ފެހި ފެހި ވިލިމާލެއެއް، ހިތް ފަހި މާހައުލެއް!

ހަވީރު ފިންޏާ ދިމާވާނެހެން މި އާދެވުނީ ވިލިމާލެއަށެވެ. މި ރަށުގައި އާންމުކޮށް ދުއްވަނީ ތިމާވެއްޓާ ރައްޓެހި އެއްގަމު އުޅަނދުތަކެވެ. އެހެންނަމަވެސް މިހާރު މި ރަށުގައި ބެޓެރި ހަކަތައިގެ ސައިކަލް ވަރަށް ގިނަ އެވެ. އެއިން އެއްޗެއް އައިސް ލައިގަތަސް އަޑެއްް ނީވޭނެ އެވެ. އެކަހަލަ ސައިކަލް ގިނަ ކަމުން އެއިން އެއްޗެއްގައި ލައި ނުގަންނާނެއޭ ބުނާކަށް ވެސް ނުކެރޭނެ އެވެ.

ބެޓެރި ސައިކަލްތަކުގެ ދުއްތުރާލުގެ ވާހަކަ ބާއްވާށެވެ. ވިލިމާލެއަށް އަރާ މި ރަށުގެ އެއްފަރާތުން އަނެއް ފަރާތަށް ހިނގާލާ ހަދާލުމުން މި ރަށުގެ ހިތްފަސޭހަ ކަމާއި ބޯހާސް ކަމެއް ނެތް އަރާމު ދިރުއުޅުމުގެ އިހްސާސް ހަށިގަނޑުގެ ތެރެއަށް ރީއްޗަށް ވަދެގެންދެ އެވެ. ކުރިން މީހުން އުޅެ އަދި ޖަލެއްގެ ގޮތުގަ އާއި ރިސޯޓެއްގެ ގޮތުގައި ވެސް އޮތުމަށްފަހު 1993 ގައި އަލުން މީހުން އާބާދުވި މިރަށަކީ ތިމާވެއްޓާ ރަހުމަތްތެރި ރަށެކެވެ.

މި ރަށުގެ މި ހިތްފަސޭހަ މިނިވަން މާހައުލުން ދެން އެންމެ އަޅައިގަތީ ކުޑަކުދީންތައް ބައިބަޔަށް އުފާވެރިކަމާއެކު ބޭރަށް ނުކުމެ ހުސް ދިމަ ދިމާގައި ކުޅެން އުޅޭ އުޅުމާއި އެކަމަށް ތަނަވަސްވެފައިވާ މާހައުލާއި ފުރުސަތެވެ.

ގަހެއް ދޮށުގައި މަޑުކޮށްލައި ފޮޓޯއެއް އިންސްޓިގްރާމަށްލާފައި ބަލައިލި އިރު ފެންނަނީ މާރީތި މާ އުފާވާ ކަހަލަ މަންޒަރެކެވެ. ހައެއްކަ ކުދީން ބަނދަރު ސަރަހައްދުގައި އެކުދީން ގެންގުޅުނު މަޑިއެއްގައި ވައި އަޅުވައި އުދުއްސާލެވޭތޯ ހިތްވަރު ކުރަނީ އެވެ. ގުޑިއެއްލާ ކުދިންގެ މޫނުމަތިން ފެންނަ ހިނިތުންވުމުން މީހާ ގޮވައިގެން ހިތް ފަސޭހަ ހިސާބަކަށް ގެންގޮސްލައިދޭހެން ހީވެއެވެ.

މިއީ އަންނަން އައި ދަތުރެއް ނޫނެވެ. އާދެވުނު ދަތުރެކެވެ. އެހެންވިޔަސް އާދެވުނު ފަހަރު މިރަށުގައި ދިރިއުޅޭ ރަހުމަތްތެރިޔާއަށް ޒިޔާރަތްކޮށް ހާލުބަލައިލާން ކަމަށް ގޭ ދޮރުގައި ޓަކިދޭން ބޭނުންވި އެވެ. މިގެ މިހުންނަނީ ވޯޓާ ސްޕޯޓް ބީޗާ ދިމާއަށެވެ. މި ހިސަބަށް އާދެވި މަޑުކޮށްލެވުނީ ދަނޑެއް ފެނިގެންނެވެ. މަގުގެ ހުސް ބިންކޮޅެއްގައި ހަދާފައި މި އޮތީ ކުޑަވަރެއްގެ ދަނޑެކެވެ. ގިނައިން މިހުރީ ބޮޑު ތެޔޮ ހަމުގައި އެއްވަރަކަށް އިންދާފައި ހުރި ކޮޕީފަތެވެ. އެއް ގޮޅީގައި މިއޮތީ ހުސް ފެހި ކޮޕީ އާއި ކިރު ކޮޕީ އެވެ.

މި ދަނޑުގެ އިންވަކިކޮށްފައި ވަނީ ދަނޑި ފަނާއި ދިވެހި ވަކައިންނެވެ. ޖެހިގެން މިއޮތީ ވެސް ކުޑަ ގޮޅިއެކެވެ. މިތާނގައި މުއްސަނދީ ތަރުކާރީ އެވެ. ބަރަބޯ ވެލާއި ތޮރާ ވެލާއި، ޓޮމާޓޯ އާއި ލެޓިއުސް އެވެ. ގޯތިތެރޭ ޒީނަތްތެރިކުރުމަށް ބަހައްޓާ ކަހަލަ ގަސް ގަސް ވަކި ތަންކޮޅެއްގައި ތަރުތީބުން ރޯކޮށް ހައްދާފައި ވެއެވެ.

ޝައުގުވެރިވިލެއް ބޮޑު ކަމުން ހުއްދައެއް ވެސް ނުހޯދައި ވަށާލާފައި ގޮސް ބަލާލިއިރު ގަސްތަކުގެ ތެރޭގައި އަންހެނަކު އިނެވެ.

އަހަރެމެން ދެ މީހުން ތައާރަފުވުމުން އޭނާ ބުނިގޮތުގައި މި ރަށުގެ މިދިމާއިން ތަންކޮޅެއް ވަކިކޮށްލައިގެން އޭނާ ވެސް ގަސްތަށް އިންދަން ފެށީ އެވެ.

އޭނާގެ ކޮންމެ ގޮޅިއެއްގައިހެން ފަސް ލީޓަރުގެ ބޮޑު ފެން ފުޅިތަކެކެވެ. އޭނާ ކިޔާދިން ގޮތުގައި މި ރަށުފެ އިސްކުރު ބަރިން ފެން ލިބުނު އިރު ގަހަށް ދިނުމުގެ ބޭނުމުގައި ގަސް ހައްދާ އެންމެން އޭރު ފެން ނަގާ ރައްކާކުރީ އެވެ.

އޭނާ ބުނި ގޮތުގައި ކުރިއަށް އޮތީ ރޯދަމަހަށް ވާތީ ބޭނުންވީ ތާޒާ ފަތާއި، ޓޮމާޓޯ އާއި އެނޫން ވެސް އެފަދަ ތަކެތި އިންދާ ހައްދާށެވެ. އަދި އެއީ ޝައުގުވެރިކަން ހުންނަ ކަމަކަށްވެސް ވާތީ އެވެ.

"ބައެއް މީހުން ވިއްކަންވެސް ހައްދާ،" މިއީ އެހާ ގިނައިން ވާހަކަ ދައްކާ މީހެއް ނޫނެވެ. ހިނިތުން ވެފައި ހުންނަނީ އެވެ. އެއްޗެއް ބުނަނީ ވަރަށް ކުރުކޮށެވެ.

މި ދަނޑުތަކަކީ ހުއްދައެއް ނަގައިގެން ކުރާ ކަމެއް ނޫނެވެ. އެއެންމެންވެސް އެއް ކަމެއް ކުރަނީ އެވެ. އެކަކު ފެށުމުން ޖެހިގެން ހުރި މީހާވެސް ގަހެއް ޖަހަނީ އެވެ.

އޭނާ ފުޅިފުޅިއަށް ވެލި އަޅަ އެވެ. ކުޑަކުޑަކޮށް ވާހަކަ ކިޔައިދެ އެވެ. އޭނާ ބުނި ގޮތުންނަމަ އޭނާ ގަސް އިންދަނީ މި ރަށު މިސްކިއް ހެދި އިރު ކޮނުނު ވެލީން ހޯދި ދެ ތިން ގޯނީގެ ވެލީގަ އެވެ. އެ ވެލިތައް ފުރާނާ ސާފުކޮށްގެން ލިބުނީ ބަސްތާއެއްހާ ވެއްޔެވެ. އޭނާގެ ދަނޑުގައި ބޭނުން ކުރީ އެ ވެއްޔެވެ.

އޭނާ ބުނި ގޮތުގައި ގަސްތަކަށް އެނާ ކޮންމެވެސް ވަރަކަށް ކާނާ އަޅަ އެވެ. އިންވެގެން އޮތް ގޮޅީގައި މަސައްކަތްކުރަން ހުރީ ފިރިހެނަކެވެ. އަހަރެމެންގެ ދެމީހުންގެ ވާހަކަ އާއި ބައިވެރި ނުވެ އޭނާއަކަށް ނުހުރެވުނެވެ. މަޑުމަޑުން މަޑުމަޑުން އަހަރެމެނާ ގާތަށް ޖެހެމުން އާދެ އެވެ.

"ގަސްއިންދަން މި ބޭނުން ކުރާ އެއްޗެއްސަކީ ހުސް ރީސައިކަލްކޮށްފައިވާ އެއްޗެހި،" އެންމެ ފަހުން ފަހުރުވެރިކަމާއެކު ވާހަކަ ދައްކަން ފެށި އެވެ.

މާ ބޮޑަށް ވާހަކަ އޮލަވާން ފެށުމުން އަހަރެން ބޭނުންވީ ކުރޮށްލައި ވަގުތު މެނޭޖްކޮށްލާށެވެ. އެހެންވެ ރަހުމަތްތެރިޔާގެ ގޭގައި ޓަކިދީފީމެވެ. އެ ގޭގައި ގަޑިއެއްހާއިރުވެފައި ނިކުތް އިރުވެސް އޭގެ ދެވެރިން އަވަދިނެތި ގަސް އިންދުމުގެ މަސައްކަތުގައި އުޅެ އެވެ.

ރީތި ފެހި ކަމުގެ ތެރެއިން އަޅާފައި އަހަރެން ހިނގައިގަތީމެވެ. "ބަހެއް ނުބުނު" މިއޮއް ދުވާ ބެޓެރި ސައިކަލްތަކުން ނެއްޓެމުންނެވެ. އެކަމަކު މި ފެހިކަމުގެ ރީތިކަމާއި ހިތްފަސޭކަމުން ނެއްޓޭކަށް ބޭނުމެއް ނޫނެވެ.