ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން ވިލިމާލޭ ފެރީގައި އޭނާ ނައްޓާލަނީ އިއްޔެވެސް އޮތް އަޒުމަކާއެކު އެވެ. އޭނާގެ އަޒުމަކީ އިއްޔެއެކޭ އެއްގޮތަށް މިއަދުވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެކު އާދައިގެ ކްލާސްރޫމެއްގައި ދުވަސް ހޭދަކޮށްލައި އެކުދީންނަށް އެހީތެރިވެ ދިނުމެވެ. އެހެން ކުދިންނާއެކު މިކުދިންނަށްވެސް ޕްރީސްކޫލް މަރުހަލާގައި ކްލާސްރޫމެއްގައި އުނގެނުމަށާއި ކުޅެލާ އެހެން ކުދިންނާއި ގުޅުންބަދަހި ކުރުމަށް ދަސްކޮށްދިނުމެވެ.
އުމުރުން 33 އަހަރުގެ އަޝްފާ ހަމްދީގެ ހިތަށް އަރައެވެ؛ ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދަން އެހެންމީހުންގެ ފަރާތުން ހާއްސަ އެހީތެރިކަން ބޭނުންވާ މީހުންނާއި ކުދިން ތިބޭއިރު މުޖުތަމައެއް ފުރިހަމަ ވާނީ ވަށައިޖެހޭ މި ބުރުގެ ތެރެއިންނެވެ. އިންސާނީ ހުނަރާއި ފެންވަރާއި ފަންވަރުގެ ލާމެހޭ ގުޅުމަކުންނެވެ. އެއަށް އެހެވީދޭން ހުއްޓާ ނުލައި މަސައްކަތް ކުރާނީ އެވެ.
އަޝްފާއަކީ ސްޕެޝަލް އެޑިއުކޭޝަނަށް ހާއްސަވެފައިވާ ޓީޗަރެކެވެ. އަޝްފާ ވަނީ 2016 ގައި އޮސްޓްރޭލިއާ އެއިޑްގެ ދަށުން އަންޑަގްރެޑުއޭޓް ޑިގްރީ އިން އިންކުލޫސިވް އެޑިއުކޭޝަން އެންޑް ޑިސްއެބިލިޓީ ސްޓަޑީސް ފުރިހަމަކޮށްފަ އެވެ.
އަޝްފާ ބުނިގޮތުގައި އޭނާ މަސައްކަތް ކުރަނީ ފައުންޑޭޝަން ސްޓޭޖްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އާލީ އިންޓަވެންޝަން ނަގައިދޭށެވެ. އޭނާ އެ ފީލްޑް ހިޔާރު ކުރީވެސް އެހެން ވެގެނެވެ.
"މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުން އެއް ދާއިރާ ކަމަށްވާތީ ނެގީ. އަދި މި ދާއިރާއިން ގައުމަށް ކޮންޓިރިބިއުޓް ކުރެވިދާނެތީ. އަބަދުވެސް ކިޔަވާދޭ ހިތްވޭ... އަދި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ހިތްވޭ،" އަޝްފާ ބުންޏެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންވެސް ބޮޑުވެ ތަސައްރަފު ފުދި މުޖުތަމައުއަށް ނިކުމެ އުޅޭނީ އެހެން މީހުނާއި އެކުއެވެ. ޕްރީސްކޫލް މަރުހަލާއިން ފެށިގެން އެ ކުދިން އުގެނެން ފަށަނީ ވެސް އެހެން ކުދިންނާއި އެކުއެވެ.
"ވަރަށް ގިނަ ފަހަރަށް މީހުން އަހާނެ ކޮބައިހޭ މި ކުދިންނަށްވާ ފައިދާއެއް މި ގޮތަށް މި ކްލާސްތަކަށް ގެންދިޔައިމަ... ފުރަތަމަ ކަމަކަށް އެ ކުދިންނަށް މޮޑެލް ކުރާނެ ބިހޭވިއާ. އެހެން ކުދިންގެ ފަރާތުން ސްކޫލަށް އައިސް ބޫޓު ބަހައްޓާ، ދަބަސް އަޅުވާލާ، އިންޓަވަލް ނަގައި، ވޯކް ހަދަން. ކްލާހުގެ އެހެން ކުދިންނަށް އަދި މީގެން ދަސްވާ ކަންކަން ބޮޑު،" " އަޝްފާ ކިޔައި ދިނެވެ. "އެންމެންނަކީ އެއްވަރަކަށް ކަންކަން ކުރެވޭނެ ބައެއް ނޫންކަން އެބަދަސްވޭ. ތިމާއަށްވުރެ ތަފާތު ކުދިންއެބައުޅޭ ކަމާއި އެކުދިން އެޕްރިޝިއޭޓްކޮށް އެކަކު އަނެކަކަށް އެޙީތެރިވާން ދަސްވެ، މިކަހަލަ ކަންކަމާށް ވަރަށް ބޮޑަށް ލޯ ހުޅުވިގެން މި ދަނީ ތުއްތު އިރުންސުރެ. އަދި ޓޮލެރެންސާއި ޑައިވާސިޓީ އެސެޕްޓް ކުރަން ދަސްވޭ،"
އަޝްފާ ބުނިގޮތުގައި އޭނާގެ ދުވަސް ނިންމާ ގެއަށް ދާއިރު އޮންނަ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކުދިންނަށް ލިބޭ ކުރިއެރުން ފެންނާތީ އެވެ.
"10 މިނެޓް އިށީނދެގެން ވެސް މަސައްކަތެއް ކުރަން ނީދެވޭ ކުއްޖަކަށް އަހަރު ނިމޭއިރު ގަޑިއެއްހާރު އިށީނދެލައިގެން މަސައްކަތް ކުރެވޭތަން ފެނުމަކީ ވަރަށް ކާމިޔާބީއެއް! އެހެން ކުދިން އެ ކުދިން ބަލައިގަތުމަކީވެސް ކާމިޔާބީއެއް. ފައިން މޮޓޯ އަދި ގްރޮސް މޮޓޯ ސްލިލްސް ތަރައްގީ ވާތަން ފެނުމަކީ ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،"
އަޝްފާގެ ރަސްމީ ވަޒީފާއަކީ ކިޔަވައިދިނުމެވެ. އެކަމަކު އަމިއްލަ އިސްނެގުމުގައި ވޮލަންޓިއާކޮށް ކޮމިއުނިޓީ މަސައްކަތުގައި ހަރަކާތްތެރިވާން "ވިލިޖޯލި" އެންޖީއޯގެ މެންބަރެއްގެ ގޮތުގައި އަޝްފާ ހަރަކާތްތެރިވެއެވެ. އޭނާ ބުނާ ގޮތުން ވޮލަންޓިއާ މަސައްކަތަކީ ވަރަށް ކުރާ ހިތުން އޭނާ ކުރާ މަސައްކަތެކެވެ.
އަޝްފާގެ ބޭނުމަކީ އެކަކު އަނެކަކަށް އޯގާތެރި އަދި ޝާމިލް ކުރުވާ މުޖްތަމައެއް ބިނާ ކުރުމެވެ. ވިލި ޖޯލި ޕޭރަންޓް ސަޕޯޓް ގޮރޫޕްގެ ނަމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނަށް ސަޕޯޓް ގްރޫޕެއް ވިލިޖޯލި ޓީމާއިއެކު އަޝްފާ ފެސިލިޓޭޓް ކޮށް ދެއެވެ.
"އަޅުގަނޑުގެ ދަރިފުޅަށް 12 އަހަރު. އޭނާގެ ސްކޫލް ކަންކަން ވެސް އޮވޭ. ފިރިމީހާގެ ސަޕޯޓް ގޭތެރޭގެ ކަންކަމުގަ އާއި ދަރިފުޅުގެ ކަންކަމުގައި ލިބޭތީ މިގޮތަށް މަސައްކަތް ކުރެވެނީ،" އޭނާ ބުންޏެވެ.
އަޝްފާގެ އުއްމީދަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުން އެމީހުންގެ ހައްގުތަކަށް ވަކާލާތުކުރާ ސެލްފް އެންޕަވާޑް ބަޔަކަށްވާ ދުވަހަކަށް އިރު އެރުމެވެ.