ދުނިޔެ

ލަންކާ ބޮމުގެ ހަމަލާގެ ތަހުގީގާމެދު ކަންބޮޑުވުން

Jun 23, 2020

ކޮލޮމްބޯ (ޖޫން 23) - ސްރީލަންކާގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ނިމުމަކާ ހަމައަށް ގޮސްފައިވާކަމަށް ފުލުހުން ބުނެފައިވާއިރު، ތަހުގީގުގެ އެކި މަރުހަލާތަކުގައި އަމަލުކޮށްފައިވާ ގޮތާމެދު ފާޅުކުރަމުންދާ ކަންބޮޑުވުންތައް އިތުރުވެއްޖެ އެވެ.

އީސްޓާ ސަންޑޭއާ ދިމާކޮށް ލަންކާގެ ތިން ފައްޅިއަކާއި ތިން ހޮޓަލަކަށް ދިން ޓެރަރިޒަމްގެ ހަމަލާގައި 279 މީހުން މަރުވި އެވެ.

އެ ހަމަލާއާ ގުޅިގެން، 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، ލަންކާ ފުލުހުން ދާދި ފަހުން ބުނެފައިވަނީ އެ ތަހުގީގު މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

ނަމަވެސް، ހަމަލާގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރަމުންދާ އުސޫލާމެދު ހައްގުތަކާބެހޭ ޖަމިއްޔާތަކާއި، އާއްމުންގެ އިތުރުން ގާނޫނީ ބޭފުޅުންވެސް ދަނީ ސުވާލު އުފައްދަމުންނެވެ.

އެގޮތުން، އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވެފައިވަނީ، މިދިއަ އޭޕްރީލް މަހު މުސްލިމު ގާނޫނީ ވަކީލެއް ހައްޔަރުކުރުމާ ގުޅިގެނެވެ. ރައްޔިތުންގެ ގިނަ ހައްގުތަކެއް ވަރަށް ބޮޑަށް ހަނިވާގޮތަށް އޮންނަ ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން، ހެޖާޒް ހިޒްބުﷲ ހައްޔަރުކޮށްފައިވަނީ މިދިއަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ބޮމުގެ ހަމަލާއާ ގުޅިގެން ކަމެއް ފުލުހުން ފުރަތަމަ ބުނެފައިނުވާއިރު، މިއަދާ ހަމައަށްވެސް އޭނާ ކޯޓަށް ހާޒިރުކޮށްފައެއް ނުވެ އެވެ.

އަދި ވަކީލަކާ ބައްދަލުކުރުމުގެ ފުރުސަތުވެސް ދީފައިވަނީ ވަރަށް ފަހުން ކަމަށާއި، އެ ބައްދަލުވުމުގައިވެސް ތަހުގީގީ ޓީމުގެ މެންބަރުން ތިބިކަމަށް ބުނެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެއާއެކު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިތުރުން އެމްނެސްޓީން ވެސް ވަނީ ހިޒްބުﷲގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.