ދުނިޔެ

ލަންކާގައި ބޭރުފައިސާ ގޭގައި ހިފެހެއްޓުން ކުށަކަށް ހަދަނީ

ލަންކާގައި އާންމުންގެ އަތުގައި ބޭންކަށް ޖަމާ ނުކޮށް ބޭރުފައިސާ، އެމެރިކާ ޑޮލަރު ވަކި އަދަދަކަށް ވުރެ އިތުރަށް ބެހެއްޓުން އަދަބު ލިބޭ ކަމަކަށް ހަދަނީ އެވެ.

މަރުކަޒީ ބޭންކްގެ ވެރިޔާ ނަންދަލާލް ވީރަސިންހާ ވިދާޅުވި ގޮތުގައި ބޭރު ފައިސާ ގެންގުޅޭ ކަމަށް ބެލެވޭ މީހުން ހޯދާ ބަލައި 10،000 އަށް ވުރެ އިތުރަށް ހުރި ނަމަ މައްސަލަ ބަލަން ފުލުހުންނަށް ހަވާލު ކުރައްވާނެ ކަމަށެވެ. މިފަދަ ދެ ހާދިސާއެއް މިދާކަށް ދުވަހު ވަނީ ހިނގާފަ އެވެ.

ލަންކާގެ ހާލަތު މިހާރު އޮތް ގޮތުން ގައުމު އޮތީ ބޭރު ފައިސާއަށް ވަރަށް ބޮޑަށް ބޭނުން ޖެހިފަ އެވެ. މިފަދަ ދަނޑިވަޅެއްގައި ބޭންކަށް ޖަމާ ނުކޮށް ގިނަ އަދަދެއްގެ ފައިސާ އަމިއްލަ ބެލުމުގެ ދަށުގައި ގެންގުޅުމަކީ ހުއްދަ ކަމަކަށް ވެގެން ނުވާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. ލަންކާގައި މީގެ ކުރިން އާންމުންގެ އަތުގައި 15،000 ޑޮލަރު ބެހެއްޓެ އެވެ.

ގަވަރުނަރު ވިދާޅުވީ އެދެވޭ ގޮތަކީ އާންމުން ދައުލަތަށް އެހިތެރިވުމެވެ. ބޭރު ފައިސާ އަތުގައި ހުރި ނަމަ ބޭންކަށް ޖަމާކޮށް ދައުރު ކުރަން ދޫކޮށްލުމަކީ މިދަނޑިވަޅުގައި ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމެއް ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވި ގޮތުގައި ބޭރު ފައިސާ ގެންގުޅުމުގެ ގަވާއިދާ ޚިލާފުވާ ކޮންމެ މީހަކާ މެދު ފިޔަވަޅު އަޅުއްވާނެ އެވެ. އަދި ސަރުކާރުން ހުށަހަޅާ ލުއި ގޮތްތަށް ގަބޫލުނުކުރާ މީހުންގެ ފައިސާ ހިފެހެއްޓޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ލަންކާއަށް ބޭރު ފައިސާ ލިބުން ދަތިވެ އިގުތިސޯދީ ގޮތުން ގައުމު އޮތީ އަނދަވަޅެއްގަ އެވެ. އާންމުން ދުވަހުން ދުވަހަށް ބޭނުންކުރާ އެންމެ އާދައިގެ ބާވައްތައް ވެސް ލިބުން ދަތިވެ ވަނީ ކޮޑު ކާރިސާއަކަށް ވެފަ އެވެ.

ޕެޓްރޯލާއި ޑީސަލް ލިބުން ދަތިވެ ކަނުއަނދިރީގައި އުޅެން ޖެހިފައި ވާއިރު ބޭސްފަރުވާއަށް ބޭނުންވާ އަސާސީ ތަކެތި ވެސް ވަނީ ގައުމުން ހުސްވެފަ އެވެ.

ދުނިޔޭގެ މުއްސަނދި ގައުމުތަކުން، ޖަޕާން އަދި ޔޫރަޕްގެ ބައެއް ގައުމުތަކުން ލަންކާއަށް ކާބޯތަކެއްޗާއި ސިއްހީ އެހީތެރިކަމަށް ބޭނުންވާ ސާމާނު ފޮނުވަން ވަނީ އެއްބަސްވެފަ އެވެ. އަދި ދުނިޔޭގެ މާލީ އިދާރާތަކުން ލަންކާއަށް އެހީތެރިވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް، މިކަންކަން ހަމައަކަށް އެޅި ހިނގައި ގަންނަން އަދި ދުވަސްތަކެއް ނަގާނެ އެވެ.