ލިބެނީ އަންހެން ކުއްޖެއްކަން އެނގޭ ހިސާބުން ބޭނުންވާ ވަކި ގޮތަކަށް ތައްޔާރުވެ ހާއްސަ އެއްޗެހި ހޯދެ އެވެ. އަންހެން ދަރިފުޅު ނަލަކޮށްލަން ބޮލަށް ޖަހާނެ އެކި އެކި ޓިސްދައްޗާއި ކުލަ ކުލައިގެ ބޭންޑާއި މާ ހޯދެ އެވެ. ހަވީރު ދަޅައަށް ކުދިން ނަލަ ހައްދާލާ ގޮތް ގޮތަށް މަގު ފަޅާ ނަލަކޮށްލުމުގެ ގޮތުން ބޮލަށް ކޮންމެވެސް މަލެއް ނުވަތަ ދައްޗެއް ޖަހާލެވޭނެ ގޮތް ހަދަ އެވެ. ހާއްސަ ދުވަހެއް ފާހަގަ ކުރާނަމަ މުނާސާބަތާ ގުޅުވައި ދަރިފުޅު ލައްވާ ހެދުމާއި ގުޅޭގޮތަށް ކޮނެމްވެސް ހާއްސް ގޮތެއް އިސްތަށިގަނޑަށް ހަދާލަން ބޭނުންވެ އެވެ. ޓޭލް.އެމްވީ ގެ ފަހަތުގައި އިން މަންމަ މަރިޔަމް މަހުތާބް ޒާހިރު (މާހު) ވެސް މިކަންކަން މިގޮތަށް ތަޖުރިބާ ކުރި އެވެ.
މާހު ކުރިން ކުރީ ތަޖުރިބާ އެވެ. މިހާރު ކުރަނީ ވެސް ތަޖުރިބާއެކެވެ. އެކަމަކު މިހާރުގެ ތަޖުރިބާއަކީ މާހުގެ އޮންލައިން ޕޭޖެއް މެދުވެރިކޮށް ކުރާ ވިޔަފާރިއެއްގެ ތަޖުރިބާ އެވެ. ބޮލުގައި ޖަހާ ދައްޗާއި ބޮލު އަޅާ ބޭންޑާއި ދިވެހި މޮޑަން ރުމާފަޅި އާއި ކައިވެނި ޕާޓީތަކަށް ހާއްސަ ވެޑިން ކޯސާޖާއި މިހެން ގޮސް ހޭންޑްމޭޑް އެތަކެއް ސާމާނު އޭނާގެ އަތުން ތައްޔާރުކޮށް ވިއްކަ އެވެ.
މާހު ބުނި ގޮތުގައި ކްރާފްޓް މަސައްކަތް ކުރުމަކީ އަބަދުވެސް އޭނާގެ ވަރަށް ބޮޑު ޝައުގުވެރި ކަމެކެވެ. އެކަމު އޭނާއަށް އެފަދަ ތަކެތި ތައްޔާރުކޮށް ވިއްކަން ފެށުނީ މިދިއަ އަހަރު އެވެ.
"ދަރިފުޅު ކުޑަ އިރުވެސް ވަރަށް ބޮލުގަ އެކި އެއްޗެހިޖަހާ ރީތިކޮށް ހަދާލަން. އެކަމަކު [ދަރިފުޅު] ވަގުތުން ނައްޓާލާނެ. އެގޮތަށް ކުދިން ރީތިކޮށް ހަދާ އިރު ވެސް ވަރަށް ބޮލަށް ދަތި ޖަހައިދެން. ފަހުން ރައްޓެހިން ބުނެގެން ދަތިތައް ހަދައިދޭން ފެށީ... އޭގެ ފަހުން ދެން އިންސްޓަގްރާމް އިން ބޮލުގައި ޖަހާ މަލާއި އެކި ކަހަލަ ޓައި ފެނިގެން ޝައުގުވެރިވީ މި މަސައްކަތް ކުރަން" މާހު ބުންޏެވެ.
މާހުގެ ޓޭލްއެމްވީން ދިވެހި ސަގާފީ ހެދުމާއި ރުމާފަޅި ފާހަގަ ކޮށްލެވެ އެވެ. ދިވެހި އަންހެނުންގެ ރުމާފަޅި މާހު ގެނެސްދީފައި ވަނީ ޒަމާނީ ބަދަލަކާއެކު އެވެ. މާހު ޑިޒައިންކޮށް އުފައްދާ ބާޒާރަށް ނެރެފައިވަނީ "މޮޑަން ރުމާފަޅި" އެކެވެ.
"ސަގާފީ ހެދުމާއެކު ބޭނުންކުރާ ރުމާފަޅި ހޯދަން ކޮންމެ ފަހަރަކު އުނދަގޫވޭ. އެހެންވެ މޮޑަން ރުމާފަޅިއެއް ހަދަން ވިސްނީ... ކުރީގެ ރުމާފަޅީގެ ޓްރެޑިޝަނަލް ޓަޗް ނުގެއްލޭ ގޮތަށް ކުޑަކުދިން ބޮލުގައި ފަސޭހައިން ހަރުކޮށްލެވޭ ގޮތަށް ކްލިޕެއް ޖަހައިގެން ތައްޔާރު ކުރީ. އެންމެ ފަހުގެ މާދަރީ ބަހުގެ ދުވަހާއި ދިވެހި ބަހުގެ ދުވަހު މި ރުމާފަޅިވެގެން ދިޔަ ވަރަށް ބޮޑު ހިޓަކަށް. ވަރަށް ގިނަ މީހުން ޝައުގުވެރިވެ އޯޑަރު ދިން،"
މާހުގެ މި މަސައްކަތް އޮންނަނީ އޭނާގެ ކުދިން ސްކޫލްގައި ތިބޭ ވަގުތުގަ އެވެ. މި ކަމަށް މާ ގިނަ ވަގުތެއް ބޭނުމެއް ނުވެއެވެ. ދިހަ މިނެޓުން ރުމާފަޅިއެއް ނިންމާލެވެ އެވެ. އޭގެ ތެރެއިން ގިނައިން ވިކެނީ މާމެއިޑް ތީމް އާއި ޔުނިކޯން އަދި ޑެއިސީ ތީމެވެ. ދައްޗާއި ބޯ އައްސާ ތަފާތު ވައްތަރުތައް ތައްޔާރު ކުރާއިރު ވެޑިން ޕާޓީތަކަށް ކަސްޓަމައިޒްކޮށް ތައްޔާރުކޮށްދެ އެވެ.
"މި މަސައްކަތް ކުރަނީ ވަރަށް ކުރާހިތުން. އާއިލާގައިވެސް ވަރަށް އާޓިސްޓިކް މީހުން ތިބޭ... ކުރަހާ، ކުޑަކުދިންގެ ބޮޑީ ސޫޓްގައި ޕެއިންޓް ކުރުމާއި، ހެދުމުގައި މިނާ ހަރުކުރުން މިއީ ހުސް ކުރާ މަސައްކަތް. މީގެ އިތުރުން ތަފާތު އެކި ކަހަލަ ބުކް މާކް، ސްލީޕް މާސްކް ފަދަ ތަކެތި ވެސް ހަދަން،" އޭނާ ބުންޏެވެ.
ސްލީޕިން މާސްކް ހެދުން މިއީވެސް މާހުގެ މަސައްކަތެކެވެ. އޭނާ ބުނި ގޮތުގައި އެއީ އޭނާގެ ދަރިފުޅު އެދިގެން ބެޓްމޭން ތީމަށް ހަދާލި މާސްކެވެ. އެކަމަކު އިންސްޓަގްރާމުގައި އެއަށް ލިބުނު ތަރުހީބު މާ ބޮޑުވީ އެވެ. ދެން އޯޑަރު ލިބެން ފެށީ އެވެ. މާހުގެ އަމާޒަކީ މުސަތަގުބަލުގައި އިތުރު ހޭންޑްމޭޑް ތަކެތި ބާޒަރަށް ނެރުމެވެ.
"މިހާރު މި ދަނީ ކުރިއަށް އޮތް ރޯދަ މަހަށް ރާވަމުން. މިއަށް ބޭނުންވާ ގިނަ ޕްރޮޑަކްޓް ތައްޔާރުކޮށް ހެދުމުގެ މަސައްކަތް ކުރިއަށްދާނީ. މި މަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ މެޓީރިއަލް އަގު ހެޔޮކޮށް ނުލިބުން އޮވޭ. ބޭނުންވާ ކޮލިޓީ އާއި ކުލަ ނުލިބުމުގެ ދަތިކަން ވެސް އޮވޭ".