ދުނިޔެ

ލަންކާ ރިޔާސީ އިންތިޚާބުގެ ނަތީޖާ ވޯޓުލާ ދުވަސް ނޫން އަނެއް ދުވަހު

ލަންކާގައި މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ ޖެހިގެން އަންނަ ދުވަހު އިއުލާންކުރައްވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަންގެ ޗެއާމަން ރަތުނަޔަކާ ވިދާޅުވި ގޮތުގައި ސެޕްޓެމްބަރު 22 ގައި އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓުގެ ނަން އިއުލާންކުރައްވާނެ ކަމަށެވެ.

ލަންކާގައި މި އަހަރު އޮންނަ ރިޔާސީ އިންތިޚާބު މާދަމާ ފަށާނެ އެވެ. އިލެކްޝަން ކޮމިޝަނުން ބުނި ގޮތުން މި އިންތިޚާބުގައި 39 ކެންޑިޑޭޓަކު ވާދަކުރައްވާނެ އެވެ.

ވޯޓުލާ އަވަހަށް ނިންމުމަށްޓަކައި އިލެކްޝަން ކޮމިޝަންގެ ގަވާއިދުތަކަށް އަމަލުކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ.

މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގައި އެއްވެސް ކެނޑިޑޭޓަކަށް 50.1 އިންސައްތައިގެ އަޣުލަބިއްޔަތެއް ނުލިބިއްޖެނަމަ، މޮޅުވާ ފަރާތެއް ކަނޑައެޅުމަށް ޕްރެފަރެންޝަލް ވޯޓް ގުނުން އޮންނާނެ އެވެ.

ޕްރެފަރެންޝަލް ވޯޓަކީ އެންމެ މަދުން ވޯޓު ލިބޭ މީހާއަށް ލިބިފައި އޮތް އަދަދު ދެން ތިބި ކެންޑިޑޭޓުންނަށް އިޚުތިޔާރީ ނިސްބަތުން ބަހާލުމެެވެ. މި އުސޫލުން ބަހަމު ގޮސް ވަކި ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ލިބެންދެން މި މަރުހަލާ ކުރިއަށް ގެންދަނީ އެވެ.

މިއީ ލަންކާގައި މީގެ ކުރިން ދުވަހަކު ވެސް ވޯޓު ގުނި އުސޫލެއް ނޫނެވެ.

އިންތިޚާބު ކުރިއަށް ދާއިރު ފޯޓުލާ މަރުކަޒު ދޮށުގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާނެ އެވެ. ބޭނުމަކީ އިލެކްޝަން ކޮމިޝަނުން އެމީހުންނަށް ލާޒިމުކޮށްފައި އޮތް ވާޖިބުތައް އަދާކުރުމެވެ، މި ގޮތުން އިލެކްޝަނުން މަނާކޮށްފައި އޮތް ކަމެއް މީހަކު ކޮށްފި ނަމަ އެކަށީގެންވާ ރަނގަޅު އަދަބެއް އެމީހަކަށް ލިބޭނެ އެވެ.