ކޮވިޑާއެކު ދުނިޔެ ހުއްޓުނަސް ގިނަ ގައުމުތަކުގައި ދަނޑު ބިންތައް އޮވެފައި ހަނޑުލާއި ގޮދަނާއި ޒުވާރި ތިޔާގި އެވެ. ނަން ހުސްކޮށް ތަރުކާރީ އާއި މޭވާ އޮވެ އެވެ. މި ތަކެތި ބަންދު ކުރަން ބޮޑެތި ފެކްޓަރީތައް ހުރެ އެވެ. ކޮވިޑާއެކު އެ ތަންތަން ހިންގުމަށް ބުރޫއާރައި ތަކެތި ފޯރުކޮށް ދިނުމަށް އެތައް ގޮންޖެހުންތަކާއި ކުރިމަތީވިއިރު ދަތުރުފަތުރާއި ޑެލިވަރީ ނިޒާމްތައް ހުއްޓި ސުޕަމާކެޓްތަކުގެ ހަރުތަކަށް ސަޕްލައި ނުލިބިފައި ވެއެވެ.
ގައުމުތަކުގައި މި ބިރުވެރިކަން އޮތް އިރު އަހަރެމެންގެ ހާލަކީ ކޮބާހެއްޔެވެ؟ އަހަރުމެން ތިބީ ބަނޑުހައިކަން ފިލުވުމުގައި ވެސް އެހެން ގައުމުތަކަށް ބަރޯސާ ވެގެނެވެ. ކާނެ، ބޯނެ އަދި ލާނެ އެއްޗެއް ވެސް ލިބެނީ ބޭރު ގައުމަކުން ގެނެވުނިއްޔާ އެވެ.
ހަށިގަނޑަށް ފައިދާ ހުރި އޮޅުއަލަ އާއި ކައްޓަލައާ ބަނބުކެޔޮ އެއީ މައިގަނޑު ކާނާގެ ގޮތުގައި އޮތް ދުވަސްތަކަކީ ދިވެހިންގެ ފެހި މާޒީ އެކެވެ. އިމްޕޯޓަށް ބަރޯސާވީ އެވެ. ހެއްދޭނެ މޭވާ އާއި ތަރުކާރީތައް ދޫކޮށްލުމުން ކޮށި ދަނޑުތައް ފަޅުވީ އެވެ. އަމިއްލައަށް އުފައްްދާ އެއްޗެއް ކައިބޮއި އުޅުނު ހަނދާނެއް ވެސް އަންހެނުން ފުށީގައި ދަނޑުވެރިކަން ކުރާ ހީވާގި ގަމީރާ ފަދަ މަދު އަންހެނަކު ފިޔަވައި މިހާރު ނެތެވެ.
ދިވެހި އާބާދީގެ ބޮޑު ބައެއް ދިރިއުޅޭ މާލޭގައި ވެސް ގަސް އިންދާނެ ޖާގައެއް މިހާރަކު ނެތެވެ. ކުރިން އަނބު ގިނަ މި މާލޭގައި މިހާރު އަނބު ގަސްތައް އަތުން ގުނާލެވޭހާ މަދެވެ. މަދު ގެއަކުން ނޫނީ ނުވެސް ފެނެ އެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ހޯދަން ނުވަތަ އެހެން ވެސް ސަބަބަކަށްޓަކައި މާލޭގައި އަނބު ކަހަލަ މޭވާ ގަހެއް ހައްދަމާ ހިނގާބާލާށެވެ.
އަނބަކީ ދިވެހިންގެ ވަރަށް ހާއްސަ އެއްޗެއްކެވެ. އަނބު މޫސުމުގައި ދެކުުނުގެ ރަށްތަކަށް ތިޔާގި މި މޭވާ ހިމެނޭ ފޮށިގަނޑެއް ލިބިއްޖެ މީހަކު މޮޔަވާނެ އެވެ. ދިވެހި އަނބަކީ ބިޔަ ބޮޑެތި ގަސްތަކެއް ކަމުގައިވި އަސް ބޭރު ގައުމުތަކުގައި ތިރިތިރި ގަސްތަކުގައި އަނބުއަޅަ އެވެ. މިހާރު މި އޮތް ލޮކްޑައުނާއެކު މީހުންތައް ގަސް އިންދަން ހިތްޖެހި އެކަމަށް ވަގުތު ހުސްކޮށްލައިގެން އުޅޭ އިރު އެ އެންމެނާ މި ހިއްސާކޮށްލަނީ އެކުވެރިޔަކު އޭނާ ދިރިއުޅޭ މި މާލޭގެ ގޭ ތެރޭ ކުޑަކުޑަ ގުޅިއެއްގައި ހައްދައިގެން އުޅޭ އަނބުގަހެއްގެ ވާހަކައެވެ.
ރައްޓެއްސަކު ހިއްސާކޮށްލީ އޭނާ އުޅޭ ގޭގެ ޓެރަހުގައި އިންދާފައި ހުރި ގަހެއްގައި ތިރިތިރީ އަނބު އާޅާފައިވާ އަޅާފައި ހުރި ފޮޓޯތަކެވެ.
އޭނާ ބުނި ގޮތުގައި އެ ގޭގެ ގަހުގައި އަތް ފޯރާ ފަށު އަޅާފައިވާ މި އަނބަކީ އެމެެރިކާގެ އަސްލެއް ކަމުގައިވާ ހޭޑަން މެންގޯ އެވެ. އެމެރިކާގެ އަސްލަކަށް ވިއަސް އަވަށްޓެރި އިންޑިއާގައި ވެސް ފުޅާކޮށް ހޭޑަން މެންގޯ ހައްދަ އެވެ. ހޭޑަން މެންގޯ އަކީ އެ އަނބު ދޮންވުމުން އޭގެ ތޮށިގަނޑުގެ ކުލަ ރަތް ކުލައަށް ބަދަލުވާ މޭވާއެކެވެ.
އެވެރޭޖްކޮށް މި ވައްތަރު އަނބެއްގައި 200 ގްރާމް ހުރެ އެވެ. ރަހައިގެ ގޮތުން ދިވެހި އަނަބާއި ތަފާތު ގޮތެއް ހުއްޓަސް މިއީ ވަރަށް މީރު ފޮނި ރަހައެއް ލާ އަނބެކެވެ.
ރަހުމަތްތެރިޔާ ބުނި ގޮތުގައި މިއީ މީރު އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ބޭބެއަކު އޭނާގެ މަންމައަށް ދިން ހަދިޔާ އެކެވެ.
"2018 ވަނަ އަހަރުގެ ފަހުކޮޅު މަންމައަށް ގެނެސްދިން ގޮފިކޮޅެއް މިއީ. ބޭބެ ބުނީ އެ ރަށުގެ ބިމުގައި މި ގަސް އިންދާފައިވާ އިރު ތިރި ތިރިކޮށް ގަހުގައި އަނބު އަޅާފައިވާ ކަމަށް... ދެން މާލެއަށް ގެނެސް ގޭގައި އިންދީ. ބޮޑަށް މިކަމުގައި އުޅެނީ މަންމަ އާއި ބޭބެ... ގަސް ބަލަހައްޓާ ކަންކަން ކުރަނީ" އޭނާ ބުންޏެވެ.
އެ ގޭގައިވާ ގުޅިއެއްގައި އިންދައިގެން ގަހުގައި މޭވައެއް އަޅާފާނެ ކަމުގެ މާބޮޑު އުއްމީދެއް ކުރިން އެ އާއިލާގެ ނެތެވެ. ނަމަވެސް އެ އާއިލާއިން ވަރަށް ގަޔާ ވެގެން އެގަސް ބަލަހައްޓަމުން ދިޔަ އެވެ. އާއިލާގެ އެއްމެން އުފާވީ މިދިޔަ ރޯދަމަހަށް އެ ގަހުގައި އެޅި މޭވާ ދޮންވެ ފައްކާވީމަ އެވެ.
"ކުރިން އެއްފަހަރު އަނބު އެޅި. އެކަމަކު މާ އަވަހަށް އެކްސައިޓް ވެގެން ބިނދެވުނީ. މިފަހަރު އަނބުއަޅައި ހަތަރު ވަރަކަށް މަހުން މިވަރު މިވީ. މި ގަހުގައި އެޅި އެންމެ ބޮޑު އަނބުގައި 1.2 ކިިލޯހުރި. ދެން ހުރި ހުރިހާ އަނބެއްގައި 500 އާއި 650 ގްރާމް ވަރު ހުރި. އަނބުގައި ހުރި ކުޑަ އާވި ކަމަކާއެކު ހަނީމެންގޯއިން ދޭ ކަހަލަ މީރު ފޮނި ރަހައެއް ހުރޭ،"
އެ ގޭގައި ހުންނަ މި އަނބުގަހުގެ އިތުރުން އެހެން އަނބުގަހަކާއީ ބޮޑު ޓައްޕެއްގައި ޖަނބުރޯލް ގަހެއް ހައްދާފައި ހުރެ އެވެ. ޖަނބުރޯލް މޫސުމުގައި އެއްފަހަރާ 200 އެއްހާ ޖަނބުރޯލް އެ ގަހުގައި އަޅާ ކަަމަށް އެ ރަހުމަތްތެރިޔާ ބުންޏެވެ.
ކާބޯތަކެތީގެ ޔަގީންކަން ހޯދުމުގެ އިތުރުން މިއީ ކުރެވޭނެ ކަމެއްތޯ ބަލައިލަން މާލޭގައި ވިޔަސް އަނބުގަހެއް ވެސް އިންދުމަކީ ކޮށްލަން ހަމަ އެންމެ ރަނގަޅު ކަމެއް ނޫން ހެއްޔެވެ؟