ސްރީ ލަންކާއަށް އިގުތިސޯދީ ގޮތުން ދިމާވި ދަތި ހާލަތްތަކާ ގުޅިގެން މި އަހަރުގެ ކުރީކޮޅު -- ޖޫން މަހުގެ ތެރޭގައި، އާންމުގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ކުރި ހިމޭން އިހުތިޖާޖުތައް ހަމައިން ނެއްޓި އަމަން ބަލަހައްޓާ ފުލުހުންނާ ދެމެދު ހަމަލާތައް ބަދަލު ކުރެވުނެވެ.
މުޒާހަރާކުރި މީހުން ދައުލަތުގެ މުދަލުގައި ހުޅުޖަހައި ރަސްމީ އިދާރާތަށް ހިސޯރުކޮށް ހިންގި ހަމަނުޖެހުން ތަކުގައި މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުގެ މަގާމުން ދުރުކުރި އެވެ.
އެއަށް ފަހު ގޮޓާބެ ރާޖަޕަކްސައަށް ކުރިމަތިވެ ވަޑައިގެންނެވި ޕްރެޝަރުގައި ގައުމު ދޫކުރައްވައި ދިވެހިރާއްޖެއަށް ވަޑައިގަތެވެ. އަދި އެއަށް ފަހު ސިންގަޕޫރަށް ވަޑައިގެން ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި އެވެ.
ލަންކާއަށް މިއިން ޒަމާނަކު ވެސް ކުރިމަތިވެފައި ނުވާ ވަރުގެ ނިކަމެތިކަމެއް ތަޖުރިބާކުރަން ޖެހުނީ ކީއްވެތޯ އޮޅުން ފިލުވުމަށް -- އަދި މިކަމުގައި އެއްވެސް ބައެއްގެ އިހުމާލުވުން އޮތްތޯ ބެލުމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ސްރީލަންކާ އާއި އަދި އިތުރު ތިން ފަރާތަކުން ސްޕްރީމް ކޯޓަށް ޕެޓިޝަނެއް އޮތީ ހުށަހަޅާފަ އެވެ.
ލަންކާ ސްޕްރީމް ކޯޓުން މިހާރު ވަނީ މި މައްސަލަ ބެލުމަށް ގުޅުން ހުރި އިދާރާތަކަށް އަންގައި އަމުރުކޮށްފަ އެވެ.
ސްޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުން ކުރީގެ ރައީސް ގޮޓާބެ ރާޖަޕްކްސަ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަދި ބަސިލް ރާޖަޕަކްސަގެ މައްސަލަތައް ވަރަށް ރަނގަޅަށް ތަހުގީގު ކުރެވޭނެ އެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ސްރީލަންކާ ބުނާ ގޮތުން ސްޕްރީމް ކޯޓުން ތަހުގީގުކުރަން އެންގި މީހުންގެ ތެރޭގައި މަރުކަޒީ ބޭންކުގެ ކުރީގެ ދެ ގަވަރުނަރުން ވެސް ހިމެނެ އެވެ.
ގޮޓާބެ ރާޖަޕަކްސަ ސަރުކާރުން މާލިއްޔަތު ބެލެހެއްޓި ގޮތް އަދި ސަރުކާރުން ހޭދަކުރުމުގައި ގެންގުޅުނު ސިޔާސަތު ބަލައި އަމަލުކުރެއްވި ހުރިހާ ނުކުތާއަކަށް ރިއާޔަތްކޮށް އޮޑިޓްކުރުރުމަށް ސްޕްރީން ކޯޓުން ދެމަސް ދުވަސް ވަނީ ދީފަ އެވެ.
ސްޕްރީމް ކޯޓުގެ އަމުރުގައި އޮތް ގޮތުން ލަންކާއަށް އެވަރުގެ ދަތި ހާލަތު ބޯމަތިވަމުން ދިއައިރު ދުނިޔޭގެ މާލީ އިދާރާތަކުން އެހީތެރިކަމާއި ލަފާ ނުހޯދީ ކީއްވޭތޯ ބެލުމަށް ވެސް އަންގާފައިވެ އެވެ.
ލަންކާއަށް ބޭނުންވާ ބޭރު ފައިސާ ތާށިވެ ލިބޭނެ ކޮޅުމަތި ބަންދުވި އިރުވެސް އެނޫން ގޮތެއް ހޯދުމަށް ކޮން ބަޔަކު ކުރީ ކޮން ކަމެއްތޯ ވެސް ބަލަން ޖެހެ އެވެ.