ދުނިޔެ

ލަންކާއަށް އޭއައިއައިބީ އިން 100 މިލިއަން ޑޮލަރު

ސްރީ ލަންކާ އަށް 100 މިލިއަން ޑޮލަރުގެ ފަންޑެއް ހުޅުވާލައި މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އިން ބުނެފި އެވެ.

ބޭންކްގެ ރައީސް ޗިން ލިކުން ވިދާޅުވި ގޮތުގައި ބޭންކުގެ އަސާސަކީ މެމްބަރު ގައުމުތަކަށް އެހީތެރިވުމެވެ.

އޭނާ އަދި ވިދާޅުވީ ކޮވިޑާ ގުޅިގެން ދިމާވި ދަތިހާލަތާއި ދުނިޔޭ މަޝްރަހަށް އަންނަ ބޮޑެތި ބަދަލުތަކުގައި ގައުމުތަކަށް ލިބޭ ދަތިކަން ލުއިކޮށްދެވޭތޯ ބެލުމަކީ ބޭންކުގެ އުއްމީދެއް ކަމަށެވެ.

ބޭންކްގެ އިންވެސްޓަރުން -- ދަރަނި ދޫކުރާ ގައުމުތަކުން ދުނިޔޭގެ ހާލަތަށް ހޭވެރިވެ ތިބުމަށް ރައީސް ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ ބޭނުމަކީ ގައުމުތަކަށް އެހީތެރިކަން ބެހެވިގެން ދިއުން ކަމަށެވެ.

ލަންކާ މިއަދު އޮތީ ބަނގުރޫޓުވެފައި ކަމަށް ވިދާޅުވެ ޗިން ލިކުން ވިދާޅުވީ ކޮވިޑްގައި ލަންކާއަށް ޖެހުނު ހާލަތަށް ވުރެ އެ ގައުމުން މާލީ ސިޔާސަތު ބައްޓަންކުރި ގޮތުން ޖެހުނު ހާލު ބޮޑު ކަމަށެެވެ.

ސްރީލަންކާ މިހާރު އޮތް ހާލަތުން މިންޖުކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުންނާއި މުއްސަނދި ގައުމުތަކުން -- ލޯނު ދޫކުރެވޭ ވަރުގެ ގާބިލުކަން ހުރި ގައުމުތަކުން ވަނީ ލަންކާގެ ޕްރޮޕޯސަލްތައް ބަލައިގެންފަ އެވެ. އަދި ލަންކާ އަށް ދަރަނި ދެއްކެން ހުރި ގޮތްތަކާއި އާމްދަނީ ހޯދަން ސަރުކާރުން ކަނޑައަޅާ ސިޔާސަތު ބަޔާކުރުމަށްވެސް ވަނީ ގޮވާލާފަ އެވެ.

ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހާގެ ވިސްނުންފުޅުގައި އޮތީ ގައުމު އޮތް ހާލަތުން ސަލާމަތްކުރުމަށް ފެންވަރު ދަށްކުރުމެވެ. އެގޮތުން ސަރުކާރުން ބޮޑެތި ހަރަދު ނުކޮށް އަދި މަސައްކަތްތެރިންނަށް ފުރުސަތު ހުޅުވާލައި ޓެކްސްގެ ސިޔާސަތަށް މަޑުމަޑުން ބަދަލު ގެނައުމެވެ.

ޗިން ލިކުން ވިދާޅުވި ގޮތުގައި ލަންކާ ހިމެނެނީ އެހީއަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައި އޮތް ގައުމެއް ގޮތުގަ އެވެ. އޭނާ އަދި ވިދާޅުވީ ދުނިޔެއަށް ދިމާވާ ބޮޑެތި ކާރިސާތަކުގެ ސަބަބުން ނިކަމެތިވާ ގައުމުތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި އިގުތިސާދީ ގޮތުން އަރައިގަތުމަށް މަސައްކަތްކުރާ ގައުމުތަކަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައި ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.