އަވަސް ހުކުރު

މައްސަލަތަކެއް ނެތް، ކޯލިޝަން ދަމަހައްޓާނަން: ހަސަން

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީއިން ކުރިމަތިލާން ނިންމާފައިވީ ނަމަވެސް އޭގެ ސަބަބުން ކޯލިޝަންގެ ތެރޭގައި މައްސަލަތަކެއް އުފެދިފައިނުވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ކޯލިޝަން ތެރޭގައި ގޮނޑިތައް ބަހަން ނިންމާފައިވަނިކޮށް އެމްޑީޕީއިން 87 ދާއިރާއަށް ވާދަ ކުރަން ނިންމުމުން އެހެން ޕާޓީތަކުގެ ބައެއް ފަރާތްތަކުން ނުރުހުން ފާޅުކުރި އެވެ. އަދި އިދިކޮޅު ފަރާތްތަކުން ވަނީ އެއީ ކޯލިޝަންގެ "ޖަނާޒާ"ގެ ފެށުން ކަމުގައި ސިފަކޮށްފަ އެވެ.

އެކަމަކު، ކޯލިޝަން ރޫޅިގެންދާ ފަދަ މައްސަލަތަކެއް ނެތްކަން ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން މިވަނީ ހާމަ ކުރައްވާފަ އެވެ. ހަސަން އެ ވާހަކަތައް ހިއްސާ ކުރެއްވީ "އަވަސް"އިން ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުގަ އެވެ.

"އަޅުގަނޑަށް ނުފެނޭ މައްސަލަ އުޅޭ ތަނެއް، އެހެން މި ދެންނެވީ ސަރުކާރުގެ މަސައްކަތް އެ އޮތް ކުރިއަށް ދަނީ، ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން މިއަދު ވެސް އައްޔަން ކުރައްވައިފި ރައިސުލްޖުމްހޫރިއްޔާ، ދައުލަތުގެ ހަމަ މަތީ މަގާމުތަކަށް، ސްޓޭޓް މިނިސްޓަރުންނަށް، އަޅުގަނޑަކަށް ހަމަ ނުފެނޭ މައްސަލަތަކެއް އުޅޭ ތަނެއް ކޯލިޝަންގެ ތެރޭގައި،" ހަސަން ވިދާޅުވި އެވެ.

"ފެނިވަޑައިގަންނަވާނެ އެމްޑީޕީގެ ރައީސް ނަޝީދުގެ ހަފުލާއަކަށް މީގެ ދެ ތިން ރޭ ކުރިން ޖުމްހޫރީ ޕާޓީ ލީޑަރު ވަޑައިގެން ހުންނެވި އެ ތަނުގަ ވެސް، އެހެންވީމަ އަޅުގަނޑުމެންނަކަށް ނުފެނޭ މައްސަލަތަކެއް،"

ހަސަން ވިދާޅުވި ގޮތުގައި ކޯލިޝަން ދެމެހެއްޓުމުގައި އެމްޑީޕީގެ ވެސް ވަރަށް ބޮޑު ދައުރެއް އޮންނާނެ އެވެ. ކޯލިޝަންގެ އެންމެ ބޮޑު ޕާޓީއަށްވާއިރު ރައިސުލްޖުމްހޫރިއްޔާއަކީ ވެސް އެމްޑީޕީގެ ބޭފުޅެއްކަން ހަސަން ފާހަގަ ކުރެއްވި އެވެ. ހަމައެފަދައިން ކޯލިޝަން ދެމެހެއްޓުމުގައި އަނެއް ތިން ޕާޓީގެ ޒިންމާ ވެސް ހަމަ އެހާ މުހިންމު ކަމަށް ހަސަން ވިދާޅުވި އެވެ.

"މިއަކީ ހަމައެކަނި އެމްޑީޕީގެ މަސްލަހަތު އޮތް ކަމެއް ނޫން، އެހެން ޕާޓީތަކުގެ މަސްލަހަތު ވެސް އޮންނާނެ، އެހެން ޕާޓީތަކުގެ ދައުރު ވެސް ޒިންމާ ވެސް އޮންނާާނެ ކޯލިޝަން ދެމެހެއްޓުމުގައި،" ހަސަން ވިދާޅުވި އެވެ. "އެއް ޕާޓީ ވެސް މީގެ ތެރެއިން ނެއްޓިގެން ދާ ކަމަށްވާނަމަ އެއީ ހީނަރުވާނެ ކަމެއް، ކޯލިޝަނާ މެދު ސުވާލު ވެސް އުފެދޭނެ ކަމެއް، އެއީ އަޅުގަނޑުމެން ބޭނުންވާ ކަމެއް ނޫން،"

ހަސަން ވިދާޅުވި ގޮތުގައި މަޖިލިސް އިންތިހާބަށް އެކުގައި ނުކުތުމަށް މަޝްވަރާތަކެއް ކުރި ނަމަވެސް އޭގައި ގޮތެއް ނުނިންމި މިހާ ހިސާބަށް އާދެވުމުން އެއީ އެހެން މަރުހަލާއަކަށް ދެވުން ކަމަށެވެ. އެހެންވެ ޕާޓީތަކުން މަޖިލިސް އިންތިހާބުގައި ވަކިވަކި ވާދަކުރުމަށްފަހު އެ ޕާޓީއަކަށް ކާމިޔާބު ކުރެވުނު އެންމެ ގިނަ ގޮނޑިތަކަކާއެކު މަޖިލީހަށް ވަދެ، ކޯލިޝަން ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރުމަކީ ހަމަ އެންމެ ރަނގަޅު ގޮތެއް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

ކުރީގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު ހަސަން ވިދާޅުވި ގޮތުގައި ކޯލިޝަންގެ ތެރޭގައި އެންމެ ވާދަވެރި އަދި ޑިމޮކްރަޓިކް ހަމަތަކާއެކު އެންމެ ބޮޑަށް ކުރިއަށްދާ ޕާޓީއަކީ އެމްޑީޕީ ކަމަށް އެހެން ޕާޓީތަކުން ވެސް ގަބޫލު ކުރާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވެސް އެ ޕާޓީގެ އެތައް މެންބަރުނެއް ވާދަ ކުރާއިރު، އެ އިންތިހާބު ވެސް ވަރަށް ވާދަވެރިކަން ހަސަން ފާހަގަ ކުރެއްވި އެވެ. އެހެން ކަމުން އެމްޑީޕީއަށް އެހެން ޕާޓީތަކުން ދޭން ޖެހޭ ދޫތައް ދިނުމަކީ ކޯލިޝަން ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.