ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެކުގައި އިންތިހާބަށް ނިކުތުމަށް ކޯލިޝަން ޕާޓްނަރުންނަށް ރައީސްގެ ދައުވަތެއް

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެކުގައި ނުކުތުމަށް އެދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ކޯލިޝަނުގެ ބައިވެރިންނަށް ސިޓީފުޅެއް ފޮނުވައިފި އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެގެ ވަގުތެއްގައި ރައީސް ސޯލިހު ވަނީ މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ، އެމްއާރްއެމް އަދި ޖޭޕީގެ ލީޑަރަށް ސިޓީފުޅެއް ފޮނުވާފަ އެވެ.

މި ސިޓީފުޅުގައި ރައީސް ވަނީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށްވެސް ކޯލިޝަނެއް ހަދައި އެކުގައި ނުކުތުމުގެ ދައުވަތު އެ ބޭފުޅުންނަށް ދެއްވާފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ހެދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބޭނުންވާނަމަ އެކަމުގައި ގޮތެއް ނިންމެވުމުގެ ބާރު އެމަނިކުފާނަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ފާސްކޮށްފަ އެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ގިނަ ބަޔަކާ އެކު ބޭއްވި ޖަލްސާއެއްގައި ވަނީ ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލުކޮށްފަ އެވެ.

ކޯލިޝަން ހެދުމަށް ރައީސް މަސައްކަތްޕުޅު ކުރައްވަމުން އަންނަ އިރު، އެމަނިކުފާނުގެ އަރިސް ދެ ބޭފުޅުން ކަމުގައިވާ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒް ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުފުޅުކުރައްވާފަ އެވެ. ނަމަވެސް، މި ބައްދަލުވުމުގައި ވަކި ހުށަހެޅުމެއް ނެތް ކަމަށާއި އަދި ވަކި ކަމަކަށް އެއްބަސްވެފައި ނުވާ ކަމަށް އެމްޑީޕީއިން މައުލޫމާތުދެއެވެ.

ޖޭޕީ ކޮންގްރެސް މި މަހުގެ 24 އަދި 25 ގައި ބޭއްވުމަށް އެ ޕާޓީއިން އަންނަނީ ތައްޔާރުވަމުންނެވެ. ޖޭޕީގެ މިދައުރުގެ ލީޑަރަކަށް ވެސް އިންތިހާބުވެފައިވަނީ ގާސިމް އިބްރާހީމްއެވެ.