އިމްރާން އަބްދުﷲ

"ސިޔާސީ މަސައްކަތްތަކުގައި އެއް ހިޔާލެއްގައި މަސައްކަތް ކުރަންޖެހޭ"

ސިޔާސީ މަސައްކަތްތަކުގައި ހިޔާލު ބަދަލުނުކޮށް މަސައްކަތް ކުރުމުން ނޫނީ ހެޔޮ ނަތީޖާ ނުނެރެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިއަދު ވިދާޅުވީ ސިޔާސީ މަސައްކަތްތަކުގައި އިހުލާސްތެރި ހިތަކައިގެން އެއްގޮތެއްގައި ދިގު މުއްދަތަކަށް ދެމިހުރެގެން މެނުވީ ހެޔޮ ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ. އަދި މިކަން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމުގައި ވިދާޅުވި އެވެ.

"ނާކާމިޔާބުވުމަކީ އިރުކޮޅު ކޮޅާ ގޮތް ބަދަލު ކުރަން ޖެހޭ ކަމެއް ނޫނެވެ." އިމްރާން ވިދާޅުވި އެވެ.

އިމްރާން މިހެން ވިދާޅުވެފައި މިވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީން މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއާއި އެކު ކޯލިޝަން ހަދަން ނިންމި ފަހުން ވަރަށް ގިނަ ދީނީ އިލްމުވެރިންނާއި ސިޔާސީ ލީޑަރުން އެމަނިކުފާނަށް ފާޑު ކިޔަމުން ދަނިކޮށެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ތެރެއިން 2023ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި އެކު ކޯލިޝަން ހެދުމަށް އަދި މިހާތަނަށް ނިންމީ އަދާލަތުން އެކަންޏެވެ.

މީގެ އިތުރުން މިހާރުގެ ސަރުކާރުގެ ކޯލިޝަންގައި ނެތް މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް އިން ވަނީ މިއަހަރުގެ އިންތިހާބުގައި އެމްޑީޕީއާއި އެކު ކޯލިޝަން ހެދުމަށް ނިންމާފަ އެވެ.

މިހާރުގެ ކޯލިޝަންގައި ދެވަނައަށް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގައި އެ ޕާޓީން ނިންމާފައިވަނީ އެ ޕާޓީގެ އަމިއްލަ ކެންޑިޑޭޓަކާއި އެކު ރިޔާސީ އިންތިހާބުގައި ކުރިއަށް ދިއުމަށެވެ.

އެމްޑީޕީއާއި އެކު މިވަގުތު ކޯލިޝަންގައި އޮތް ޕާޓީތަކުގެ ތެރެއިން މޯލްޑިވްސް ރިފޯމް މޫވްމަންޓް އިން 2023ގެ އިންތިހާބުގައި އަމަލު ކުރާނެ ގޮތެއް އަދި ނުނިންމަ އެވެ.