ލަންކާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބާ ގުޅިގެން، ގައުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތީ ކާފިއު ހިންގާފަ އެވެ.
ލަންކާ ނޫސްތައް ބުނާ ގޮތުން ކާފިއުގެ ވަގުތެއް ގޮތުގައި ކުރިން ކަނޑައަޅާފައި އޮތީ ހޮނިހިރު ދުވަހުގެ ރޭ 10:00 އިން ފެށިގެން އާދީއްދަ ދުވަހުގެ ހެނދުނު 06:00 އަށެވެ.
ނަމަވެސް، އިލެކްޝަން ކޮމިޝަނާ ފުލުހުން މަޝްވަރާކުރުމަށް ފަހު ކާފިއުގެ ވަގުތަށް ބަދަލު ގެނެސް މިހާރު ވަނީ މިއަދުގެ 12:00 އަށް ވަގުތު ދިގުކޮށްފަ އެވެ.
ކާފިއު ވަގުތު ދިގުކުރި ސަބަބެއް އެއްވެސް އިދާރާއަކުން ނުބުނެވެ. ކުރިން ބުނީ އެއީ އަަމަން ގާއިމުކުރުމަށާއި މަސްލަހަތަށްޓަކައި ކަމަށެވެ.
ލަންކާއި އިންތިޚާބީ ހަރަކާތްތައް ބަލައި ފާސްކުރަން މަސައްކަތްކުރާ މީހުން ބުނާ ގޮތުން މިއީ މިހާތަށް ލަންކާގައި ބޭއްވި އެންމެ އިންސާފުވެރި ހަދި އަމާން އިލެކްޝަނެވެ. މިހެންކަމުން ކާފިއުގެ ވަގުތު ދިގުކުރުމުގައި ކޮންމެވެސް އެހެން ސަބަބެއް އޮތް ކަމަށް ސޯޝަލް މީޑިއާގައި ދަނީ ވާހަކަދެކެވެމުން ނެވެ.
ގިނަ މީހުން ބުނާ ގޮތުން އަމަން ބެލެހެއްޓުމުގައި ހުޝިޔާރުވާން ޖެހޭ ސަބަބަކީ، އިންތިޚާބު ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތް ގޮތާ މުޅިން ޚިލާފަށް ނަތީޖާ ދައްކަން ފެށުމެވެ.
ރާޖަޕަކްސަ އާއިލާ އަކީ ލަންކަގައި ނުފާޒުގަދަ އާއިލާއެއް ނަމަވެސް، އެ އާއިއިން ވާދަކުރި ނަމާލް ރާޖަޕަކްސަ އުޅުއްވަނީ އެންމެ ފަހަތުގަ އެވެ.
އަނެއްކޮޅުން އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ އަދި މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވެސް އުޅުއްވަނީ ވަރަށް ފަހަތުގަ އެވެ.
ޚަބަރުތައް ބުނާ ގޮތުން ނަތީޖާ ދައްކާ ގޮތުން ލަންކާގެ ރައީސްކަމަށް ވަޑައިގަތުން އެންމެ ގާތީ އަނުރާ ކުމާރު ޑިސަނަޔަކެ އެވެ. މިހާތަނަށް ގުނި ވޯޓުން އޭނާއަށް 52 ޕަސެންޓް ވަނީ ލިބިވަޑައިގެންފަ އެވެ.