ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ބަހާނެ ގޮތުގެ ކޯލިޝަން އެއްބަސްވުމެއް ނޯންނާނެ ކަމަށް ވިދާޅުވަނީ އެކަމުގައި ކޯލިޝަންގެ ހަތަރު ލީޑަރުން އެއްބަސްވެފައިވާ އެއްބަސްވުމެއް ނެތީމަ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ހަސަން މިހެން ވިދާޅުވިއިރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ފިޔަވައި އަނެއް ތިން ޕާޓީއިން ގެންދަނީ އެއްބަސްވުމެއް އޮންނާނެ ކަމަށް ވަކާލާތު ކުރައްވަމުންނެވެ. އަދި މަޖިލީހުގައި ވާދަ ކުރާނީ އެ އެއްބަސްވުމާ އެއްގޮތަށް ކަމަށް ވިދާޅުވަމުންނެވެ.
އެ ޕާޓީތަކުން ދައްކާ އެއްބަސްވުމުގައިވާ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި އިއްތިހާދުގެ ބައިވެރިން ހިއްސާވާ ހަމައަކީ އެމްޑީޕީއަށް 40 ޕަސަންޓު، ޖުމްހޫރީ ޕާޓީއަށް 25 ޕަސަންޓު، އަދާލަތު ޕާޓީއަށް 15 ޕަސަންޓު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް 20 ޕަސަންޓެވެ. ހުރިހާ ވުޒާރާތަކާއި ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މަގާމްތަކާއި ރުހުންދޭ އެންމެހާ މަގާމްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން އައްޔަން ކުރުމުގައި ވެސް އަމަލު ކުރާނީ އެ ހަމައަށެވެ. އޭގެ އިތުރުން އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބާއި 2020 ވަނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ޕާޓީތަކުން ވާދަކުރާނެ ދާއިރާތައް ބަހާނީ އެގޮތުގެ މަތިން ކަމަށް އެއްބަސްވުމުގައި ބުނެފައިވެ އެވެ.
އެހެންކަމުން އެއްބަސްވުމާ އޮތް ހަމައަށް ޕާޓީތަކުން އަމަލު ކުރާ ނަމަ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ވާދަ ކުރާނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީ ވާދަ ކުރާނީ 22 ދާއިރާއަށެވެ. އަދާލަތު ޕާޓީއަށް 13 ދާއިރާ ލިބޭއިރު މައުމޫންއަށް ލިބޭނީ 17 ދާއިރާ އެވެ. ނަމަވެސް އެއާ ހިލާފަށް އެމްޑީޕީއިން ވަނީ 87 ދާއިރާއަށް ވާދަ ކުރަން ނިންމާފަ އެވެ. އެއީ ކޯލިޝަން އެއްބަސްވުމާ އެމްޑީޕީ ހިލާފުވުން ކަމަށް އެހެން ޕާޓީތަކުގެ ފަރާތްތަކުން ބުނެ އެވެ.
އެ އެއްބަސްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޕާޓީތަކާ ވަކިވަކިން ކުރައްވާފައިވާ ލިޔުމެކެވެ. އެމްޑީޕީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ވެސް ހަސެނެވެ. އަދި، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއިން މަންދޫބުން ސޮއި ކުރައްވާފައިވެ އެވެ. ނަމަވެސް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއެއް ނުކުރެ އެވެ. އެއީ ރައީސް މައުމޫންގެ ބައެއް ޑިމާންޑްތައް ފުރިހަމަ ނުވާތީ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
"އަވަސް ހުކުރު" ޕްރޮގްރާމަށް ހަސަން ލަތީފް ދެއްވި އިންޓަވިއުގައި ވިދާޅުވީ، އެހެން ޕާޓީތަކުން އެއްބަސްވުމެއް ކަމަށް ބުނާ ލިޔުމުގައި އޭނާ ސޮއި ކުރެއްވި ކަމަށާއި ނަމަވެސް އެއީ ކޯލިޝަން އެއްބަސްވުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ހަސަން ވިދާޅުވި ގޮތުގައި ކޯލިޝަންގެ މަޝްވަރާ ކޮމެޓީ، 1819 ކޮމެޓީގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ބަހާނެ ގޮތުގެ މަޝްވަރާތައް ކުރި އެވެ. އެކި ޕާޓީތަކުން އެ ޕާޓީތަކުން ބޭނުންވާ ހުށަހެޅުންތައް ވެސް ހުށަހެޅި އެވެ. އެގޮތުން އަނގަ ބަހުން އެމްޑީޕީއިން ބޭނުންވާ ގޮތް ވެސް ކޮމެޓީއަށް ހުށަހަޅާފައިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
"އެކަމަކު އޭގެ ތެރެއިން އެއް ޕާޓީއިން ބޭނުންވި އަޅުގަނޑު ހުށަހެޅި ކަންކަން ލިޔުމުން ދިނުމަށް، އަޅުގަނޑު ދެން އެ ޕާޓީގެ ނަން ނުބުނި ކަމުގައި ވިޔަސް، އެގޮތަށް އެދިވަޑައިގަތީމަ ލިޔުމުން ވެސް އަޅުގަނޑުމެން ދިނިން، އަދި ސޮއިކުރަން ބޭނުންވީމަ، އަނގަ ބަހުން ދެއްކި ވާހަކަ ލިޔުމެއްގައި ސޮއިކޮށްފަ ވާނީ ދީފަ، އެމްޑީޕީގެ ފަރާތުން އަޅުގަނޑު ސޮއި ކުރީ މި ދެންނެވި ލިޔުމުގައި،" ހަސަން ވިދާޅުވި އެވެ.
އޭގެފަހުން އެއް ޕާޓީއިން ބޭނުންވީ ކެންޑިޑޭޓް ވެސް ސޮއި ކުރަން ކަމަށާއި އެހެންވެ އެ ޕާޓީއެއް ބޭނުންވާ ލިޔުމުގައި ވަކިވަކިން އޭރުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރެއްވި ކަމަށް ހަސަން ވިދާޅުވި އެވެ. ނަމަވެސް އެއްބަސްވުމަކަށް ބަލާނަމަ އެއީ ތާކުންތާކު ޖެހޭ އެއްޗެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަސަން ވިދާޅުވި އެވެ.
"އަދާލަތު ޕާޓީއިން ޖުމްހޫރީ ޕާޓީއިން ނުވަތަ އެމްއާރްއެމްއިން މިވެނި އެވެނި ކަމަކަށް އެއްބަސްވެއޭ ބުނާ ލިޔުމެއްގައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ސޮއި ކުރީމަ އޭގެން ދޭހަވަނީ ކޮން ކަމެއް ކަމެއް އަދި އެހާ ރަނގަޅަކަށް އަޅުގަނޑަކަށް ދޭހައެއް ނުވޭ، އެކަމަކު އެ ބޭފުޅުން ބޭނުންވީމަ އެ ސޮއި ވެސް ކުރައްވާފަ އެ އޮތީ،" ހަސަން ވިދާޅުވި އެވެ.
"އެކަމަކު ކޯލިޝަން އެގްރިމެންޓެއްގެ ގޮތުގައި ސިފަ ކުރައްވާ އެ ބޭފުޅުން ވާހަކަ ދައްކަވާތީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ، ކޯލިޝަންގެ އެއްބަސްވުމެއް އޮންނަ ކަމަށްވާނެ ހަތަރު ޕާޓީ ސޮއިކޮށްފަ އޮންނަން ޖެހޭ،" ހަސަން ވިދާޅުވި އެވެ.
ހަސަން ލަތީފް ވިދާޅުވި ގޮތުގައި ކޯލިޝަންގެ ފަރާތުން ނުވަތަ ކޯލިޝަންގެ ނިންމުމަކަށް އެ ނިންމުމެއް ވަނީ ހަތަރު ޕާޓީ އެއްބަސްވުމުންނެވެ. އެއީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ކަމުގައިވީ ނަމަވެސް ގުޅިފައިވާ ބަޔާނެއް ނެރުމަށް ކަމަށްވީ ނަމަވެސް ހަތަރު ޕާޓީގެ ރުހުން އޮންނަން ޖެހޭ ކަމަށް ހަސަން ވިދާޅުވި އެވެ. ހަތަރު ޕާޓީގެ ރުހުން ނެތްނަމަ އެއީ ކޯލިޝަންގެ ބަޔާނެއްގެ ގޮތުގައި ނުނެރޭކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"މިހާރު މިއޮތް ކޯލިޝަންގެ އެއްބަސްވުމަކަށް ވާނީ އޭގައި ހަތަރު ލީޑަރުންގެ ސޮއި އޮވެގެން، އެ އަދި ލީޑަރުންނަށް ވާކަށް ނުޖެހޭ، އެ ބޭފުޅުންގެ މަންދޫބުން ވިޔަސް، މާޗް މަހު އޮންނާނެ ހަތަރު ލީޑަރުން އެއްބަސްވެފަ އޮންނަ ކޯލިޝަން އެއްބަސްވުމެއް، އެއީ ކޯލިޝަން އުފެދިގެން އައި ގޮތް، އޭގެ ފަހުން ވެސް މަޖިލީހުގެ މަސައްކަތާ ގުޅޭ ގޮތުން ވެސް ކުރިން އޮންނާނެ ކޯލިޝަން އެއްބަސްވުމެއް ހަތަރު ލީޑަރުންގެ، އެކަމަކު މިހާރު އެ ގެންގުޅޭ ލިޔުމަކީ ހަތަރު ޕާޓީއިން އެއްބަސްވި ކަމެއް ނޫން، އެ އެއްބަސް ނުވެވި އޮތީ ވެސް ބައެއް ޕާޓީތަކަށް އޭގައި ގަބޫލު ނުކުރެވޭ ކަންތައްތަކެއް ހުރުމުން،" ހަސަން ވިދާޅުވި އެވެ.
ހަސަން ވިދާޅުވި ގޮތުގައި މަޖިލިސް އިންތިހާބަށް އެކުގައި ނުކުތުމަށް މަޝްވަރާތަކެއް ކުރި ނަމަވެސް އޭގައި ގޮތެއް ނުނިންމި މިހާ ހިސާބަށް އާދެވުމުން އެއީ އެހެން މަރުހަލާއަކަށް ދެވުން ކަމަށެވެ. އެހެންވެ ޕާޓީތަކުން މަޖިލިސް އިންތިހާބުގައި ވަކިވަކި ވާދަކުރުމަށްފަހު އެ ޕާޓީއަކަށް ކާމިޔާބު ކުރެވުނު އެންމެ ގިނަ ގޮނޑިތަކަކާއެކު މަޖިލީހަށް ވަދެ، ކޯލިޝަން ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރުމަކީ ހަމަ އެންމެ ރަނގަޅު ގޮތެއް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.