އަވަސް ހުކުރު

ސިޔާސީ މައިދާނަށް މިނުކުތީ ޗެލެންޖާއެކު!

މިދިޔަ އަހަރުގެ މި ދުވަހަކީ މުޅި ރާއްޖެ ސިއްސުވާލި ބޮޑު އަމުރެއް ސުޕްރީމް ކޯޓުން ނެރުނު ދުވަހެވެ. ސިޔާސީ ނުވަ ބޭފުޅަކު ދޫކޮށްލަން ކުރި އަމުރާއެކު ފުލުހުންގެ ލީޑަޝިޕަށް އައި ފުރޮޅުމާއެކު، އެ ޒިންމާ އުފުލަން ޖެހުނީ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވި އަބްދުﷲ ނަވާޒަށެވެ. އެ ހައްސާސީ ވަގުތުގައި އެ މަގާމާ ހަވާލުވެވަޑައިގެން ނަވާޒު ފެއްޓެވި މަސައްކަތަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒު ނުކޮށް، ކުއްލި ހާލަތުގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރު ކުރުންވީ ގިނަ ބަޔަކު ރުޅި އައި ކަމަކަށެވެ.

އެ ފާޑުކިޔުންތަކަާ ގުޅޭ ގޮތުން ނަވާޒު މިވަނީ ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވާފަ އެވެ. ފުލުހުންގެ ވަޒީފާއިން ވަކިވެވަޑައިގެން، ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވުމަށް ފަހު "އަވަސް ހުކުރު"ގައި ބައިވެރިވެ ވަޑައިގެން ނަވާޒު ވިދާޅުވަނީ އެކެއް ފެބުރުއަރީގެ އަމުރު އޭރު ތަންފީޒުވެގެން ނުދިޔައީ އޭގައި ސަބަބުތައް އޮވެގެން ކަމަށެވެ. އެ ސަބަބުތައް އޭރުގެ ސަރުކާރު ކިޔައި ވެސް ދިން ކަމަށެވެ. އަމުރު ތަންފީޒު ކުރަން ހުރި ހުރަސްތައް ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލް ވެސް ސުޕްރީމް ކޯޓަށް ހިއްސާ ކުރެއްވި ކަމަށެވެ.

އޭރު އަމުރު ތަންފީޒު ނުވެ އޮތް ގޮތަށް ސަރުކާރުން ބަދަލުވެ، އެހެން ބަޔަކު ބާރުގައި ތިއްބެވި އިރު ވެސް އެ އަމުރު ތަންފީޒު ނުވެ އޮތުމަކީ އޭގައި ގިނަ ސަބަބުތަކެއް އެކުލެވޭ ކަމެއްކަން ހާމަވެގެން ދިއުން ކަމަށް ނަވާޒު ވިދާޅުވެ އެވެ.

"ގަބޫލު ކުރަންތޯ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުވެއްޖެ ކަމަށް؟ މިހާރު އެހެން ސަރުކާރެއް މިއޮތީ، އަމުރެއް އައީމަ އެ އަމުރެއްގެ ހުރިހާ ކަމެއް ތަންފީޒު ވާން ޖެހޭނެ، އަމުރެއް ވާނީ އަމުރަކަށް، ބައެއް ނިންމާފަ އަނެއް ބައެއް ނުނިންމާ އެއީ ވެސް މުޅިން ރަނގަޅު ގޮތެއް ނޫން، މިއަދު މިހާ ހިސާބަށް އައީމަ ވެސް އެ އަމުރެއް ތަންފީޒެއް ނުވޭ، އެހެންވީމަ އެއީ ކޮންމެ ސަބަބެއް އޮތީމަ، އޭރު ވެސް ސަބަބެއް އޮތީމަ، ސަރުކާރުން އެ ކަންބޮޑުވުންތައް ހިއްސާ ވެސް ކުރި،" ނަވާޒު ވިދާޅުވި އެވެ.

"އަޅުގަނޑު މަގާމާ ހަވާލުވިއިރު ވެސް އެ އަމުރު ތަންފީޒު ކުރުމާމެދު މަޝްވަރާ ޕްރޮސެސް ތެރޭގައި އޮތީ،
އަޅުގަނޑުގެ ސުވާލަކީ މިހާރު ކީއްވެގެންތޯއޭ އެ އަމުރު ތަންފީޒު ނުވެގެން އުޅެނީ، އޭރުގައި ތަންފީޒު ނުކޮށް އޮތް އޮތުން އަޅުގަނޑަށް މިހާރު ގަބޫލު ކުރެވޭނީ ހަމަ ހަގީގަތުގައި ވެސް އެ އަމުރު ތަންފީޒު ނުކޮށް ބާއްވަން ޖެހެއޭ، އެހެން ނޫންނަމަ މިހާރު ކޮންމެ ވެސް ގޮތެއް ނިމިފަތާ އޮންނާނީ އެ އަމުރަށް އޮންނަންވާނީ، ތަންފީޒުކޮށް ނިމިފަތާ އޮންނަން ވާނީ،"

ނަވާޒު ވިދާޅުވި ގޮތުގައި އޭރު ވެސް އެ އަމުރު ތަންފީޒު ނުކުރާނަމޭ ސަރުކާރުން ނުބުނެ އެވެ. އެ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށާއި އަމުރު ތަންފީޒު ކުރުން ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

ނަވާޒު ވަނީ ކުއްލި ހާލަތުގެ ދަށުން ސުޕްރީމް ކޯޓަށް ވަދެ ފަނޑިޔާރުން ހައްޔަރުކުރުމަށް ފުލުހުންގެ ހިންގި އޮޕަރޭޝަން ދިފާއު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ފުލުހުންނަކީ އެ ހާލަތާ ގުޅޭ ގޮތުން އެއިރަކު ކުރަން ޖެހުނު ގޮތަށް މަސައްކަތް ކުރާނެ ބައެއް ކަމަށެވެ. ނަމަވެސް ފުލުހުންގެ އަމަލުތައް ބަހައްޓާނީ ގާނޫނީ އިމުގެ ތެރޭގަ ކަމަށެވެ. އިމުގެ ތެރެއިން ފުލުހުން އަމަލު ކުރުމުން ވެސް އޭގައި ހިތްހަމަ ނުޖެހޭނެ ބަޔަކު ތިބެދާނެ ކަމަށް ނަވާޒު ވިދާޅުވި އެވެ. އެކި މީހުންގެ ފުލުހުން މިނެ ކިރާނީ އެކި ވަރަށް ކަމަށެވެ.

ފުލުހުންގެ އެންމެ އިސް މަގާމުގައި ހުންނެވިއިރު އޭނާއަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ފޯރަމުންދިޔަ ކަމަށް ތުހުމަތު ކުރެވެ އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ މަގާމުގައި އޭނާ ހުންނެވިއިރު ސިޔާސީ ނުފޫޒު ވަނެކޭ ދަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އޭރު ސިޔާސީ ފަރާތްތަކެއް ހައްޔަރު ކުރެވުނު ކަމަށާއި ނަމަވެސް އެމީހުން ހައްޔަރު ކުރީ އެކަށީގެންވާ ސަބަބުތަކެއް އޮތުމުން ކަމަށް ވެސް ވިދާޅުވި އެވެ.

"ސިޔާސީ ފަރާތަށް ހައްޔަރު ކުރެވުނީ ސިޔާސީ ނުފޫޒެއްގައި ކަމަށް ދަންނަވާލަން ދަތި، އޭގެ ސަބަބުތަކެއް ހުރި، ހައްޔަރު ކުރެވުނު އެއްވެސް ބޭފުޅެއްގެ މައްސަލަ ޕީޖީއާ ހަމައަށް ނުގޮހެއް ނުވާނެ، އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ އޭގައި ސަބަބުތަކެއް ހުރެގެނޭ ހައްޔަރު ކުރެވުނީ،" ނަވާޒު ވިދާޅުވި އެވެ.

ހުރިހާ ސަރުކާރެއްގައި ވެސް ޕޮލިސްތެރެ އޮތީ އެއްގޮތަކަށް

ނަވާޒު ވިދާޅުވީ ފުލުހުންގެ އިސް މަގާމަކީ ރައީސް އައްޔަން ކުރާ މަގާމަކަށްވެފައި ރައީސާ ވާހަކަ ދައްކައި މަޝްވަރާ ކުރަން ޖެހޭ ހާލަތު އަންނާނެ ކަމަށެވެ. އެކި ޒާތުގެ އެކި ފަންތީގެ މައްސަލަތައް އަންނައިރު ގައުމުގެ މަސްލަހަތުގައި ރައީސާ މަޝްވަރާ ކުރަންޖެހޭ ކަމަށެވެ. އެއީ ސިޔާސީ ނުފޫޒުތޯ ނުވަތަ ނޫންތޯ މިނެކިރާލަން ދަތި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ހަތަރު ވެރިކަމެއްގައި ފުލުހުންގެ ތެރޭގައި އަޅުގަނޑު މަސައްކަތް ކޮށްފިން، ސަރުކާރުތަކުން އައި އޯޑާސްތަކަށް ތަބާވެ އެންމެ ރަނގަޅަށް މަސައްކަތް ކޮށްފަ ހުންނާނީ، އުނދަގޫވޭ ހަމައެކަނި ރައީސް ޔާމީންގެ ސަރުކާރުގައޭ ސިޔާސީ ނުފޫޒު އޮތީ ބުނަން، އަޅުގަނޑަކަށް ތަފާތެއް ނުފެނޭ، އޮގަސްޓް 12 13 ގެ ތަހުގީގުގައި އަޅުގަނޑު އުޅުނިން، ސިޔާސީ ބަޔަކު ހައްޔަރުކުރި، އޭރު ވެސް އެ ޝަކުވާތައް އައި، އެހެންވެ އެންމެ ވެރިކަމާ ދޭތެރޭ މިކަން އޮތީ މިހެނޭ ދަންނަވާލަން ދަތި، ހުރިހާ ސަރުކާރެއްގައި ވެސް ގާތްގަނޑަކަށް އެއްގޮތަކަށް ފުލުހުންގެ ތެރޭގައި ކަންކަން ހިނގާ ދިޔައީ، ތަފާތެއް ނުފެނޭ،" ނަވާޒު ވިދާޅުވި އެވެ.

ރައީސް ޔާމީން ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި ފަހުން ކުއްލިއަކަށް ނަވާޒު ފުލުހުންގެ ވަޒީފާއިން ވަކިކޮށް ތިމާވެށި މިނިސްޓްރީއަށް ބަދަލުކުރި އެވެ. ނަވާޒު ވިދާޅުވި ގޮތުން އެ ބަދަލުގެ ސަބަބެއް އޭނާއަށް އަދިއަދަށް ވެސް ނޭނގެ އެވެ.

"އިތުބާރު ގެއްލޭ ފަދަ ކަމެއް ނުކުރަން، ސަބަބެއް ނޭނގޭ، ރައީސްގެ ފަރާތުން ވީގޮތެއް ދިމާވި އެއްވެސް ކަމެއް ނޭނގޭ، ރައީސް އޮފީހުން ގުޅާލަފ ބުނީ ވަޒީފާއިން ވަކިކޮށްފައޭ ތިހުރީ، އެ ނިމުނީ، އަޅުގަނޑާ ދޭތެރޭ އެ ޒާތުގެ ފިޔަވަޅެއް އަޅަން ޖެހޭ ފަދަ ކޮށްފައެއް ނޯންނާނެ،" ނަވާޒު ވިދާޅުވި އެވެ.

ސިޔާސީ ދާއިރާ މި ނަގަނީ ޗެލެންޖާއެކު

ނަވާޒުގެ މިސްރާބު މިހާރު ހުރީ ރައްޔިތުންގެ މަޖިލީހަށެވެ. އޭނާއަށް ވަނީ ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރުމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓް ވެސް ލިބިފަ އެވެ. އެ ދާއިރާއަކީ އޭނާ އުފަން، އަދި އުޅެ ބޮޑުވި ދާއިރާ އެވެ. ފުލުހުންގެ ހިދުމަތުން ވަކިވެ ރައްޔިތުންނަށް އެހެން ހިދުމަތެއްކޮށް ދޭން ބަލާއިރު އެ ދާއިރާއަށް ހިދުމަތެއްކޮށް ދޭން ބޭނުންވާ ކަމަށް ނަވާޒު ވިދާޅުވި އެވެ.

އެ ދާއިރާއަށް އެމްޑީޕީގެ ޔޫތް ވިންގްގެ ރައީސް މީކާއިލް ނަސީމާއި އެމްއާރްއެމްގެ ފަރާތުން އައިމިނަތު ނާދިރާ އާއި ޕީޕީއެމްގެ ފަރާތުން މެންބަރު އައްސަދު ވާދަ ކުރައްވަ އެވެ. ނަވާޒު ވިދާޅުވި ގޮތުން އޭނާ އެ ދާއިރާ އިހްތިޔާރު ކުރެއްވި އެއް ސަބަބަކީވެސް އެއީ އެވެ. ދާއިރާގެ ވާދަވެރިކަން ބޮޑުވެފައި، އެއީ ބޮޑު ޗެލެންޖަކަށް ވާނެތީ އެވެ.

"ކޮންމެ ކަމެއްގައި ވެސް ޗެލެންޖެއް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރީ، ޗެލެންޖަކާ ކުރިމަތިލައިގެން ކާމިޔާބުވުން އެއީ އެމީހަކަށް ވެސް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެ ކަމެއް، އޭގެން ސަބަބުން އިތުރު ތަޖުރިބާ ވެސް ލިބޭނެ ކަމެއް، ޗެލެންޖަކާ ކުރިމަތިގެން ދެން ހޮވިގެން އައީމަ ފައިދާތަކެއް ވާނެ، މިފަހަރުގެ ސްޕޮޓްލައިޓަށް އަންނާނެ ދާއިރާއެއް އެއީ، އަޅުގަނޑު ބޭނުންވާ ގޮތަކީ އެއީ، އަޅުގަނޑު ގަބޫލު ކުރަނީ މި ކުރާ މަސައްކަތުގައި ކާމިޔާބު ލިބޭނެ ކަމަށް، އެހެން މީހުންނަށް ވެސް އެ ހިތްވަރު ދެން،" ނަވާޒު ވިދާޅުވި އެވެ.

ސިޔާސީ މައިދާނުގައި ކުރިއަށް ވަޑައިގެންނެވުމަށް ޖުމްހޫރީ ޕާޓީ އިހްތިޔާރު ކުރެއްވި ސަބަބު ވެސް ނަވާޒު ވިދާޅުވި އެވެ. އެއީ އެ ޕާޓީގައި މުސްތަގުބަލެއް އޮތް ކަމަށް އޭނާ ގަބޫލު ކުރެއްވިގެނެވެ.

"ހުރިހާ ކަމަކަށް ބަލާއިރު ޖޭޕީއާ ގުޅިގެން ކުރިއަށް ދެވޭނެ ކަމަަށް އަޅުގަނޑަށް ގަބޫލު ކުރެވުނީ، ވިސްނާލިއިރު އެންމެ ރަނގަޅު ގޮތެއް ކަމަށް ފެނުނީ ޖޭޕީގައި މަސައްކަތް ކުރުން. އަޅުގަނޑުގެ ސިޔާސީ ކެރިއާ ވެސް އަދި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ވެސް މަސައްކަތްތަކެއް ކުރެވިގެން ދާނެ،" ނަވާޒު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފަހަތުގައި މިހާރު ވެސް ދެ ޕާޓީއެއް އޮތްއިރު އެއިން ޕާޓީއަކާ ގުޅިވަޑައިގެންނެވުމުގެ ވިސްނުން ނަވާޒު ނުގެންގުޅުނީ ވެސް އޭރު ޕީޕީއެމްގެ މުސްތަގުބަލާމެދު ސުވާލު އުފެދިފައި އޮތީމަ އެވެ.

"ރައީސް ޔާމީންގެ ޕާޓީއޭ ވިދާޅުވާއިރު ވަރަށް ބޮޑަށް ސުވާލު އުފެދިފަ އޮތް ކަމެއް ދެއްތޯ އޭރު އެއީ، ޕީޕީއެމް ލިބޭނީތޯ ނުލިބޭނީތޯ ވެސް އޮތީ ސުވާލު އުފެދިފަ، ވަރަށް ފަހުން އާ ޕާޓީ އުފެދުމުގެ ހިޔާލު ވެސް އައީ، އެހެންވެ ޕީޕީއެމްގެ ފިއުޗާއާމެދު ވަރަށް ބޮޑަށް ސުވާލު އުފެދިފަ އޮތީ، އެގޮތަށް ބަލާފަ އެންމެ ރަނގަޅު ގޮތް ކަމަށް ފެނުނީ ޖޭޕީއާ ގުޅެން، ޕާޓީ ރަނގަޅަށް ދާނަމަ، ރައީސް ޔާމީންގެ ޕާޓީއާ ވެސް ނުގެޅެންވީ ސަބަބެއް ނެތް،" ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވި ގޮތުން މަޖިލިސް އިންތިހާބުން ނާކާމިޔާބުވީ ނަމަވެސް އޭނާ ސިޔާސީ މައިދާނުން ދުރަށް ވަޑައެއް ނުގަންނަވާނެ އެވެ.

"ހިތްވަރު ހުންނަން ވާނެ، ހުންނާނެ ޖޯޝާއި ފޯރާ އެންމެ މައްޗަށް ހަމައަށް ދިޔުމުގެ، އޭގެން އެންމެ ރަނގަޅު ނަތީޖާއެއް ނެރޭވޭނީ، ދެވެން އޮތް އެންމެ ކުރިއަކަށް އެރުމަށް މަސައްކަތް ކުރާނަން،" ނަވާޒު ވިދާޅުވި އެވެ.