ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

2023 ކާމިޔާބު ކުރެވޭނެކަން ޔަގީން: ރައީސް

ކޯލިޝަނަކާއެކު ނުކުމެ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ. މިއީ ރިޔާސީ އިންތިހާބާ ގުޅޭގޮތުން މިހާ ސާފު ޖަވާބެއް އެމަނިކުފާނު ދެއްވި ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި އަވަސް އިން ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ. އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ވަރަަށް ގިނަ މަޝްރޫއުތައް ފައްޓަވާފައިވާ ކަމަށާ ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާން ޖެހޭ ކަމަށެވެ.

އޭގެ ފަހަށް އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެންމެ ރަނގަޅު ގޮތަކީ ޕްރައިމަރީއެއް ބޭއްވުން ކަމަށާ އެމްޑީޕީން އަމަލު ކުރާނީ އަސާސީ ގަވާއިދުގައި އޮތް ގޮތަށް ކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ އެމްޑީޕީގެ ކޮންގްރެސް އިން ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ރައީސް ވިދާޅުވީ 2023 ގެ އިންތިހާބުވެސް އެއް ޕާޓީއަކަށް އެކަނި ނިކުމެ ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނަށް އޮތް ޔަގީން ކަމަކީ ކޯލިޝަނަކާއެކު ނިކުންނަވާ 2023 ކާމިޔާބު ކުރެއްވުން ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޯލިޝަނަކާއެކު އެމްޑީޕީ އިސްވެ އޮވެ ބަޔަކާއެކީގައި ނިކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ. އެމްޑީޕީއަށް އެކަންޏެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023. އެމްޑީޕީއަށް ވެރިކަން ކުރަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ސޯލިހް މިއަދު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމެއް 2023 ގައި ގާއިމުކޮށް މިހާރު އޮތް ވެރިކަން ދަމަހައްޓަން އެދޭނަމަ އެކަމަށް އޮތް "ޗޮއިސް" އަކީ އެމަނިކުފާނު ކަމަށް ރައީސް ވިދާޅުވިއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެކި ފަހަރު މަތީން ފާޅު ކުރައްވާފައެވެ.

އަދި އެމްޑީޕީގެ އެތެރޭގެ އެއްވެސް އިންތިހާބެއްގައި ވޯޓުން ބަލި ނުކުރެވޭނެ ކަމަށް ވިދާޅުވެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވޭނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"ޕްރައިމަރީއިން އަޅުގަނޑު ބައްޔެއް ނުކުރެވޭނެ. އަޅުގަނޑަކީ ގަދަވުމަށް އިންތިހާބުތަކުގަ ވާދަކުރާ މީހެއް،" ރައީސް ނަޝީދު ކުރީން ވިދާޅުވި އެވެ.

ދާދި ފަހުން ޓީވީ އިންޓަވިއުއެއްގައި ނަޝީދު ވަނީ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު އޮތް ދުވަހު ނަޝީދު ދެއްވި އިންޓަވިއުގައި ވިދާޅުވީ 2023 ގެ ރިޔާސީ ރޭހަށް އެމްޑީޕީގެ ޓިކެޓްގައި ނިކުންނަވާނެ ކެންޑިޑޭޓަކު ނިންމާނީ އެމްޑީޕީގެ މެންބަރުން ކަމަށެވެ. އެއީ ރިޔާސީ ޕްރައިމަރީއަކުން ކަމަަށްވެސް ވިދާޅުވިއެވެ. އެ ޕްރައިމަރީއަށް ރައީސް ސޯލިހާއި އެމަނިކުފާނުގެ އިތުރުން އެހެން ބޭފުޅަކުވެސް ނިކުންނެވުން ވަރަށް މުހިންމު ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އޭގެ ފަހަށް ދެން ވިދާޅުވީ ރިޔާސީ ޕްރައިމަރީއަށް ރައީސް ސޯލިހް ނިކުންނަވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަަށެވެ. އަދި ރައީސް ސޯލިހް މިހާތަނަށް ވެސް އެފަދަ ވާހަކައެއް ދައްކަވާފައިނުވާކަން ފާހަގަ ކުރެއްވެވިއެވެ.

"އަޅުގަނޑު ލަފަޔެއް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު [ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް] ނުކުންނަވާނެ ކަމަކަށް. އެހެންނަމަވެސް އަޅުގަނޑު ނުކުންނަ ވާހަކަ ތަކުރާރުކޮށް އެކި ގޮތްގޮތަށް އެބަ ބުނެވޭ،" ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲވެސް ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.