ދުނިޔެ

ލަންކާގެ އާ ރައީސަކަށް ގޮތަބަޔަ ރާޖަޕަކްސަ

Nov 17, 2019
1

ކޮލޮމްބޯ (ނޮވެމްބަރު 17) - ސްރީލަންކާގެ ވާދަވެރި ރިޔާސީ އިންތިހާބުގައި އެންމެ ގާތުން ވާދަކުރި ކެންޑިޑޭޓް ބަލި ގަބޫލުކުރުމާއެކު، ލަންކާގެ އާ ރައީސްކަމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޮތަބަޔަ ރާޖަޕަކްސަ އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ.

ތަމަޅަ ޓައިގަރުންނާއެކު ލަންކާ ސަރުކާރުން ކުރި 25 އަހަރުގެ ދާހިލީ ހަނގުރާމަ ނިންމުމަކަށް ގެނައުމުގައި އިސްދައުރެއް އަދާކުރެއްވި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔަ ވަނީ ބުޑިސްޓް މެޖޯރިޓީ އޮންނަ ދެކުނުގެ ގިނަ ސަރަހައްދުތައް ކާމިޔާބު ކުރައްވައިފަ އެވެ.

ގޮތަބަޔައާ އެންމެ ގާތުން ވާދަކުރެއްވި، ހައުސިންގް މިނިސްޓަރު ސަޖިތު ޕްރޭމަދާސާ ވަނީ މިހާރު ބަލި ގަބޫލުކުރައްވައި، ގޮތަބަޔަ އަށް މަރުހަބާ ވިދާޅުވެފަ އެވެ.

ގާތްގަނޑަކަށް 16 މިލިއަން މީހުނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އޭގެ ތެރެއިން 80 ޕަސަންޓް މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ލަފާކޮށްފަ އެވެ. އަދި މިއަދުގެ ހަވީރުގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެކި ގައުމުތަކުގެ ލީޑަރުން ގެންދަވަނީ ލަންކާގެ އިންތިހާބީ ރައީސް ގޮތަބަޔާއަށް މަރުހަބާ ދަންނަވަމުންނެވެ.