ލައިފްސްޓައިލް

ސްޓޯރީސް އޮފް ލައިފް: ނަދޫ މިސްގެ އުފެއްދުމެއް!

މީގެ އަަހަރުތަކެއް ކުރިން އަމިނިއްޔާ ސްކޫލުން މަރިޔަމް ނަދްރަތު އަހުމަދު (ނަދޫ މިސް) އާއި ބައްދަލުވީ ސޯޝަލް ސްޓަޑީސް ޓީޗަރުގެ ގޮތުގަ އެވެ. ބޭރު ޓީޗަރުން ގިނަ އެ ދުވަސްވަރު ފުރާވަރު އުމުރުގައި އެތައް ކުދިންނަށް "ފޫހި" ކަމަށް ބުނާ މާއްދާއެއް ނަދޫ މިސް މުޅިން އެހެން ގޮތަކަށް ކިޔައި ދެއްވާ އެ މާއްދާ އަށް ޝައުގުވެރިކަން ގެނެސް ދަރިވަރުން ކިޔަވާ ހިތް ޖައްސައި ދެއްވި އެވެ. ނަދޫ މިސްގެ މިޒާޖާއެކު ކުދިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ވެސް ހޯއްދެވި އެވެ.

ނަދޫ މިސްގެ ކިބައިގައި އޭރުވެސް ޓީޗިން ސްކިލް ހުއްޓެވެ. އެތައް ކުދިންނެއް ހަނދާނުގައި އަދިވެސް ނަދޫ މިސް ހުރެ އެވެ. ޓީޗަރެއްގެ ގޮތުގައި ކެރިއާ ބިނާ ކޮށް އިސްކަންދަރު ސުކޫލްގައި ޓީޗަރެެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ. އަދި ފަހުން ސީއެޗްއެސްއީގައި އިންގްލިޝް ލިޓްރޭޗާ ކިޔަވައި ދެއްވި އެވެ. ނަދޫ މިސް މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް ފަހަތަށް ޖެހި ވަޑައި ނުގެން މަސައްކަތް ކުރައްވަ އެވެ. އެކަމަކު މިހާރި ތަފާތެވެ. މިސްގެ އަމާޒު ހުރީ ކުޑަކުދިންނަށް ރަނގަޅު އަދަބު އަހުލާގް ނުވަތަ ގުޑް ވެލިއުސް ކިޔައި ދެއްވާށެވެ.

ސްޓޯރީސް އޮފް ލައިފް ނުވަތަ "ސޮލް" ނަމުގައި ނަދޫ މިސް މީހުންގެ ދިރިއުޅުމަށް ބިނާކޮށް ލިޔާ ވާހަކަތައް ކިޔައިދޭ ވީޑިއޯތަކެއް ފޭސްބުކަށް އަޕްލޯޑް ކުރައްވަނީ އެނިމޭޝަނާއެކު އެވެ.

"ބެޗެލާސް ޑިގްރީ ހެދިއިރު ކްރިއޭޓިވް ރައިޓިންވީ ވަރަށް ޝައުގުވެރިވީ އެއްޗަކަށް. އޭގެ ކުރިން ވެސް ލިޔުންތެރި ކަމަށް ހުރި ޝައުގާއެކު 'މަންޑޭ ޓައިމްސް' އަށް ލިޔުނިން ކޮލަމެއް ޕޮޒިޓިވް ސޯޝަލް ޗޭންޖަސް އާއި ގުޅޭ ގޮތުން. އޭރުވެސް ކުޑަކުދިންގެ ވާހަކަ ލިޔުމަށް ޝައުުގުވެރިކަން ހުރި. މިހާރު މި މަސައްކަތް ކުރަނީ ކުޑަކުދިންނަށް ގުޑް ވެލިއުސް ޕްރޮމޯޓް ކުރުމަށް" ކިޔަވައިދިނުމުން ފޮތް ލިޔުމަށް ބަދަލުވީ ގޮތް ނަދޫ މިސް ވިދާޅުވެ ދެއްވި އެވެ. "ސްޓޯރީސް އޮފް ލައިފްގެ ހުރިހާ ވާހަކައެއްގައި ހުންނަނީ ހިތްވަރު ގަދަ އަންހެނެއްގެ ވާހަކަ. ގިނަ ވާހަކަތައް އިނގިރޭސިން ހުރި ކަމުގައި ވިޔަސް ވަރަށް އަވަހަށް ދިވެހި ވާހަކަތައް އަންނާނެ. ސްޓޯރީސް އޮފް ލައިފްގެ އެންމެ ބޮޑު ސްޓްރެންތަކީ އިޝާރާތުގެ ބަހުރުވަ ވެސް އޭގައި ހިމަނައިފައި ވުން"

ކޮންމެ ވާހަކައެއްގައި ވެސް ނަދޫ މިސް ގެނެސް ދެއްވަނީ ކުދިންގެ ކިބައިގައި ހުންނަންޖެހޭ ރަނގަޅު އާދައެކެވެ. ކުރިން އެއީ ޗާޕް ކޮށްގެން ނެރެން ގަސްދުކުރި ފޮތްތަކަކަށްވި ނަމަވެސް އޮންލައިންކޮށް ނެރުނީ ކޮވިޑް-19 އިގެ ހާލާތާއެކު އައި ބަދަލުގެ ސަބަބުންނެވެ.

"ސްޓޯރީސް އޮފް ލައިފް ގެ އެންމެ ބޮޑު މަގްސަދަކަށްވީ ކުދިންގެ ބައިވެރިކުރުން އިތުރުކޮށް އެ ކުދިންނަށް ވެލިއުސް ދަސްކޮށް ދިނުން. އަނެއް މަގްސަދަކަށްވީ ރަނގަޅު ކުދިބައެއް ތަމްރީން ކުރުން އަހަރުމެންގެ މުޖުތަމައު މިއަށްވުރެ ބޮޑަށް އޯގާތެރި މުޖުތަމައަކަށް ހެދުން. ވާހަކަ ކިޔައި ދީގެން ކުދިންނަށް ރަނގަޅު ވެލިއުސް ދަސްކޮށް ދިނުމަށް ބޮޑަށް ޝައުގުވެރިވީ ކިޔަވަން އުޅުނު އިރު ބޫޓާންގެ އެކުވެރިއެއް އޭނާގެ ގޭގައި ކުރާ ކަމެއް ކަމަށް ބުނެ ހިޔާލު ދިން އިރު. ވަަރަށް ޝައުގުވެރި ކޮންސެޕްޓަަކަށް މިކަންވި."

ނަދޫ މިސްގެ "ސްޓޯރީސް އޮފް ލައިފް" ވާހަކަތައް ބިނާ ކުރާނެ މީހުން ހޯދައި ފުރިހަމައަށް ވާހަކަ ކިޔައިދޭ ވީޑިއޯތައް ހަދާ ނިންމާލުމަށް ޓީމެއްގެ އެހީތެރިކަން ބޭނުންވި އެވެ.

"ރާބިއާ އަދި މާހިލްގެ އެހީތެރިކަން ލިބޭ. އެޑިޓިން ގައި އުޅެނީ ނައްޔިފާ، މަމްދޫހާ އަދި އުލާ، ސައިން ލޭންގުއޭޖް އިންްްޓަޕްރިޓާ އަކަށް ފަޒްނީ، އެއް ވާހަކައިގެ ކުރެހުމަކީ ގްރޭޑް ހައެއްގެ ދަރިވަރެއް ކަމުގައިވާ ކައިލީންގެ މަސައްކަތެއް. ދެން ހުރި ވާހަކައިގެ އާޓްވޯކް އަކީ އުލާ އަދި އިޖާޒާގެ މަސައްކަތެއް. އެނިމޭޝަން ހަދާ ވާހަކައަށް ދިރުން ގެނެސްދެނީ އުލާ. ވާހަކަތައް ކިޔައިދެނީ އަފްނާން، ނައްޔިފާ އަދި ނިހާޔާ،"

ނަދޫ މިސް ވިދާޅުވި ގޮތުގައި އަސްލު މީހުނާއި ކުދިން ވާހަކާގައި ހިމަނަނީ ކުދިންނަށް ބުނެދިނުމަށް ބޭނުން ވަނީ އެއީ ހަގީގަތުގައި ވެސް އެ ކުދިންނަށް ވެސް ކުރެވިދާނެ ކަންކަން ކަން ދެއްކުމަށެވެ. އެ ކުދިންނާއި އެއްގޮތް ކަންކަން ކެރެކްޓާސްގައި ހުރުމަކީ ކުދިން ވަރަށް ގަޔަވާނެ ކަމެކެވެ.

ސްޓޯރީސް އޮފް ލައިފްގެ މަސައްކަތެއް ކަމުގައިވާ "މިނާ"

ނަދޫ މިސްގެ މި މަސައްކަތް ވަރަށް ގިނަ މީހުނަށް ކަމު ގޮސްފައި ވެއެވެ. ކޮވިޑް ލޮކްޑައުން ތެރޭގައި ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވެސް ހޯދި އެވެ. ގިނަ މީހުން ދިވެހި ބަހުން ވާހަކައަށް ރިކުއެސްޓް ކޮށްފައިވުމުން "މިނާ" ނަމަކަށް ކިޔާ ވާހަކަ އެއް ވެސް ނަދޫ މިސް ލިޔުނެވެ. އޭނާ ވިދާޅުވި ގޮތުގައި މަސައްކަތުގައި އޭނާގެ ބޮޑު ބޭބެ، ހުސެން މޫސާ އާއި ފިރިމީހާ އަހުމަދު ފުއާދު ދެއްވާ ސަޕޯޓުން އޭނާއަށް ވަރަށް ބޮޑު ހިތްވަރަކަށް އެކަން ވެފައި ވެއެވެ.

ބެލެނިވެރިން ކުދިންނަށް މޮޅު މާކްސްއަކަށް ވުރެ ރަނގަޅު ތަރުބިއްޔަތެއް ދެވޭތޯ ނުވަތަ ރަނގަޅު ވެލިއުސް ދަސްކޮށްދޭން ބާރުއަޅާތީ އެއީ ވަރަށް އުފާވާ ކަމެއް،
ނަދޫ މިސް

"ވަރަށް އުފާވި މަސައްކަތް ބަލައިގަތުމުން. ބައެއް އާއިލާ ތަކުން މުޅި އާއިލާ އެއްކޮށް ވާހަކަ ބަލާ މަންޒަރު ފޮނުވާނެ ވީޑިއޯކޮށްފައި. އަދި ބެލެނިވެރިން ކުދިންނަށް މޮޅު މާކްސްއަކަށް ވުރެ ރަނގަޅު ތަރުބިއްޔަތެއް ދެވޭ ތޯ ނުވަތަ ރަނގަޅު ވެލިއުސް ދަސް ކޮށްދޭން ބާރު އަޅާތީ އެއީ ވަރަށް އުފާވާ ކަމެއް."

"ކުރިއަށް އޮތްތާ ދިވެހިބަހުން ވެސް ގިނަ ވާހަކަ ފެންނާނެ. އަދި މިއަންނަ އަހަރު ބައެއް ފޮތްތައް ޕްރިންޓް ވެސް ކުރާނަނަ. ފިރިހެން ކުދިންނަށް ހާއްސަ ވާހަކަ ސީރީސް އެއް ވެސް ފެންނާނެ،"

މިއީ 1998 ވަނަ އަހަރު އަމީނިއްޔާ ސްކޫލުން އިން ބައްދަލުވި ނަދޫ މިސް އެވެ. އަދިވެސް މިސްގެ ގޮތުގައި އެދަނީ ކުރިއަށެވެ. ކިޔަވައިދިނުމާއި އުނގައްނާއި ދިނުމާއި ތަރުބިއްޔަތަކީ ހަމައެކަނި ކްލާސްރޫމެއްގައި ދަސްކޮށްދެވޭނެ އެއްޗެއް ނޫން ކަން ބުނެދެމުންނެވެ.