ރިޕޯޓް

ލަންކާ އިންތިހާބު: ފާހަގަކޮށްލެވޭ ފަސް ކަމެއް!

ސްރީލަންކާގައި މިދިއަ ބުދަ ދުވަހު ބޭއްވި އާއްމު އިންތިހާބު، ރާޖަޕަކަސްގެ ދެބެން ވަނީ ތަނަވަސް އަގުލަބިއްޔަތަކާއެކު ކާމިޔާބު ކުރައްވައިފަ އެވެ.

ރައީސް ގޮތާބޭ ރާޖަޕަކްސަ އާއިި ބޮޑުވަޒީރު އަދި ރައީސް ގޮތަބޭގެގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަގެ ޕާޓީން ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ 225 ގޮނޑީގެ ތެރެއިން 150 އަށް ވުރެ ގިނަ ގޮނޑި ހޯއްދަވައިފަ އެވެ.

މިދިއަ ރިޔާސީ އިންތިހާބު ބޮޑު ތަފާތަކާއެކު ކާމިޔާބު ކުރައްވައި ގޮތާބޭ މިދިއަ އަހަރު ވެރިކަމަށް ވަޑައިގެންނެވީ، މެޖޯރިޓީ ސިންހަލަ ގައުމިއްޔަތެއް ބިނާކުރުމާއި، ހާއްސަކޮށް ގައުމީ ސަލާމަތީ ވަރުގަދަ ސިޔާސަތުތަކެއްގެ ވައުދުގެ މަތީގަ އެވެ.

މިދިއަ މާޗް މަހު ޕާލިމަންޓް އުވާލައި، އަވަސް އިންތިހާބެއް ބާއްވަން ގޮތާބޭ ބޭނުންފުޅުވީ ދައުލަތުގެ ފުރިހަމަ ބާރު ހޯއްދެވުމުގެ މަގުސަދުގައި ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ. މިހާރު ގާނޫނީ އަސާސީ ބަދަލުކުރުމުގެ އަގުލަބިއްޔަތާއެކު، ބޭބޭފުޅުގެ ބޮޑުވަޒީރުކަމުގެ ދަށުން، ޕާލިމަންޓު ދެން ހުޅުވޭއިރު، ލަންކާގެ ސިޔާސީ އޮއިވަރު އެނބުރިގެންދާނެ ގޮތާމެދު ނަޒަރު ހިންގާލުން މުހިއްމެވެ.

އާއިލީ ވެރިކަމުގެ ނުފޫޒު ވަރުގަދަވުން

ރާޖަޕަކްސަގެ ދެބެއިން އިސްވެ ހުންނަވާ ވެރިކަންކުރާ ސްރީލަންކާ ޕޮޑުޖަނަ ޕާޓީ (އެސްއެލްއެފްޕީ) އިން އިންތިހާބު ކާމިޔާބު ކުރާނެކަމަށް އޭރުވެސް ލަފާކުރެވުނެވެ. ހަމައެކަނި ސުވާލު އުފެދިފައިއޮތީ، ގާނޫނު ހަދާ މަޖިލީހުގެ ތިން ބައި ކުޅަ ދެ ބައި ކާމިޔާބުކުރަން ރައީސް ގޮތަބާ ހިއްޕެވި އަމާޒު ހާސިލުކުރެއްވޭނެ ކަމާމެދު އެވެ.

މަހިންދަ ރާޖަޕަކްސްގެ 10 އަހަރުގެ ވެރިކަމަށްފަހު، 2015 ގައި ރައީސްގެ ގިނަ ބާރުތަކެއް ބޮޑުވަޒީރަށާއި އެހެން މުއައްސަސާތަކަށްލިބޭ ގޮތަށް ގެނެވުނު އިސްލާހު ބާތިލުކުރުމަކީ ރައީސް ގޮތާބޭގެ ކެމްޕެއިން ވައުދެކެވެ. އެހެންކަމުން، މަދުވެގެން 150 ގޮނޑި ކާމިޔާބު ނުކުރެވިއްޖެނަމަ، އެހެން ޕާޓީއަކާއެކު ކޯލިޝަން ހަދަންޖެހުމުގެ ދޮރު އޮތީ ހުޅުވިފަ އެވެ.

ނަމަވެސް، ބުދަ ދުވަހުގެ ބޮޑު ކާމިޔާބީއާއެކު، އެހެން ޕާޓީއަކާއެކު ކޮމްޕްރޮމައިޒަކަށް މިހާރު ދާން ނުޖެހުމަކީ، ރާޖަޕަކްސަގެ ދެބެއިންގެ ނުފޫޒު ގާނޫނު އަސާސީއާ ހަމައަށް ފަތުރާލަން އޮތް ހުރިހާ ހުރަސްތަކެއް ނައްތާލެވުމެވެ. އެގޮތުން، 2015 ވަނަ އަހަރުގެ އިސްލާހުގެ އިތުރުން، ދެ ދައުރަށްވުރެ ގިނައިން ރައީސްކަން ކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރާނެކަމުގެ އަޑުތައްވެސް މިހާރު ވަނީ އިވެން ފަށައިފަ އެވެ. އޭގެ ބޭނުމަކީ، ގޮތާބޭއަށްފަހު، މަހިންދައަށް އަނެއްކާވެސް ރައީސްކަމަށް ވާދަކުރުމުގެ މަގު ކޮށައިދިނުމެވެ.

ބާރުތައް މަރުކަޒު ކުރުން، ހުދުމުހުތާރުކަމުގެ އިންޒާރު

މިދިއަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމަށް ވަޑައިގަތުމާއެކު، ދައުލަތް ހިންގުމުގެ ބާރުތައް މަރުކަޒުކުރައްވަމުން ގެންދަވާ މަންޒަރު ދަނީ ފެންނަމުންނެވެ. ރާޖަޕަކްސަގެ ދެބެއިން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ، 2015 ވަނަ އަހަރުގެ އިސްލާހާއެކު ހިންގުން ނިކަމެތިވުމުގެ ސަބަބުން، ގައުމީ ސަލާމަތާބެހޭ ސިޔާސަތުތައް ބަލިކަށިވެފައިވާ ކަމަށެވެ.

އެގޮތުން، މިހާރުވެސް ދައުލަތުގެ އިސް މަގާމުތަކަށް ކުރީގެ އަދި މިހާރުގެ ސިފައިންގެ އިސް އޮފިސަރުން އައްޔަނުކުރައްވަމުން ގެންދަވާއިރު، ރިޔާސީ ކޮމިޝަނުތައް އުފައްދަވައިގެން، ދައުލަތް ހިންގުމުގެ ކަންކަމުގައި ކަމާބެހޭ މިނިސްޓްރީތަކުގެ ބާރުތައްވެސް ހަނިކުރައްވަމުން ގެންދަވާކަމުގެ ތުހުމަތުތައް ގޮތާބޭއަށް ވަނީ އަމާޒުވެފަ އެވެ.

އެކަމަށް އެންމެ ފަސޭހަވެގެން ގޮސްފައިވަނީ، މިދިއަ މާޗް މަހު ޕާލިމަންޓް އުވާލެއްވި ފަހުން، ކޮވިޑް-19 އިގެ ސަބަބުން އިންތިހާބު ނުބޭއްވި، ގައުމު ވެއްޓިގެން ދިއަ ދުސްތޫރީ ހުސްކަމެވެ. ލަންކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ޕާލަމަންޓެއް އުވާލާތާ ގިނަ ވެގެން ތިން މަސް ދުވަހުގެ ތެރޭގައި އާ އާއްމު އިންތިހާބެއް ބާއްވަން ޖެހޭނެ އެވެ.

މާޗް ދެވަނަ ދުވަހުގެ ފެށިގެން، ގޮތާބޭ ރާޖަޕަކްސާ ގައުމު ހިންގަވަމުން ގެންދަވަނީ ޕާލިމަންޓު އުވާލާފައި ބާއްވައިގެން ކަމަށާއި، އެއީ ދައުލަތުގެ އެއް ބާރުން މުޅި ދައުލަތުގެ ހިންގުން ހިސޯރު ކުރުން ކަމަށް ލަންކާގެ ގާނޫނީ ބޭފުޅުން ވަނީ ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ކޮވިޑް-19 އިގެ ފަދަ ސިއްހީ ކާރިސާއެއްގެ ތެރެއިން ސަރުކާރުން ކުރަމުންދާ މަސައްކަތަށް ގާނޫނު ހަދާ މަޖިލީހު ފާރަވެރިވުމުގެ ބާރު ނިގުޅައިގެންފައިވާކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. އެ ނުކުތާތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހެޅި އެވެ. ނަމަވެސް، އެ މައްސަލަ ނިމިގެން ދިއައީ ގޮތާބޭއާ އެއް ކޮޅަށެވެ.

ބާރުތައް މަރުކަޒުކުރުމުގެ ތެރެއިން، ފާއިތުވި އަހަރުތަކުގައި ގައުމަށް ލިބުނު މިނިވަންކަމާއި އަސާސީ ހައްގުތައް ވެސް މިހާރުވެސް ހަނިވާން ފަށާފައިވާކަމަށް ހައްގުތަކާބެހޭ ޖަމިއްޔާތަކުން މިހާރުވެސް ވަނީ ބުނަން ފަށައިފަ އެވެ. ސަރުކާރަށް ފާޑުކިއާ ސިޔާސީ މީހުންގެ އިތުރުން ނޫސްވެރިންނަށްވެސް ފުރައްސާރަކޮށް ބިރުދެއްކުމުގެ ސަގާފަތް އިއާދަވެފައިވާކަމުގެ ކަންބޮޑުވުންތައްވެސް އަނެއްކާވެސް ދަނީ އިވެމުންނެވެ.

މުސްލިމުންނާއި ތަމަޅައިންނަށް ބިރުވެރިކަން

މިދިއަ އަހަރުގެ ނޮވެމްބަރު މަހު، ގޮތާބޭ ވެރިކަމަށް ވަޑައިގެންނެވި ކެމްޕެއިނުގައި މައިގަނޑު ގޮތެއްގައި އަމާޒުކުރައްވާފައިވަނީ އާބާދީގެ މެޖޯރިޓީ ސިންހަލަ ވޯޓަށެވެ. އާބާދީގެ 70 ޕަސަންޓަކީ ސިންހަލަ މީހުންކަމަށްވާއިރު، އޭގެ ތެރޭގައި ގިނައީ ބުޑިސްޓުންނެވެ. ގައުމީ ސަލާމަތުގެ ނަމުގައި، ބުޑިސްޓު ގައުމިއްޔަތެއްގެ ރޫހާއެއް ގޮތަށް ކެމްޕެއިން ބައްޓަންކުރައްވައި، ބުޑިސްޓު ހަރުކަށި ފިކުރުގެ މީހުނަށް ހާއްސަކޮށް ގައުމުގެ މުސްލިމުންނާ ދެކޮޅު ފިކުރަށް ހިތްވަރުދޭކަމުގެ ތުހުމަތު ގޮތާބޭގެ ޕާޓީއަށް އޮތީ އަމާޒުވެފަ އެވެ.

ނަމަވެސް، ޕާލިމަންޓް އިންތިހާބުގައި ވެސް އެސްއެލްޕީޕީގެ ކެމްޕެއިންވެސް ބައްޓަންކޮށްފައިއޮތީ މައިގަނޑު ގޮތެއްގައި އެ ފަދަ ފިކުރެއްގެ މައްޗަށެވެ. އަދި މުސްލިމުންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއްދީ، ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުތައް އަންދާލަން ސަރުކާރުން ނިންމި ނިންމުން ބުޑިސްޓުންގެ މެދުގައި މަގުބޫލުވި އެވެ.

އެގޮތުން، ހާއްސަކޮށް މުސްލިމުންނާމެދު ނަފުރަތު އުފެދޭ ގޮތަށް އެސްއެލްޕީޕީގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ފާހަގަކުރެވިފައިވާކަމަށް ލަންކާގެ ސެންޓާ ފޮ މޮނިޓަރިން އިލެކްޝަން ވަޔަލަންސް (ސީއެމްވީ) އިން ވަނީ ބުނެފަ އެވެ.

މުސްލިމުންގެ އިތުރުން، ލަންކާގެ ތަމަޅައިންނަށްވެސް އޮތް ބިރުވެރިކަން އޮތީ އިތުރުވެފަ އެވެ. އަދި ތަމަޅަ ޓައިގަރުންގެ ހަނގުރާމަވެރިންނާ ދެކޮޅަށް 26 އަހަރަށް ދިގު ދެމިގެންދިޔަ ދާހިލީ ހަނގުރާމައިގެ ތެރެއިން ލާއިންސާނީ އަމަލުތައް ހިންގިކަމަށް ތުހުމަތުކުރެވޭ އެތަކެއް ސިފައިންނަކަށް މައާފު ދެމުންދާތީ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

ލަދުވެތި ނާކިމާޔާބީއާއެކު އިދިކޮޅުގެ މުސްތަގުބަލަށް ހިޔަނި އެޅިފައި

މައި އިދިކޮޅު ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއެކު އިންތިހާބާ ކުރިމަތިލީ، އެތެރޭގެ ކޯޅުންތަކާއެކު ޕާޓީ ދެ ކަފިވެފައިވަނިކޮށެވެ.

އެގޮތުން، ނޮވެމްބަރުގެ އިންތިހާބުގައި ގޮތާބެއާ ދެކޮޅަށް ޔޫއެންޕީން ވާދަކުރެއްވި ސަޖިތު ޕްރޭމަދާސަ ވަނީ ޕާޓީ ދޫކުރައްވައި، ސަމަގީ ޖަނަ ބަލަވެގަޔަ (އެސްޖޭބީ)ގެ ނަމުގައި ޕާޓީއެއް އުފައްދަވައިފަ އެވެ. އަދި ސަޖިތުގެ ފަހަތުން ޔޫއެންޕީގެ އިސް ބައެއް ބޭފުޅުންވެސް ވަނީ ޕާޓީ ދޫކުރައްވައިފަ އެވެ.

އެއާއެކު، ޔޫއެންޕީ އަށް ލިބުނީ އެންމެ ގޮނޑި އެކެވެ. އަދި ރަނިލްގެ ސިޔާސީ ހަޔާތުގައި ފުރަތަމަ ފަހަރަށް އާއްމު އިންތިހާބެއްގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ވަނީ ޖެހިވަޑައިގެންފަ އެވެ. ރަނިލް ވަނީ 1978 ވަނަ އަހަރުން ފެށިގެން އަށް ދައުރު ޕާލިމަންޓުގެ މެންބަރުކަން ކުރައްވައިފަ އެވެ. އެންމެ ފަހުން ބޭއްވުނު އާއްމު އިންތިހާބުގައި އެމަނިކުފާނު ވަނީ ރެކޯޑް އަދަދަކަށް ވޯޓު ހޯއްދަވައިފަ އެވެ.

ސަޖިތުގެ ޕާޓީން ދެވަނަ އަށް އެންމެ ގިނަ ގޮނޑި ހޯދި ނަމަވެސް، ރާޖަޕަކްސަގެ ދެބެއިންނާ ވާދަކޮށްލެވޭ ގޮތެއް ނުވި އެވެ. އަދި އެއާއެކު ލަންކާގެ އިދިކޮޅު ލީޑަރުގެ ދައުރާމެދު އޮތީ ސުވާލު އުފެދިފަ އެވެ. އެގޮތުން، މި ނާކިމާޔީބީއަށްފަހު ރަނިލް ސީޔާސީ މަސައްކަތުން ދުރަށް ވަޑައިގަންނަވާނެކަމަށް އެއް ބައަކު ލަފާކުރާއިރު، ސަޖިތުއަށް އިދިކޮޅު ލީޑަރެއްގެ ރޯލު އެކަށީގެންވާ ގޮތެއްގައި އަދާކުރެއްވޭނެތޯ މިއީ އުފެދިފައިވާ ސުވާލުތަކެވެ.

ލަންކާގެ އިގުތިސޯދީ ކާރިސާ

ސިޔާސީ މައިދާން ކޮންމެ ގޮތަކަށް ނިއުޅެމުން އައި ނަމަވެސް، ރާޖަޕަކްސަގެ ދެބެއިންގެ އެންމެ މުހިއްމު އެއް އަމާޒަކަށްވަނީ ކޮވިޑް-19 އާ ގުޅިގެން ލަންކާގެ އިގުތިސޯދު ވެއްޓިފައިވާ ވަޅުގަނޑުން ނަގައި ކޮޅަށް ޖެހުމެވެ.

ވާލްޑު ބޭންކުން ލަފާކުރާ ގޮތުގައި، މިއަހަރު ލަންކާގެ އިގުތިސޯދު ތިން ޕަސަންޓަށް ހީނަރުވާނެ އެވެ. މިދިއަ އަހަރުގެ ބޮމުގެ ހަމަލާއަށްފަހު، ޓޫރިޒަމަށް އައި ހީނަރުކަމުން އަރައިނުގަނެވިގެން އުޅެނިކޮށް، ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން، ލަންކާގެ އިގުތިސޯދު ވަނީ 2001 ވަނަ އަހަރުގެ ކުރިން ދަށަށް ނުދާހާ މިންވަރަށް ވެއްޓިފަ އެވެ.

އަދި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކަށް މީގެ ކުރިން ނަގާފައިވާ ބޭރުގެ ދަރަނީގެ ސަބަބުން އިގުތިސޯދަށް ވަނީ އިތުރަށް ބުރަވެފަ އެވެ. އެގޮތުން، މިދިއަ އަހަރުގެ ނިޔަލަށް 84 ބިލިއަން ޑޮލަރުގެ ޖުމްލަ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ 67 ޕަސަންޓާ ހަމައަށް ބޭރު ދަރަނި އަރަ އެވެ.

އަދި އޭގެ ތެރެއިން ގިނަ ލޯނުތައް މި އަހަރު ފަހު ކޮޅު ދައްކަންޖެހޭއިރު، އިގުތިސޯދު މަޑުޖެހިފައިވާ ދަނޑިވަޅެއްގައި ބޭރުގެ ރިޒާވަށް ވަނީ ވަރަށް ބޮޑަށް ލޮޅުން އަރައިފަ އެވެ.