ލަންކާގެ ޑޮމެސްޓިކް ދަރަނި ރީސްޓްރަކްޗާކުރަން ސަރުކާރުން ހުށަހެޅި ޕްލޭނަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފި އެވެ.
މިއީ އިންޓަނޭޝަނަލް މަނީޓަރީ ފަންޑު (އައިއެމްއެފް) އިން ލަންކާއަށް ދޭނެ ކަމަށް ބުނެފައި އޮތް 2.9 ބިލިއަން ޑޮލަރުގެ އެހީ ހޯދުމަށް އައިއެމްއެފް އިން ކޮށްފައި އޮތް ޝަރުތެކެވެ.
ގާނޫން ހަދާ މަޖިލީހުގައި ނެގި މި ވޯޓަށް -- 225 މެމްބަރުން ހިމެނޭ މަޖިލީހުގެ 122 މެމްބަރަކު ތާއީދުކުރި އެވެ.
ލަންކާއަށް އިގުތިސާދީ ގޮތުން 2022 ގައި ކުރިމަތިވި ނިކަމެތި ހާލަތުން އަރައިގަތުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ވަނީ ލަފާތަކެއް ދީފަ އެވެ. އޭގެ ތެރޭގައި އަމިއްލަ ގައުމުގެ ދަރަނި އަލުން ދިރާސާކޮށް ޕްލޭނެއް ރޭވުމަށް އޮތީ ނަސޭހަތްތެރިވެފަ އެވެ.
ދަރަނި އަލުން އެކުލަވާލަން މާލީ އިދާރާތަކުން އިރުޝާދު ދިން އެންމެ ބޮޑު ބޭނުމަކީ ބޭރު ގައުމުތަކުން -- ނުވަތަ މާލީ އިދާރާތަކުން ނަގާ ލޯނު ދެއްކުމުގައި ހުރި ގާބިލުކަން އަންދާޒާކުރުމެވެ.
މާލީ އިދާރާތަކުން ދިން އިރުޝާދާ އެކުވެސް ލަންކާއިން މި ފަހަރު ނޫނީ ދަރަނި ރީސްޓްރަކްޗާކުރުމުގައި ލަންކާއިން އަމަލީ ސިފަ ޖައްސާފައެވެ ނުވެ އެވެ.
ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ބުނާ ގޮތުން ލަންކާގައި 42 ބިލިއަން ޑޮލަރުގެ ޑޮމެސްޓިކް ދަރައްޏެއް އެބަ އޮތެވެ.
ގާނޫން ހަދާ މަޖިލީހުން މި ޕްލޭނަށް ރުހުން ދިނެއް ކަމަކު -- ދަރަނި ދެއްކުމުގައި އަޑި ފެންނަ ނިޒާމެއް އެކުލަވާލުމަށް އިދިކޮޅުން އޮތީ ސަރުކާރަށް ނަސޭހްތެރިވެފަ އެވެ. ކޮރަޕްޝަނަށް މަގުފަހިވާން ހުރި ފިޔަވަޅުތައް ހުއްޓުވައި މާލީ އިދާރާތަކުން ލިބޭ އެހިތެރިކަން ބަލައިގެން ބޭނުންކުރުމަށާއި ދަރަނި ދެއްކުމަށް ޚާއްސަކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ.