ދުނިޔެ

ލަންކާގައި ވޯޓުލާ މަރުކަޒުތަކުގައި ވީޑިއޯ ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފި

ލަންކާގައި އަންނަ ހޮނިހިރު ދުވަހަކީ ވަރަށް ބޮޑު ދުވަހަކަށް ވާނެ އެވެ. ދުވަހުގެ އިރުއަރައި ހަމަޖެހިލުމުގެ ކުރިން ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް އާންމު ރައްޔިތުން ވޯޓުފޮށިތަކަށް ދުވަން ފަށާނެ އެވެ.

ލަންކާގައި މިއިން ޒަމާނަކު ވެސް މިވަރުގެ އިންތިޚާބެއް ބާއްވާފައި ނުވެ އެވެ. އިންތިޚާބުގެ ފޯރީގައި ބަޔަކު ކޮށްފާނެ ކަމަކަށް ސަމާލުވުމަށް އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ އިންތިޚާބު އޮންނަ ދުވަހު ކުރެވޭނެ ކަންތައްތަކާއި ކޮށްގެން ނުވާނެ ކަންތައްތައް ލިސްޓުކޮށް ބަޔާނެއް ނެރެފަ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުން ވޯޓުލާ މަރުކަޒުގައި އަދި ކައިރި ހިސާބުތަކުގައި ވީޑިއޯކުރުމާއި ފޮޓޯނެގުން މަނާވާނެ އެވެ.

ވޯޓު ކަރުދާސްކޮޅު ވަކިން ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމަކީ އަދަބެއް ލިބިދާނެ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ވޯޓުލާ މަރުކަޒު ދޮށުގައި މޮބައިލް ފޯނު ގެންގުޅުމާއި ހަވާއެރުވުމާއި ފަޓާސް ޖެހުމަކީ މަނާ ކަމެކެވެ. އަދި ވޯޓު މަރުކަޒަށް ވަނުމަށް ހުއްދަކުރާ މީހުންގެ ލިސްޓެއް ވެސް ވަނީ ނެރެފަ އެވެ.

އިގުތިސާދީ ގޮތުން 2022 ގައި ލަންކާ ވަރަށް ބޮޑަށް އަޑިއަޅާލުމަށް ފަހު، ރަނިލް ވިކްރަމަސިންހާގެ މޭސްތިރިކަމުގައި ގައުމުގެ ހާލަތު އުންމީދު ބޮޑު ދުވަސްތަކަކަށް އަލިވިލެނީ އެވެ.

މި މަހު 21 ގައި ލަންކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ 39 ކެންޑިޑޭޓުން ވެސް ވިއްކަވާނީ ގައުމުގެ އިގުތިސާދެވެ.

ލަންކާގެ އިގުތިސާދު ހަރުދަނާ ކުރާނެ ގޮތްތަކާއި ފައިސާގެ އަގު ހަރުދަނާކުރުމަށް ކުރައްވާނެ މަސައްކަތްތަކާއި ރޭވުންތައް އާންމުނަން ކިޔައިދެއްވައި އިންތިޚާބު ކާމިޔާބުކުރެއްވުމަށް ލައްކަ ދޮގުހައްދަވާނެ އެވެ.

ލަންކާގެ ރިޔާސީ އިންތީޚާބަކުގައި އާންމު ގޮތެއްގައި ވަރަށް ގިނަ ކެނޑިޑޭޓުން ވާދަކުރައްވަ އެވެ. އެންމެ ފަހުން 2019 ގައި އޮތް ރިޔާސީ އިންތިޚާބުގައި 35 ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުން ހޮނިހިރު ދުވަލު ވޯޓުލުން ނިމުމަށް ފަހު -- ދެވަނަ ބުރަކަށް ދާން ނުޖެހިއްޖެ ނަމަ އާދީއްތަ ދުވަހު ވޯޓު ގުނައި ނަތީޖާ އިއުލާންކުރާނެ އެވެ.