ދުނިޔެ

ލޫޓުވައި މުދަލަށް ގެއްލުންދޭ ނަމަ ބަޑިޖަަހަން ޖެހިދާނެ: ލަންކާ

ލަންކާގައި އާންމުންގެ މުދަލަށް ގެއްލުންދީ ތަންތަން ލޫޓުވާ ނަމަ އިތުރު އިންޒާރެއް ދިނުމެއް ނެތި ބަޑިޖަހަން ޖެހިދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

މި އަމުރު މި ގޮތަށް ނެރެން ޖެހުނީ ލަންކާގެ އެކި އަވަށްތަކުގައި އާންމުން މިހާރު ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގައި ތަންތަން ރޯކޮށް މީހުން މަރައި ލޭއޮރުވަން ފެށުމުންނެވެ.

ލަންކާގެ އިގުތިސޯދީ ހާލަތު އަޑިއަޅާލައި އަމިއްލަ ބާރުގައި އަރައި ނުގަނެވޭ ވަރުވެފައި ވަނިކޮށް އެކަން ބަލައި ނުގަންނާނެ ކަމަށް ބުނެ މަގުތަކަށް އާންމުން ނުކުމެ ދަނީ ވަރަށް ބޮޑަށް ހަމަނުޖެހުން އުފައްދަމުންނެވެ.

ސަރުކާރުން ދޭ ލަފައާއި އިރުޝާދަށް ބޯ ލެނބުމެއް ނެތި އަނެއްކޮޅުން ސަރުކާރަށް ޑިމާންޑް ކުރަންމުން މުޒާހަރާކުރާ މީހުން ދަނީ މުޅި ގައުމުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ސިފަޖައްސަމުންނެވެ.

މަގުތަކަށް ނުކުމެ ހޯބޯލަވަމުން ގެންދާ އާންމުން ކޮންޓްރޯލް ކުރަން ކާފިއު އިއުލާން ކުރުމުން ވެސް ކަންތައްވީ އިހުނަށް ވުރެ ގޯހެވެ. ސިޔާސީ ލީޑަރުންނާއި ބުދު ދީންގެ ބުއްދިފިލާފައި ތިބި ހާމުދުރުން ވެސް މަގުތަކަށް ނުކުމެ ސިފައިންނާއި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން އެކުރަނީ ރަނގަޅު ކަމެއް ކަމަށް ދައްކަން ވަނީ މަސައްކަތްކޮށްފަ އެވެ.

ލަންކާގެ ހާލަތު ރަނގަޅު ކުރަން ސުލްހަވެރި މާނާގައި ކުރެވެން ހުރި ހުރިހާ ކަމެއްހެން މިހާރު ވަނީ ފޭލިވެފަ އެވެ. ސަރުކާރުގެ ދުވެލި މަޑު ކަމަށް ބުނެ ހަޅުތާޅު ކުރާ މީހުން ގޮށްމުށާއި ލަޓިބުރިތަކުން މައްސަލަތައް ހައްލު ކުރަން ވަނީ ފަށާފަ އެވެ.

އެހެންކަމުން ސަރުކާރުން މިހާރު ވަނީ ފުލުންނާއި ސިފައިންގެ ރޯލު ފުޅާކޮށް އިތުރު ބާރުތައް ދީފަ އެވެ. އެގޮތުން އިންޒާރު ދިނުމެއް ނެތި މީހުން ނަގައިގަނެގެން ގެންދިއުމާއި ސުވާލުކުރުމެއް ނެތި ހައްޔަރުގައި ބެހެއްޓުން ވަނީ މިވަގުތަށް ހުއްދަދީފަ އެވެ.

ސަރުކާރުން އާންމުގެ ފަސޭހައަށް ތަނަވަސްކޮށްފައި ހުރި ނިޒާމްތަކާއި އާންމުންގެ މުދަލަށް ގެއްލުންދީ އިމާރާތްތަކުގައި ހުޅުޖަހާ ބަޔަކު ފެނިއްޖެ ނަމަ މަރާނުލައި ހަރަކާތް ކެނޑޭ ފަދަ ތަނަކަށް އުންޑަޖަހަން ވެސް ވަނީ ހުއްދަދީފަ އެވެ. ބެލެވޭ ގޮތުގައި ސިފައިން މިވަގުތަށް ބޭނުން ކުރާނީ ރަބަރު އުންޑަ އާއި ކަރަންޓް މުގުރެވެ.