ސްރީލަންކާގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު -- ސެޕްޓެމްބަރު 21 ގައި ފަށާފައިގެން ކުރިއަށް ދަނީ އެވެ. މި އިންތިޚާބުގައި ވޯޓުލުން މުޅި ޤައުމުގައި ވަނީ ހުޅުވާލާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއީ ލަންކާގެ މިސްރާބު މުޅިން އަނބުރާލާނެ އިންތީޚާބަކަށް ވާނެ އެވެ. މި އިންތިޚާބުގައި ވޯޓުލުމަށްޓަކައި 13،421 މަރުކަޒު ޚާއްސަކޮށްފައި ހުރި ކަމަށް ލަންކާ ނޫސްތައް ބުނެ އެވެ.
މިފަހަރުގެ އިންތިޚާބުގައި ލަންކާގެ 17،140،350 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.
ލަންކާގެ އިންތިޚާބީ ހަޔާތުގައި މިއީ އެންމެ ގިނަ ކެނޑިޑޭޓުން ރައީސްކަމަށް ވާދަކުރާ އިންޓިޚާބެވެ. އިލެކްޝަން ކޮމިޝަންގެ ލިޔުންތަކާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން 39 ކެނޑިޑޭޓަކުން ރިޔާސީ ގޮނޑިއަށް ވާދަކުރާނެ އެވެ.
މި އިންތިޚާބުން ކާމިޔާބު ހޯދާ ކެންޑިޑޓަކީ ލަންކާގައި މީގެ ކުރިން ވެރިކަން ކުރެއްވި ރައީސުންނަށް ވުރެ އާންމުގެ މަގުބޫލްކަން ބޮޑު ރައީސަކަށް ވާނެ ކަމަށް މަސްރަހު އަންދާޒާކުރާ މީހުން ބުނެ އެވެ.
ވޯޓު ފޮށިތައް ދޮށަށް ދަތުރުކުރުމަށް ލަންކާގެ މަގުތަކުގައި ކާރޫބާރޫ ވަރަށް ބޮޑު ކަމަށް ޚަބަރު ޓީވީތަކުން ބުނެ އެވެ. މިއީ ވަރަށް ގިނަ އަދަދެއްގެ މީހުން ވޯޓުލާނެ ފަހަރަކަށް ވާނެ ކަމަށް ވެސް ބުނެ އެވެ.
ލަންކާގައި ވޯޓުލާ ގޮތް ބަލައި ޗެކްކުރުމަށް ޔޫރަޕިއަން ޔޫނިއަނާއި ބައިނަލްއަގްވާމީ ބައެއް އެހެން އޭޖެންސީތަކުން އޮފިޝަލުން ލަންކާގައި ހަރަކާތްތެރިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއީ ކެންޑިޑޭޓުންގެ މެދުގައި ވާދަވެރިކަން ބޮޑު އިންތިޚާބަކަށް ވާނެ އެވެ.
ލަންކާގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަ ސިންހާގެ އިތުރުން އިދިކޮޅުން ސަޖިތު ޕްރެމަދާސާ، އަނުރާ ކުމާރު ޑިސަނަޔަކެ އަދި ނިމާލް ރާޖަޕަކްސާ މި އިންތިޚާބުގައި ވާދަކުރައްވަ އެވެ.
އިންތިޚާބު ކުރިއަށް ދާނީ ހެނދުނު 07:00 އިން ހަވީރު 04:00 އަށެވެ. އެއަށް ފަހު ބޮޑު މައްސަލައެއް ކުރިމަތި ނުވެއްޖެ ނަމަ ވޯޓުފޮށިތައް ބަންދުކޮށް -- ވޯޓު ގުނުން ފަށައިގަންނާނެ އެވެ.