ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން ގެންނަން ނިންމާފައިވާ އިސްލާހުތަކުން ޝަރުއީ ނިޒާމް އިތުރަށް ގޯސްވެ ހަލާކު ވެގެން ދާނެ ކަމަށް ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.
"އަވަސް ހުކުރު" ގައި ޖަމީލު ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމް މިހާރު އޮތް ގޮތް ބަދަލުކޮށް އިތުރަށް އިސްލާހު ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި އެއީ އެމްޑީޕީ އިން ވެސް ގެންގުޅޭ ރަނގަޅު ވިސްނުމެއް ކަމަށެވެ. ނަމަވެސް އެ ޕާޓީގެ އެޖެންޑާ 19 ގައި އެކަން ކުރަން ވިސްނާފައި އޮތް ގޮތް ރަނގަޅު ނޫން ކަމަށާއި އެޖެންޑާ 19 އިގެ ސަބަބުން ޝަރުއީ ނިޒާމް މިހާރު އޮތް މިންވަރަށް ވުރެ ގޯސް ވެގެން ދާނެ ކަމަށެވެ.
ކުރިން ގަސްޓިސް މިނިސްޓަރު ކަމާއި އިސް ގާޒީކަން ވެސް ކުރެއްވެވި ޖަމީލު ވިދާޅުވީ ޝަރުއީ ނިޒާމްގެ ތެރޭގައި ބޮޑެތި މައްސަލަތައް ދިމާވެގެން އުޅެނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށާއި ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ވަންނާތީ ކަމަށެވެ. އަދި އެ ނުފޫޒު ގިނަ ފަހަރަށް ވަންނަނީ ރައްޔިތުންގެ މަޖިލީީހުގެ ތެރެއިން ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އިސްލާހުތަކުގައި ރަޖިސްޓްރާއަށް ބޮޑެތި ބާރުތަކެއް ދީފައިވާ އިރު އެ ރަޖިސްޓްރާ ކަނޑައަޅަނީ ރައްޔިތުން މަޖިލީހުން ކަމަށާއި އެހެން ކަމުން އެ މައްސަލަ ހައްލުވުމުގެ ބަދަލުގައި ވަނީ އިތުރަށް ގޯސް ކަމަށެވެ.
"ކޯޓުގެ ހާލަތު ހާލަތު މި ގޮތަށް އޮއްވާ އިތުރަށް މިދައްކަނީ އޭގެ މައްޗައް ރަޖިސްޓްރާ ގޮސް މަޖިލިސް ތެރެއަށް ވައްދާ ތަން, އޭރުން ކިހިނެތް އެ ވަނީ، އަޅުގަނޑު މި ދަންނަވަނީ ބާރުތައް ވަކިކޮށްގެން އެ ތަންތަނަށް ނުފޫޒު ނުވަންނަ ގޮތަށް ނިޒާމް ބައްޓަން ކުރާ ވާހަކަ. ނަމަވެސް އަޅުގަނޑު ގަބޫލެއް ނުކުރަން [އެމްޑީޕީ އިން އިސްލާހު ގެންނަ] އެގޮތަށް ހެދުމަކުން އެ ރަނގަޅު ވާނެ ކަމަކަށް،" ޖަމީލު ވިދާޅުވި އެވެ. "ރާއްޖޭގެ ޝަރުއީ ނިޒާމް ހުރުދަނާ ކުރުމުގެ ވިސްނުން ގެންގުޅުން ރަނގަޅު ނަމަވެސް އޭގެ މާނައަކީ މިހާރު އޮތް އެއްޗަކަށް ވުރެ ގޯސް އެއްޗެއް ގެނެވިގެން ނުވާނޭ،"
ޝަރުއީ ނިޒާމް އިސްލާހު ކުރަން ޖެހޭނީ ގާނޫނު އަސާސީގެ އޮނިގަނޑުގެ ތެރެއިން ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ. ގާނޫނު އަސާސީގައި ޝަރުއީ ނިޒާމްގެ އެންމެ މަތީ ވެރިއަކީ އުއްތަމަފަނޑިޔާރު ކަމަށް ބުނެފައިވީ ނަމަވެސް އުއްތަމަ ފަނޑިޔާރު އަތްޕުޅުން އެތައް ބާރެއް ނެގުމަށް އެމްޑީޕީގެ އިސްލާހުތަކުގައިވާ ކަމަށް ޖަމީލު ވިދާޅުވި އެވެ.
ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ޖަމީލް ވިދާޅުވީ ފަނޑިޔާރުން އަދިވެސް މިނިވަން ނުވާ ކަމަށާއި އެއީ ހުރިހާ ރައްޔިތުންނަށް ވެސް އެނގޭ ހަގީގަތެއް ކަމަށެވެ. އަދި ފަނޑިޔާރުގެ މިހާރު އޮތް ގޮތަށް އޮވެގެން ޝަރުއީ ނިޒާމް ރަނގަޅު ނުވާނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.
ޝަރުއީ ނިޒާމް އިސްލާހު ކުރަން ކުރަން ޖެހޭ ބައެއް ކަންކަން ފާހަގަ ކުރައްވަމުން ޖަމީލު ވިދާޅުވީ ކޯޓުތަކުގައި ހުރި މައްސަލަތައް ދެނެގަނެ ބާރުވެރި ކުރެވޭނެ ނިޒަމެއް ގާއިމް ކުރަންޖެހޭ ކަމަށާއި އެއާއެކު އެ ފަރާތްތައް ޖަވާބު ދާރީ ކުރެވޭނެ ގޮތްތަކެއް ހަދަން ވެސް ޖެހޭ ކަމަށެވެ.
"ރައީސް ޔާމީން ސަރުކާރުގައި ވެސް ސަރުކާރުގެ ތެރޭގައި ފަނޑިޔާރުން ގޯސް ކަމަށް ބުނޭ، ނަމަވެސް ކުއްލިއަކަށް ހުރިހާ ކަމެއް ރަނގަޅު ވެއްޖެ. ކުރިން މައްސަލަ ހުރި ކަމަށް ބުނި ފަނޑިޔާރުން ވެސް މިނިވަން ވެއްޖެ. އެކަމަކު ކުއްލިއަކަށް ގޯސް ވެގެން އެންމެ މަތީ ފަނޑިޔާރުން ވެސް ޖަލުގައި ވެސް ބަހައްޓައިފި. އަޅުގަނޑުމެން ޖެހޭނީ އެ ހުރިހާ ފަރާތްތައް ވެސް ތުހުމަތު ކުރެވުނު ކަންކަމަށް ޖަވާބު ދާރީ ކުރެވޭނެ ނިޒާމެއް ގާއިމް ކުރަން،" ޖަމީލު ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވީ އެމްޑީޕީ އިން ޝަރުއީ ނިޒާމް ބަދަލު ކުރުމަށް އިސްލާހުތައް ގެންނަނީ ތެދު ނިޔަތުގައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުމަކީ ސުޕްރީމް ކޯޓުގެ ކޮންޓްރޯލު ވެސް ނެގުން ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ.
އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ ބަރުލަމާނީގެ މަސައްކަތް ފަށާނެ
ޖަމީލު ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ވަކާލާތު ކުރާ ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ އެއީ ރާއްޖެއަށް ދިމާވާނެ ބޮޑު ނުރައްކަލަކަށް ވެގެން ހިނގައިދާނެ ކަމަށެވެ. ގައުމުގައި މިހާރު ވެސް ގިނަ މައްސަލަތަކެއް ހައްލު ކުރަން ހުރި އިރު އެ ހުރިހާ ކަމެއް ދޫކޮށްލުމަށް ފަހު އަލުން އިންތިހާބުތަކެއް ބާއްވާ ޕްރައިމް މިނިސްޓަރާއި އެހެނިހެން ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އެއީ ގައުމަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށެވެ. ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ އެ މަސައްކަތް ފަށާނެ ކަމަށް ވެސް ޖަމީލު އަވަސް ހުކުރުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލު ކުރިޔަސް ނުކުރިޔަސް [ބަރުލަމާނީ ނިޒާމަށް ބަދަލު ކުރާނެ ކަމުގެ] ބިރު އެބައޮތް، އެއް ޕާޓީއަކަށް ނުވަތަ އެކަމަށް ވަކާލާތު ކުރާ ބައެއްގެ އަތް މައްޗައް ރައްޔިތުން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ލިބިއްޖެ ނަމަ އެ މަސައްކަތް ފަށާނެ ކަން އަޅުގަނޑު ގަބޫލު ކުރަން، އެއީ ވަރަށް އެކަށީގެންވާ ކަމެއް،" ޖަމީލު ވިދާޅުވި އެވެ. "ކުރަން އުޅޭ ކަމެއް ނޭނގޭ ވަރުގެ ކުޑަ ކުޑަ ކުދިންކޮޅަކާއެކު މުޅި ގައުމުގެ ނިޒާމް އެފުށް މިފުށަށް ޖަހާލެވޭނެ ވަރުގެ ފުރުސަތެއް އެއްވެސް ބަޔަކަށް ލިބިގެން ދިޔުމަކީ ރާއްޖެއަށް އަނެއްކާވެސް ލިބޭނެ ބޮޑު ދެރަ ގޮންޖެހުމެއް،"
ޖަމީލު ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަދަލު ކުރުމުގެ ވިސްނުން އެމްޑީޕީން ގެންގުޅޭ ސަބަބު ބަޔާން ކޮށްދޭން ޖެހޭ ކަމަށެވެ. އެއީ ކޮން ކަމެއް ހާސިލް ކުރަންތޯ ނުވަތަ ކޮން ކަމެއް ނުވެގެންތޯ ވެސް އެމްޑީޕީން ބުނަން ޖެހޭ ކަމަށާއި ރިޔާސީ ނިޒާމު އޮވެގެން ދިމާވި މައްސަލަތައް އެމްޑީޕީ އިން ކިޔާދޭން ޖެހޭ ކަމަށެވެ.
"ނިޒާމް ބަދަލު ކުރަން އުޅެނީ ކޮރޮޕްޝަންއާ ހެދިއޭ ބުނެވޭކަށް ނޯންނާނެ، މިސާލަކަށް މެލޭޝިޔާގެ ބޮޑު ވަޒީރު ބަދަލުވެގެން ދިޔައީ ކޮރޮޕްޝަންގެ ވާހަކަ ދައްކައިގެން، ޕާކިސްތާނުގެ ނަވާޒް ޝާރީފްގެ މައްޗައް ވެސް ބޮޑެތި ކޮރޮޕްޝަންގެ މައްސަލަތައް ތުހުމަތު ކުރެވުނު، އެހެން ކަމުން ކޮޮރޮޕްޝަނަކީ ރިޔާސީ ނިޒާމްގައި އޮތް މައްސަލައެއް ނޫން، ބަރުލަމާނީގައި ވެސް އޮންނަ މައްސަލައެއް،" ޖަމީލު ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމްޑީޕީ އިން މަސައްކަތް ފަށާ ހިސާބުން ރިޔާސީ ނިޒާމުގެ ދިފާއުގައި އެންމެ ކުރީގައި ހުންނަވާނެ ކަމަށް ޖަމީލު ވިދާޅުވި އެވެ. އަދި އެ ނިޒާމް ބަދަލު ކުރަން ރައްޔިތުން ވެސް ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯލިޝަންގެ މުސްތަގުބަލު އޮތީ ލީޑަރުން އަތުގައި
ރިޔާސީ އިންތިހާބުގެ ކުރިން ހަތަރު ޕާޓީ ގުޅިގެން މަސައްކަތް ކުރި ނަމަވެސް އެއީ ވަރަށް ބުރަ މަސައްކަތަކާއި އެތައް ބައެއްގެ ގުރުބާނީ ކަމަށް ޖަމީލު ސިފަ ކުރެއްވި އެވެ. އެގޮތުން ތިން ޕާޓީއަކުން އެންމެ ޕާޓީއަކަށްޓަކައި ރިޔާސީ ޓިކެޓު "ތަބަކަކަށް ލާފައި" ދޫކޮށްލީ މަޖިލިސް އިންތިހާބުގައި ވެސް ގުޅިގެން ވާދަ ކުރުމަށް އެއްބަސްވެގެން ކަމަށާއި އެއަށް އިހުތިރާމް ކުރާނެ ކަމަށް އިތުބާރު ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ތި ވިދާޅުވި ބޭފުޅުން ރިޔާސީ އިންތިހާބުގައި ބިރު ގަތީތީ އެކަނި ނުކުންނަން ކީއްވެތޯ އެ ދުވަހު އަައީ ނާށިގަނޑު ހިފައިގެން އެހެން މީހުން ކައިރިޔަށް. ބިރު ގަތީތޯ އެކަނި ގޮސްގެން ލަނޑެއް ލިބިދާނެތީ،" ޖަމީލު ވިދާޅުވި އެވެ.
މައްސަލައަކަށް ވެފައި އޮތް އެއްބަސްވުމާ ހިލާފަށް އަމަލު ކުރުން ކަމަށާއި އޭގެ ސަބަބުން ޕާޓީތަކަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ޖަމީލު ވިދާޅުވި އެވެ. ކޯލިޝަންގެ މުސްތަގުބަލު އާހިރުގައި ނިމިގެން ދާނީ ގައުމެއްގެ ލީޑާޝިޕްގައި ހުރި ހިތްވަރަކާ އެބޭފުޅުންގެ ލީޑާޝިޕް މައްޗައް ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ. ގައުމުގެ އިސް ފަރާތްތަކުން އަމަލު ކުރާ ގޮތަކީ ގައުމީ މަސްލަހަތަށް ވުރެ ޕާޓީ އާއި ވަކި ފަރުދުންގެ މަސްލަހަތު ކަމަށް ވާނަމަ ކޯލިޝަނެއް ނޯވެވެސް ހިނގައިދާނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.
ޔާމީނާއެކު ސިޔާސީ ސޮފުހާއެއް ނޯންނާނެ
ޖަމީލު ވިދާޅުވީ ރައީސް ޔާމީނަށް މިދިޔަ ފަސް އަހަރުގެ ތެރޭގައި ލިބިވަޑައިގަތީ ރަނުގެ ފުރުސަތެއް ކަމަށެވެ. ސަރުކާރު ކޯލިޝަނަކާއި މަޖިލީހުގެ މެޖޯރިޓީ ލިބި ވަޑައިގެންނެވި އެމަނިކުފާނުގެ ސިޔާސީ ވިސްނުފުޅު ގޯސް ކަމުން އެ ހުރިހާ އެއްޗެއް ގެއްލި ވަޑައިގަތީ ކަމަށެވެ. ކުރިޔަށް އޮތްތަނުގައި ވެސް އެމަނިކުފާނާއެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ސިޔާސީ ސަފުހާގައި ރައީސް ޔާމީނެއް ނެތް، ބައެއް ބޭފުޅުންނަށް ރައީސް ޔާމީނަކީ ސިޔާސީ ގޮތުން ވަރަށް މޮޅު ބޭފުޅަކަށް ވެދާނެ ނަމަވެސް އަޅުގަނޑު ނުދެކެން ރައީސް ޔާމީނަކީ އެވަރުގެ މޮޅު ސިޔާސީ ވިސްނުމެއް ކަމަކަށް. މިސާލަކަށް ރައީސް ނަޝީދުމެން ސިޔާސީ މަސައްކަތް ކުރައްވާ ގޮތް ބަލާއިރު އެ ބޭފުޅުން ހަމަ ރަނގަޅު ސިޔާސީ ގޮތުން ވަރަށް ރަނގަޅަށް ހިސާބު ޖައްސަވާ،"