ދުނިޔެ

ބަދުނާމު އޮތަސް އިލެކްޝަން ކާމިޔާބު ކުރެވޭނެ: މަހިންދަ ރާޖަޕަކްސަ

ލަންކާއަށް ދިމާވެފައި އޮތް އިގުތިސާދީ ހާލަތަކީ ރާޖަޕަކްސަ އާއިލާއާ ހެދި ގައުމަށް ދިމާވެފައި ނިކަމެތި ހާލަތެއް ކަމަށް މީހުން ބުންޏަސް ވެރިކަމަށް ވަޑައިގަތުމަށް ޖެހިލުންވެ ވަޑައިނުގަންވާ ކަމަށް މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.

މަހިންދައަށް ތާއީދު އޮތް ސިޔާސީ އެއްވުމެއްގައި ބަސްވިދާޅުވަމުން އޭނާ ވިދާޅުވީ ކިތަންމެ އަވަހަށް ރިޔާސީ އިންތިހާބެއް ބޭއްވި ނަމަވެސް ދެވަނަ ބޭފުޅަކު ވެރިކަމުގައި ނުހުންނަވާނެ ކަމަށެވެ.

މަހިންދަ ވަނީ ސްރީލަންކާގެ ރައީސްކަމާއި ބޮޑުވަޒީރުގެ މަގާމު ވެސް ފުރުއްވާފަ އެވެ. ރާޖަޕްކްސަ އާއިލާ އަކީ ލަންކާގައި ނުފޫޒުގަދަ އަދި ވެެރިކަމާ ހެދި ކޯޅުން ބޮޑު އާއިލާ އެކެވެ.

ސްރީލަންކާއަށް މި އަހަރު ދިމާވި އިގުތިސާދީ ދަތި ހާލަތު އާންމު ރައްޔިތުން ތަޖުރިބާ ކުރަމުން ދިޔައިރު ވެރިކަމުގައި އޮތީ ރާޖަޕަކްސަ އާއިލާ އެވެ. ރައީސްގެ މަގާމުގައި ހުންނެވީ މަހިންދަގެ ކޮއްކޮ ގޮޓާބެ ރާޖަޕަކްސަ އަދި ބޮޑުވަޒީރުގެ މަގާމުގައި ހުންނެވީ ޚުދު މަހިންދަ އެވެ.

ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ލަންކާއަށް ދިން ލަފާ ގަބޫލުނުކޮށް ސަރުކާރަށް ފެންނަ ސިޔާސަތަކަށް ގައުމު އަނބުރާލަން ހަދައިގެން އަތަށް ގޮވައި ބަނގުރޫޓުވެ ގައުމު ވެއްޓުނީ އަނދަވަޅަކަށެވެ. ޒަރޫރީ ބާވަތްތައް ލިބޭނެ އެއްވެސް ގޮތެއް ނެތި ހާލަތު ބަދަލުކުރަން އާންމުން ނުކުތީ މަތުތަކަށެވެ.

އެ ގޮތުގައި ދެމަސް ދުވަހަށް އެއްވާނެއްގައި ކުރިއަށް ގެންދިޔަ ބަސްނޭހުމުގައި އަމަން ބަލަހައްޓާ އޮފިސަރުން އާންމުންނާ ކުރިމަތިލުމުގެ ސަބަބުން ވަނީ ދައުލަތަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވައި މަހިންދައަށް ސިފައިންގެ ހިމާޔަތަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި އެވެ.

އަދި ރައީސް ގޮޓާބޭ ވެސް ގައުމު ދޫކުރައްވައި ވަޑައިގެން ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި އެވެ. އެހެން ނަމަވެސް މަހިންދަ ރާޖަޕަކްސަ މިހާރު އަނެއްކާ ވެސް ވިދާޅުވަނީ ކިތަންމެ އަވަހަށް އިންތިހާބެއް އޮތަސް އޭނާގެ ޕާޓީ ކާމިޔާބު ކުރާނެ ކަމަށެވެ. އަދި ރައީސް ކަމަށް ވަޑައިގަންނަވާނެ ކަމަށެެވެ.

ލަންކާގައި މިހާރު އޮތް ހާލަތު ބަދަލުކުރެވޭނީ މުޅިން އާ އިންތިހާބެއް ބާއްވައިގެން ކަމަށްވެސް މަހިންދަ ވިދާޅުވި އެވެ. މިއީ އިދިކޮޅު ލީޑަރުން ވެސް ވިދާޅުވާ ވިދާޅުވުމެވެ.

އެހެން ނަމަވެސް ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން އާ އިންތިހާބެއް ބާއްވައި، އާ ރައިސްކު ހޮވި ނަމަވެސް އިގުތިސާދީ ހާލަތު ރަނގަޅު ނުވާނެ ކަމަށްވެސް ސިޔާސީ ލީޑަރުން ގަބޫލު ކުރެ އެވެ.