ހަބަރު

މިދިޔަ ހަފުތާ މާލޭގައި 58 އެކްސިޑެންޓް

މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން 12 އަށް މާލޭގައި 58 އެކްސިޑެންޓު ހިނގި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ޓްރެފިކް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާއްމުކުރާ މާލޭ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާގެ ތެރޭގައި ގަވާއިދާ ހިލާފުވެގެން 17 ސައިކަލަކާއި އަށް ކާރެއް ޓޯކޮށްފައިވެ އެވެ. މިދިޔަ ހަފްތާގައި 58 އެކްސިޑެންޓެއް ހިނގި އިރު އެކްސިޑެންޓުގައި އަނިޔާވި އަދަދު ހަތަކަށް އަރަ އެވެ.

ފުލުހުން މިއަދު އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި ތެރޭ 569 ސައިކަލް ހުއްޓުވައި ބަލައި ފާސް ކުރި އެވެ. މީގެ ތެރެއިން ލައިސަންސް ނެތި ސައިކަލު ދުއްވި، 113 މީހަކާއި ލައިސަންސް އޮވެ، ލައިސަންސް ނުލައި ސައިކަލް ދުއްވި 59 ފަރާތަކަށް ފިޔަވަޅު އެޅި އެވެ.

މަގުމަތީގެ އާއްމު ގަވާއިދުގައި ކަނޑައެޅިފައިވާ ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވައިގެން 14 ފަރާތަކަށާއި 18 އަހަރު ނުފުރެނީސް ސައިކަލް ދުއްވި ދެ ކުއްޖަކަށް ފިޔަވަޅު އެޅި ކަމަށް ވެސް ފުލުހުން އާއްމު ކުރި ހިސާބުތަކުގައި ވެ އެވެ.

މީގެ އިތުރުން 968 ވެހިކަލެއްގައި ވަނީ ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިވާކަމުގެ ސްޓިކާ ޖަހާފަ އެވެ.