ވަނީ ވަކިން ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް ނިންމާފަ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެންމެ މުހިންމު ކަމަކީ އަހުދެއް ވެއްޖެނަމަ އެ އަހުދެއް ފުއްދުމެވެ. އެއީ އަނގަ ބަހުން ވެފައިވީ އަހުދެއް ކަމުގައި ވީ ނަމަވެސް އެވެ.
"އެހެންވީމަ ކޯލިޝަން އެއްބަސްވުމުގެ ޕަސެންޓޭޖާއެކު ދާންވީ ނޫންތޯ ކުރިއަށް، ގޮސްގެން އަޅުގަނޑުމެން ހޯދަމާތޯ، އެގޮތަށް ހޯދުމުން އޮންނާނެ ދެއްތޯ މިހާރު މިއޮތް ގޮތަށް ހަމަޖެހިގެން، އެހެންވީމަ އަޅުގަނޑަށް ތާއިދު ކުރެވެނީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ދިޔުމަށް، އެކަމަކު ލީޑަރުން ދެއްތޯ ގޮތެއް ނިންމަވާނީ،" ނާޒިމް ވިދާޅުވި އެވެ.