ލަންކާގައި މިއަހަރު ރިޔާސީ އިންތިހާބު ނޯންނާނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް، ރަނިލް ވިކްރަމަސިންހާގެ ޕާޓީ -- ޔުނައިޓެޑް ނޭޝަނަލް ޕާޓީން (ޔޫއެންޕީ) ރައްދު ދީފި އެވެ.
ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ޑެޕިއުޓީ ޗެއާމަން ރުވާން ވިޖޭވަރުދަނާ ވިދާޅުވި ގޮތުގައި ކުރިންވެސް ރާވާފައި އޮތް ގޮތަށް ލަންކާގައި މިއަހަރު ރިޔާސީ އިންތިހާބު އޮންނާނެ ކަމަށެވެ.
ލަންކާގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ރަނިލް ވިކްރަމަސިންހާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށްވެސް ރުވާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ރަނިލް ވާދަކުރައްވާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ.
ޔޫއެންޕީގެ ޑެޕިއުޓީ ޗެއާމަންގެ ހައިސިއްޔަތުން ރުވާން މިހެން ވިދާޅުވި ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ބެހޭ ގޮތުން ރަނިލް އަދި ވާހަކައެއް ނުދައްކަވަ އެވެ.
ލަންކާއަށް 2022 ވަނަ އަހަރު ދިމާވި އިގުތިސާދީ ދަތި ހާލަތުން ގައުމު ނަގައިގަނެ ފެންމަތީގައި ބެހެއްޓިފައި އެ ހުރީ ރަނިލްގެ މޭސްތިރިކަމުގައި ކަމަށް ރުވާން ވިދާޅުވި އެވެ. ރަނިލްއަށް ވުރެ ގާބިލް ކެންޑިޑޭޓަކު -- ލަންކާގެ މިއަދުގެ ހާލަތަށް ބަލާއިރު، ނުލިބޭނެ ކަމަށްވެސް ދާޅުވި އެވެ.
ރިޔާސީ އިންތިހާބު އޮންނާނެ ތާރީހެއް ރުވާން ވިދާޅެއް ނުވެ އެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ލަންކާގައި ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 17 އަދި އޮކްޓޯބަރު 16 އާ ދެމެދު ގައެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރަނިލް ވާދަކުރެއްވި ނަމަވެސް ސަރުކާރު ހިންގާ ކޯލިޝަންގެ ގިނަ މެމްބަރުން އޭނާއަށް ތާއީދުކުރާނެ އެވެ. މިހެން ކަން ދިމާވެއްޖެނަމަ ސަރުކާރު ހިންގުމުގެ ބައިވެެރިންގެ ގޮތުގައި އިއްތިހާދު ހަދައިގެން ތިބި ބައިގަނޑު ރޫޅި ސިޔާސީ ފިކުރު ބައިބައިވާނެ އެވެ.
މިކަހަލަ ހާލަތަކަށް ފުރުސަތު ނުދިނުމަށް ވެރިކަންކުރާ އިއްތިހާދު އެކުގައި ރަނިލްއަށް ތާއީދުކުރާނެ ކަހަލަ ވާހަކަތަކެއްވެސް ސުރުހީތަކުގައި އެބަ އުޅެ އެވެ. ބެލެވޭ ގޮތުގައި އިންތިހާބަށް އަލިވިލެން ވާއިރަށް މިކަންކަން ސާފުވާނެ އެވެ.
ލަންކާގެ ރައީސްގެ މަގާމުގައި ރަނިލް މިހާރު އެ ހުންނެވީ ރައްޔިތުންގެ ސީދާ ވޯޓަކުން ނޫނެވެ. އެއީ އޭރު ލަންކާގައި އޮތް އިގުތިސާދީ ދަތި ހާލަތުން އަރައިގަތުމަށް ސަރުކާރެއް އެކުލަވާލުމަށްޓަކައި ގާނޫނު ހަދާ މަޖިލީހުން ނިންމި ނިންމުމެއްގައި، ރަނިލްއަށް ވެެރިކަން ލިބިވަޑައިގަތީ އެވެ.
ރަނިލް ވެރިކަމާ ހަވާލުވެ ވަޑައިގެން ގައުމުގެ ހާލަތު މަޑުމަޑުން ހަމައަކަށް އަޅުވައި، ބޭރުގެ ދަރަނި ދެއްކޭނެ ގޮތްތައް އެކުލަވާލައްވައި، ބަނގުރޫޓުވެފައި އޮތް ލަންކާއަށް ވަނީ އަލުން ދިރުން ގެނެސްދެއްވާފަ އެވެ.
ބޭރު ގައުމުތަކާ އެކު ގުޅުން ބަދަހިކުރައްވައި، ދަނޑުވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށް ރަނިލްގެ ސަރުކާރު އޮތީ ބޮޑު މަޝްރޫއުތަކެއް ފެށުމާ ހިސާބު ގައެވެ.