ރަނިލް ވިކްރަމަ ސިންހާ

ލަންކާގެ ބޮޑުވަޒީރަކަށް ރަނިލް ވިކްރަމަސިންހަ

ލަންކާގެ ބޮޑުވަޒީރު ކަމަށް އެ މަގާމު މީގެ ކުރީން ފަސް ފަހަރު ފުރުއްވާފައިވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ލީޑަރު ރަނިލް ވިކްރަމަސިންހަ އައްޔަންކޮށްފި އެވެ.

ބޮޑުވަޒީރުގެ މަގާމަށް ރަނިލް ވަޑައިގެންފައި މިވަނީ ލަންކާއަށް އިގުތިސޯދީ ގޮތުން ދިމާވެފައި އޮތް ދަތި ހާލަތުން އަރައިގަތުމަށް ދެމެހެއްޓެނިވި ގޮތެއް ނުފެނިގެން އުޅެނިކޮށް ކުރިމަތިވި ސިޔާސީ ހަމަނުޖެހުންތަކާ ހެދި އެ ގައުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށެވެ. ހަމަނުޖެހުން ބޮޑުވެ ލަންކާ ބޮޑު ބިރުވެރި ކަމަކަށް ވެއްޓުމުން ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ ނުވަވަނަ ދުވަހު އެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން ރަނިލް ވިކްރަމަސިންހަ މިހާރު ވަނީ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފައްޓަވާފައެވެ. އަދި ލަންކާ އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ގެންދެވުމުގެ މަސައްކަތް ވަގުން ފައްޓަވާފައިވާ ކަމަށެވެ.

ލަންކާގެ ރައީސް ގޯޓާބެ ރާޖަ ޕަކްސައާ ދެކޮޅަށް ކުރިއަށްދާ އިހުތިޖާޖުތައް އަދިވެސް ހުއްޓާނުލައެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ އިހުތިޖާޖުތަކަށް އައު ބޮޑުވަޒީރު ރަނިލް ވަނީ ހިތްވަރު ދެއްވާފައެވެ. އިހުތިޖާޖުތަކާއި ގުޅިގެން ފުލުހުން ހުރަސް ނާޅާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

ރަނިލްއަށް، މަހިންދަ ރާޖަޕަކްސަ ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ލަންކާގެ ހާލަތު ރަނގަޅު ކުރުމަށް ކުރައްވާ މަސައްކަތްތަކަށް ކާމިޔާބަށް އެދިވަޑައިގެންނެވި އެވެ.

ލަންކާ ސަރުކާރާ ދެެކޮޅު މުޒާހަރާތައް ބޮޑުވެފައިވަނިކޮށް ސަރުކާރަށް ސަޕޯޓްކުރާ މީހުންމަގުތަކަށް ނިކުމެ ހަމަލާ ދިނުމުން މަސްރަހު ވަރަށް ބޮޑަށް ހޫނުވިއެވެ. ރާޖަޕަކްސާގެ އާއިލާއަށް ތާއީދު ކުރާ ބަޔަކު ނިކުމެ މުޒާހަރާ ކުރަން ތިބި މީހުންނަށް ހަމަލާ ދިނުމުން ލަންކާ މި ފަހުން ނުދެކޭ ފަދަ ބިރުވެރި ވަގުތުތަކެއް ތަޖުރިބާ ކުރަން ޖެހުނެވެ.

މުޒާހަރާ ކުރަން ތިބި މީހުންނަށް ހަމަލާ ދިނުމުން އެ މީހުން ކޮންޓްރޯލުން ނެއްޓި މިނިސްޓަރުންނާއި މެންބަރުންނާއި މޭޔަރުގެ ގެކޮޅުތަކުގައި ހުޅު ޖަހާ އަންދާލި އެވެ. ބައެއް މިނިސްޓަރުން ހިފަހައްޓާ ހަމަލާ ދީފައިވެސް ވެއެވެ.

ލަންކާގެ ހާލަތު ގޯސްވުމުން މުޅި ގައުމަށް ކުއްލި ހާލަތު އިއުލާނު ކުރިނަމަވެސް ހަމަނުޖެހުން ކޮންޓްރޯލް ކުރެވޭ ގޮތެއް ނުވިއެވެ.