އައިއެމްއެފް

ދަރަނި އަދާކުރެވޭނެ ގޮތްތަކެއް ރާވަން އައިއެމްއެފް އިން ލަންކާއަށް ގޮވާލައިފި

ޗައިނާއާ މަޝްވަރާކޮށްގެން ދަރަނި އަދާކުރެވޭނެ ގޮތްތަކެއް ރާވަން -- ދަރަނި އަލުން ސްޓްރަކްޗާކުރަން، އިންޓަނޭޝަނަލް މަނީޓަރީފަންޑް (އައިއެމްއެފް) އިން ލަންކާއަށް އަނެއްކާ ވެސް ގޮވާލައިފި އެވެ.

އިގުތިސޯދީ ގޮތުން ލަންކާ ވެއްޓިފައި އޮތް ވަޅުގަނޑުން އަރައިގަތުމަށް ދުނިޔޭގެ މާލީ އިދާރާތަކުން އެހީ ހޯދަން އެ ގައުމުން ކުރާ މަސައްކަތްތަކުގައި ދިމާވެފައި އޮތް އެެންމެ ބޮޑު ހުރަހަކީ ވެސް ދަރަނި ދެއްކޭނެ ގޮތެއް ނެތުމެވެ.

އައިއެމްއެފް އިން މި އަހަރުގެ ކުރީކޮޅު ބުނި ގޮތުން ދަރަނި ދެއްކެން ހުރި ގޮތްތައް ލަންކާއިން ރޭވުމުން ނޫނީ އެ އިދާރާއިން ލޯނެއް ނުލިބޭނެ އެވެ.

ދަރަނި ދީފައި ހުރި ގައުމުތަކާ އެކު، ޚާއްސަކޮށް ޗައިނާ އާއެކު މަޝްވަރާކޮށް ދަރަނި ދެއްކާނެ ކަމުގެ ޔަގީންކަން ހޯދުމަށް ދާންދެން އައިއެމްއެފް އަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނެތް ކަމަށް ވެސް އޮތީ ބުނެފަ އެވެ.

އެހެން ނަމަވެސް، ދަރަނި އަލުން ސްޓްރަކްޗާ ކުރުމުގައި ލަންކާއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އައިއެމްއެފް އިން އޮތީ ބުނެފަ އެވެ.

އިގުތިސޯދީ މާހިރުން ބުނާ ގޮތުގައި ލަންކާއަށް ދިމާވެފައި އޮތް ދަތި ހާލަތާ ގުޅިގެން އެންމެ ބޮޑު ތަކުލީފެއް ޖެހިފައި ވަނީ 22 މިލިއަން ރައްޔިތުންނަށެވެ.

ލަންކާގެ ތަރައްގީއަށް ޗައިނާއިން 6.5 ބިލިއަން ޑޮލަރު ނަގާފައި ހުރި ކަމަށް މާލީ އިދާރާތަކުން ބުނެ އެވެ. އެ އާއެކު އެހެނިހެން މާލީ އިދާރާތަކުން ލޯނުގެ ގޮތުގައި ނަގާފައި ހުރި ބޮޑެތި އަދަދުތައް ދެއްކާނެ ގޮތްތަކެއް ވެސް ލަންކާ ހޯދަން ޖެހޭ ކަމަށް އައިއެމްއެފް ވަނީ ބުނެފަ އެވެ.

އައިއެމްއެފް އިން ބުނީ ދުނިޔޭގެ މާލީ އިދާރާތަކުން ބުނާ ގޮތަށް ލަންކާގެ މާލީ ނިޒާމު ބަދަލުކޮށްގެން ނޫން ގޮތަކަށް އިގުތިސޯދީ ކާރިސާއިން އަރައިގަތުން ފަސޭހައެއް ނުވާނެ އެވެ.

ލަންކާ އަމިއްލައަށް ގޮތްތަކެއް ހޯދުމަށް ވުރެ މި ވަގުތަށް މުހިންމީ މާލީ އިދާރާތަކުން ދޭ ނަސޭހަތް ގަބޫލުކޮށް އާންމުން ރައްޔިތުންނަށް ހިނގައިގަނެވޭ ވަރު ކުރުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.