ރަނިލް ވިކްރަމަ ސިންހާ

ލަންކާއަށް ރައީސަކު ހޮވުން: އެމްޕީންނަށް ބިރުދައްކާތޯ ބަލާނެ

ލަންކާ މިހާރު އޮތީ ބަނގުރޫޓުވެފަ އެވެ. އިގުތިސޯދެއް ނެތެވެ. ދާއިމީ ވެރިއަކު ނެތެވެ. އޮތީ ވަގުތީ ސަރުކާރެކެވެ. އާ ރައީސަކު ހޮވެންދެން ދައުލަތުގެ ބާރުތަކާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެން -- ވަގުތީ ރައީސްގެ ގޮތުގައި މިހާރު ހުންނެވީ ރަނިލް ވިކްރަމަސިންހަ އެވެ.

ލަންކާއަށް ރައީސަކު ހޮވަން ޖުލައި 18 ގައި ނަންތައް ތަރުތީބުކުރާނެ އެވެ. ޕާލަމެންޓްގައި ރައީސަކު ހޮވަން މަޝްވަރާ ކުރާނެ ކަމަށް ވަނީ ޖުލައި 20 ގަ އެވެ. ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން ދުވަހުން ދުވަހަށް ވަކި ގޮތެއް ނިންމާނެ ކަމަށް -- ރައީސަކު ހޮވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

އެހެން ނަމަވެސް، ރައީސަކު ހޮވަން ޕާލަމެންޓްގައި ނަގާ ވޯޓަށް ހުރަސްއަޅަން ބަޔަކު އުޅޭ ކަމަށް ވަގުތީ ރައީސް، ރަނިލް ތުހުމުތު ކުރައްވަ އެވެ.

ރަނިލް ވިދާޅުވި ގޮތުގައި އެމްޕީންގެ ސަލާމާތާ ރައްކާތެރި ކަމަށް ސަރުކާރުން ހުޝިޔާރު ފިޔަވަޅުތަކެއް އަޅާނެ އެވެ.

މަގުތަކަށް އެއްވުމާއި ބިނާކުރަނިވި ރޫހުގައި ޝުއޫރު ފާޅުކުރުމަށް ހިތްވަރު ދެއްވާ ކަމަށް ވިދާޅުވެ ރަނިލް ވިދާޅުވި ގޮތުގައި މީހުންނަށް ބިރުދެއްކުމާއި ލޫޓުވުމަކީ ކެތްކުރައްވާނެ ކަންތައް ތަކެއް ނޫން ކަމަށެވެ.

އަމަން ބެލެހެއްޓުމަށް ދައުލަތުން އައްޔަން ކޮށްފައި ތިބި ބައެއްގެ ލޮލަށް ބޮލަށް އަރައި، ފުލުހުންނާއި ސިފައިން އަތުން ހަތިޔާރު އަތުލާ ދަރަޖައަށް ޝުއޫރު ފާޅުކުރުން ބަދަލުވުން އެއީ ބަޣާވާތެއްގެ ކުލަވަރު ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.

ރަނިލް ވިދާޅުވި ގޮތުގައި އެ ހިސާބަށް ކަންތައްތައް ދިއުމުން ތަންފީޒީ ބާރުތަކަށް އިތުރު އިޚުތިޔާރެއް ނޯންނާނެ ކަމަށާއި އެ ބަޔަކާ ދެކޮޅަށް ގާނޫން ދަމަހައްޓަން އަމުރު ކުރައްވާނެ ކަމަށެވެ.

ލަންކާއަށް އާ ރައީސަކު ހޮވި ނަމަވެސް ގައުމު ބެހެލެއްޓޭނީ އާންމުން އެއްބާރުލައިގެން ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ. އިގުތިސޯދީ ގޮތުން ގައުމު ހަމައަކަށް އަޅުވަން ވަގުތު ނަގާނެ ކަމަށާއި އެއީ އެއްރޭ އެއްދުވާލުން ކުރެވޭ ކަންތައް ތަކަށް ވުރެ ބޮޑެތި ކަންތައްތައް ކަމަށް ވެސް ވިދާޅުވި އެވެ.

ރަނިލް ވިދާޅުވި ގޮތުގައި ލަންކާއަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ ހަރުދަނާ ވެރިއަކު ހޮވުން ކަމަށާއި އެކަމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް އާންމުން އެއްބާރުލުން ދެއްވުން އެދިވަޑައި ގަންނަވާ ކަމަށެވެ.

އެމްޕީން ވޯޓު ދެއްވަން ވާނީ އަމިއްލަ އިޚުތިޔާރުގައި ކަމަށާއި އިތުރު ޕްރެޝަރެއް، މަޖުބޫރު ކަމެއް އޮވެގެން ނުވާނެ ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ސަރުކާރުން އެކަން ކަމަށް ފާރަވެރި ވާނެ ކަމަށެވެ.