ލޭ އޮހޮރުވުމާއި ބިރުވެރިކަމުގެ ތެރޭގައި 25 އަހަރަށް ދިގު ދެމިގެންދިޔަ ދާހިލީ، އަދި އަހުލީ ހަނގުރާމަ ނިމުނުތާ 10 އަހަރު ފަހުން، ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ އަވަށްޓެރި ސްރީލަންކާގައި އަނެއްކާވެސް ބިރުވެރިކަމާއި ނާމާކަން ފެތުރާލައިފި އެވެ. ފުލު ފުލުގައި ދިން ޓެރަރިސްޓް ހަމަލާތަކާއެކު ލަންކާ މަސްރަހުގައި ހަމަނުޖެހުންތައް އުތުރި އަރާފަ އެވެ.
ވަރަށް ބޮޑަށް ރޭވިގެން މިއަދު ފުލުފުލުގައި ދިން ބޮމުގެ ހަމަލާތަކެއްގައި މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން މަރުވެ، 400 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، ސުލްހަވެރިކަމާއެކު ދިރިއުޅުމުން އައި ގައުމަށް ވަނީ ކުއްލި ސިހުމާއި ހައިރާންކަން ލިބިފަ އެވެ. ހަނގުރާމައިގެ މައިދާނަކަށް ބަދަލުކޮށްލާފަ އެވެ.
ބޮންތައް ގޮއްވާލާފައި ވަނީ މިއަދު ހެނދުނު ކްރިސްޓިއަނުން ފާހަގަ ކުރާ އީސްޓާއާ ދިމާކޮށް ދެ ފައްޅީގެ އިތުރުން، ކޮލޮމްބޯގައި ހުންނަ ފަސް ތަރީގެ ތިން ހޮޓަލަކަށް އަމާޒުކޮށެވެ.
މިއަދު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މިއަދު ދިން އަށް ހަމަލާގެ ތެރެއިން ގިނަ ހަމަލާތައް ދީފައިވަނީ ޖާނުން ފިދާވެގެން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް، އެ ހަމަލާގެ ފަހަތުގައި ތިބީ ސީދާ ކޮން ޖަމާއަތެއްކަމެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ލަންކާ ސަރުކާރުން 25 އަހަރަށް ދިގުދެމިގެންދިޔަ ހަނގުރާމަ ރަސްމީކޮށް ނިމިފައިވަނީ 2009 ވަނަ އަހަރެވެ. އެ ދިގު ހަނގުރާމައިގެ ތެރެއިން ދެ ފަރާތުން ވެސް ބޮޑެތި ޖަރީމާތައް ހިނގާފައިވާއިރު، މިއަދުގެ ހަމަލާތަކާއެކު އެލްޓީޓީއީ އިން ދީފައިވާ ނުރައްކާތެރި ހަމަލާތަކުގެ ހަނދާންތައް ވަނީ އާވެފަ އެވެ.
މިއަދުގެ ހަމަލާތަކަކީ ގައުމުގެ ހަމަޖެހުން ނަގާލައި، އިގުތިސޯދު ފުނޑާލުމުމުގެ ބޭނުމުގައި ބައެއްގެ ހީލަތްތެރި ރޭވުމެއްގެ ގޮތުގައި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ސިފަކުރައްވައިފަ އެވެ.
ކްރިސްޓިއަނުން ބިރުވެރިކަމުގެ ތެރޭގައި!
ބުދު ދީނުގެ ހަރުކަށި ވިސްނުމުގެ މީހުންގެ ފަރާތުން ބިރުދެއްކުމުގެ އަމަލުތައް ހިނގަމުންދާތާ އަހަރުތަކެއްވެފައިވާ ކަމަށް އާބާދީގެ ހަތް ޕަސަންޓް ހިއްސާކުރާ ކްރިސްޓިއަނުން ވަނީ ބުނެފަ އެވެ. މިދިޔަ އަހަރު ވެސް ބުޑިސްޓުންނާ މުސްލިމުންނާ ދެމެދު ވެސް ހަމަނުޖެހުންތަކެއް ވަނީ ހިނގައިފަ އެވެ. މިއަދުގެ ހަމަލާތަކުގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރި މައްޗަށް ގެންނަން ކްރިސްޓިއަނުންގެ ފަރާތުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.
ސެކިޔުރިޓީ ވަރުގަދަކޮށް ކާފިއު ހިންގާފައި
މިއަދުގެ ބޮމުގެ ހަމަލާތަކާއި ގުޅިގެން ނުބައި މައުލޫމާތު ފެތުރުން ހުއްޓުވުމަށް ލަންކާ ސަރުކާރުން ވަނީ ސޯޝަލް މީޑިއާ ކޮންޓްރޯލްކޮށް މާދަމާގެ ނިޔަލަށް މުޅި ގައުމުގައި ކާފިއު ހިންގައިފަ އެވެ. ސަރުކާރުގެ އެންމެ މުހިންމު މަސައްކަތަކީ ހަމަޖެހުން ގާއިމުކުރުން ކަމުގައި، ރައީސް މައިތިރިޕާލަ ސިރިސޭނަ ވެސް ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން، ސަރުކާރުގެ އޮފީސްތަކުގެ އިތުރުން އެއާޕޯޓުތަކާއި ހޮސްޕިޓަލުތަކުގައި ހަތިޔާރު ހިފައިގެން ތިބި ސިފައިން ދަނީ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.
މިއަދުގެ ހަމަލާތަކުގެ ޒިންމާ އަދި މިހާތަނަށް އެއްވެސް ފަރާތަކުން ނަގާފައިނުވި ނަމަވެސް، ހަމަލާތައް ރާވާފައިވާ ފުރިހަމަކަމާމެދު ސަލަމާތީ ބާރުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މި ހަމަލާތަކަކީ ލަންކާގައި ނުރައްކާތެރި ހާލަތެއްގެ ފެށުމުގެ ގޮތުގައި، މިހާރުވެސް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
ފުލުފުލުގައި ދިން ހަމަލާތައް ކުރުކޮށް!
- ޖާނުންފިދާވެގެން އަށް ބޮމެއް ވަނީ ގޮއްވާލާފައި
- ތިން ފައްޅިއަކާއި ތިން ހޮޓަލަކަށް ވަނީ ހަމަލާދީފައި
- މިހާތަނަށް 207 މީހުން ވަނީ މަރުވެފައި
- ހަ ގައުމަކުން 30 ޓޫރިސްޓުން ވަނީ މަރުވެފައި
- ޒަހަމްވި މީހުންގެ އަދަދު ވަނީ 400 އަށް ވުރެ މައްޗަށް އަރާފައި
- ހަމަލާދިނީ ހަރުކަށި ފިކުރުގެ އެއް ޖަމާއަތަކުން
- މިހާތަނަށް ހަތް މީހުން ވަނީ ހައްޔަރުކޮށްފައި
- މާދަމާގެ ހެނދުނު 6.00 އާ ހަމައަށް ވަނީ ކާފިއު ހިންގާފައި
ދިވެއްސަކަށް ގެއްލުމެއް ނުލިބޭ!
މިއަދުގެ ހަމަލާތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި ނުލިބޭކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ބުނެފަ އެވެ. އެމްބަސީގެ އޮފިޝަލަކު "އަވަސް" އަށް މައުލޫމާތު ދިން ގޮތުގައި، މިއަދުގެ ހަމަލާގައި ޒަހަމްވި މީހުން ގެންދިޔަ ހޮސްޕިޓަލުތައް ބަލާފައިވާ ކަމަށާއި، އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ހިމެނޭކަމެއް އަދި އެނގެންނެތް ކަމަށެވެ.
މިއަދު ހަމަލާދިން ތިން ހޮޓަލުގެ ތެރެއިން އެއް ހޮޓަލުގައި ދެ ދިވެހިން ތިބިކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، އެމީހުންނަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށްވެ އެވެ. ސްރީލަންކާއަކީ ދިވެހިންނާ ހާއްސަ ގުޅުމެއް އޮތް އެންމެ އަވަށްޓެރި ގައުމެކެވެ. މިދިއަ އަހަރު ލަންކާއަށް 79،108 ދިވެހިން ޒިޔާރަތް ކުރި އެވެ.