އޭއެފްސީ

ފީފާއަށް މާޔަން ހުށަހެޅި މައްސަލައަށް ދުނިޔޭގެ ސަމާލުކަން

އޭއެފްސީ އިންތިހާބަށް، އޭޝިއާގެ އޮލިމްޕިކް ކައުންސިލްގެ ރައީސް، ކުވައިތުގެ ޝައިހް އަހްމަދު އަލް ފަހްދު އަލް އަހްމަދު އަލް ސަބާހް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް، އިންތިހާބުގައި ވާދަ ކުރި ރާއްޖޭގެ މަރްޔަމް މުހައްމަދު 'މާޔަން' ފީފާގެ އެތިކްސް ކޮމިޓީއަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި، އޭއެފްސީ އިންތިހާބުގައި މާޔަން ވަނީ ފީފާ ކައުންސިލަށް އޭއެފްސީގެ ފަރާތުން ތަމްސީލް ކުރާނެ އަންހެން މެންބަރުންގެ މަގާމަށް ކުރިމަތި ލައްވާފަ އެވެ. އެހެންނަވެސް އިންތިހާބުގައި އޭނާ އަށް ނާކާމިޔާބާ ކުރިމަތިވީ، ބަންގުލ؛ަދޭޝްގެ މަހްފޫޒާ އަހްތަރު ކިރޮންއާ ވާދަ ކޮށެވެ.

މާޔަން ތުހުމަތު ކުރާ ގޮތުގައި، އޭނާއަށް ފުރުސަތު ގެއްލުވާލުމަށް އަހްމަދު އަލް ސަބާހް މަސައްކަތް ކުރެއްވި އެވެ. މާޔަން ވިދާޅުވީ އިންތިހާބުގެ ކުރިން އޭނާއާ އަހްމަދު އަލް ސަބާހް އާ ބައްދަލުވި ކަމަށެވެ. އަދި މާޔަންގެ ނަން ނަގައިފިނަމަ ފީފާ ނުވަތަ އޭއެފްސީގެ ތެރެއިން އެހެން މަގާމެއް ހުށަހަޅުވާނެ ކަމަށް އަހްމަދު އަލް ސަބާހް ވިދާޅުވި ކަމަށެވެ.

މި މައްސަލަ ފީފާގެ އެތިކްސް ކޮމިޓީން ބަލައިގެންފައިވާތީ މައްސަލައާ ގުޅިގެން ތަފްސީލީ ވާހަކަތަކެއް ދެއްކެން ނެތް ކަމަށް މާޔަން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އިންތިހާބެއްގައި ހިނގައިގެން ނުވާނެ ކަންކަން، ޝައިހް އަހްމަދުގެ ފަރާތުން އޭނާއަށް ފެނިފައިވާ ކަމަށެވެ.

"އެކަންކަން އަޅުގަނޑު ވާނީ ރިއާޔަތް ކޮށްފަ ހުށަހަޅާފަ،" މާޔަން ވިދާޅުވި އެވެ. "ނަން ނަގާށޭ ބުނުމުން އަޅުގަނޑު ބުނިން އަޅުގަނޑު މިހުރީ އިންތިހާބައިގެން ކުރިއަށް ދާށޭ، މިކަމަށް ފުރުސަތު ދެއްވާށޭ."

މަހްފޫޒާ އަހްތަރުގެ ކުރިން، ފީފާގެ ކައުންސިލްގައި އޭއެފްސީ އަންހެން މެންބަރުގެ ގޮނޑި ތަމްސީލު ކުރެއްވީ އޮސްޓްރޭލިއާގެ މާޔާ ޑޮޑް އެވެ. 2015 ވަނަ އަހަރުގެ އިންތިހާބުގައި އޭނާ ކަޓުވާލުމަށް ފަހު މަހްފޫޒާ އަހްތަރު ހޮވުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އެއީ އޭރު މަހްފޫޒާ އަހްތަރަކީ ގިނަ ބަޔަކަށް ނޭންގޭ މީހެއް ކަމަށް ވެފައި އޭނާ އިންތިހާބު ކާމިޔާބު ކުރުމުންނެވެ.

ފަހަުން ތުހުމަތު ކުރެވުނު ގޮތުގައި މަހްފޫޒާ އަހްތަރު މަގާމަށް ގެނައުމުގައި ނުސީދާ ގޮތުން ނާޖާއިޒް ކަންތައްތަކެއް ހިނގި އެވެ.

މާޔަން ހުށަހެޅި މައްސަލައަށް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ. އެމެރިކާގެ މަޝްހޫރު ނިއުޔޯކް ޓައިމްސް އާއި ވޮށިޓަންޕޯސްޓްގެ އިތުރުން ބައެއް އެހެން ނޫސްތަކުންވެސް ވަނީ މާޔަންގެ މައްސަލައަށް ސަމާލުކަން ހުއްޓިފަ އެވެ.