ލައިފްސްޓައިލް

އިންޑިޔާ މީހަކު އެންމެ އަގު ބޮޑު ތަރުކާރީ ހައްދައިފި

އިންޑިޔާގެ ބިހާރުގެ އޮރަންގްއާބާދު ޑިސްޓްރިކްޓުގެ ދަނޑުވެރިއަކު މިހާރު ވަނީ ދުނިޔޭގެ އެންމެ އަގު ބޮޑު ތަރުކާރީ ހައްދާފަ އެވެ. މި ވައްތަރުގެ ތަރުކާރީ ކިލޯއެއްގެ އަގަކީ އެއް ލައްކަ އިންޑިޔާ ރުޕީސް އެވެ. "ހޮޕް-ޝޫޓްސް" ނަން ދީފައިވާ މި ބާވަތުގެ ތަރުކާރީ ހެއްދޭތޯ މި މީހާ މަސައްކަތް ފެށީ އަޖުމަ ބެލުމުގެ ގޮތުންނެވެ. ނަސީބަކުން އެމީހާ އެ ފަހަރު ގޮވާންކުރި ތަރުކާރީގެ 60 ޕަސެންޓް ވަރަށް ރަނގަޅަށް ހެދުނެވެ.

އަމްރޭޝް ސިންގް ނަމަކަށް ކިޔާ މި މީހާއަކީ މާ ރަނގަޅަށް ކިޔަވައިގެން ހުރި މީހެއް ނޫނެވެ. އޭނާއަކީ ދަނޑުވެރިކަން ކޮށްގެން އާމްދަނީ ހޯދާ މީހެކެވެ. އެއްވެސް ޕެސްޓިސައިޑެއް ނުވަތަ ކެމިކަލް ފާޓިލައިޒާއެއް ބޭނުން ނުކޮށް މިހާތަނަށް އިންޑިޔާގައި ހޮޕް-ޝޫޓްސް ހެއްދި ހަމައެކަނި މީހަކީ ވެސް އަމްރޭޝް އެވެ.

އިންޑިޔާގެ ބާޒާރުން ވަރަށް މަދުން ނޫނީ ނުފެންނަ މި ބާވަތުގެ ތަރުކާރީގެ ދަނޑުވެރިކަމަށް އަމްރޭޝް ވަނީ 2.5 ލައްކަ ރުޕީސް އިންވެސްޓްކޮށްފަ އެވެ. މި ތަކެތި ރަނގަޅަށް ނުހެދިއްޖެނަމަ ބޮޑު ގެއްލުމެއް ވާނެކަން އެނގި ހުރެ އޭނާ ފެށި މަސައްކަތް ނަސީބަކުން ކާމިޔާބުވީ އެވެ.

އަމްރޭޝް ބުނި ގޮތުގައި މި ބާވަތުގެ ތަރުކާރީ ހެއްދޭނެ ރަނގަޅު އިންތިޒާމްތަކެއް އިންޑިޔާގެ ބޮޑުވަޒީރު ހަމަޖައްސަވައި ދެއްވައިފިނަމަ ގިނަ ބަޔަކަށް މި ހައްދާނެ ގޮތް ދަސްކޮށްދީ މިކަން ފުޅާ ކުރަން އޭނާ ހުރީ ތައްޔާރަށެވެ. އެހެނިހެން ތަރުކާރީ އާއި މޭވާ ހައްދައިގެން ވިއްކައިގެން ލިބޭ އާމްދަނީއަށް ވުރެ 10 ގުނަ އިތުރަށް ހޮޕް-ޝޫޓްސް ވިއްކައިގެން ލިބޭނެކަމަށް އަމްރޭޝް ބުންޏެވެ.

ހޮޕް-ޝޫޓްސް އަކީ އާންމުކޮށް އެމެރިކާ އާއި ޔޫރަޕްގައި ހައްދާ ތަރުކާރީ އެކެވެ. އިންޑިޔާގައި މި ބާވަތް ހެއްދޭތޯ ބައެއް ދަނޑުވެރިން މީގެ ކުރިން މަސައްކަތް ކުރިޔަސް މި ހެއްދުމުގެ އަގު ބޮޑުކަމުންނާއި ހެއްދިދާނެ ކަމުގެ ޔަގީންކަން ނޯންނާތީ އެހާ ބޮޑަށް މި ހެއްދުމުގެ މަސައްކަތް މީހުން ނުކުރަނީ އެވެ.

ހޮޕް-ޝޫޓްސް އެހާ އަގުބޮޑު ކީއްވެތޯ ގިނަ ބަޔަކު ސުވާލު ކުރެ އެވެ. އަދި މި ބާވަތުގެ ތަރުކާރީ އުފައްދަން އެހާ ބޮޑު ހަރަދެއް ކުރަން ޖެހެނީ ކީއްވެތޯ ވެސް ސުވާލު ކުރެ އެވެ. ހޮޕް-ޝޫޓްސް އިންދާ، ހައްދާ ބެލެހެއްޓުމަކީ ވަރަށް އަގުބޮޑު މަސައްކަތެކެވެ. އަދި ހޮޕް-ޝޫޓްސް ކާން ލިބޭވަރު ވާނީ އިންދާތާ ތިން އަހަރު ފަހުންނެވެ. އަދި މި ވައްތަރުގެ ގަހުގެ ކުރީގައި އިންނަ ތަންކޮޅު އިންދަން ޖެހޭނީ ވެސް އަތުން ކޮންމެ އެއްޗެއް ވަކިންނެވެ. މިކަމަށް ވަރަށް ބުރަ މަސައްކަތާއި ހިތްވަރާއި އަޒުމު ބޭނުންވެ އެވެ.

ގާޑިއަންގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ހޮޕް-ޝޫޓްސްގެ އަގު އެހާ ބޮޑީ އެ އުފައްދަން ބުރަކަށި ބިންދައިގެންދާ ވަރަށް ކުރަން ޖެހޭ މަސައްކަތުގެ ސަބަބުންނާއި އެ ކާން ލިބެނީ އިންދާތާ އެތައް އަހަރެއް ފަހުން ކަމަށް ވާތީ އެވެ. ހޮޕް-ޝޫޓްސް ގަސް ފަޅަނީ އެކި ގޮތްގޮތަށެވެ. އެހެންވެ ގަސްތައް ބަލަހައްޓަން ވެސް ފަސޭހައެއް ނޫނެވެ. އަނެއްކާ މިއި ވަރަށް ކުޑަކުޑަކޮށް ހުންނަ ތަރުކާރީއަކަށް ވާތީ އާދައިގެ ކޮތަޅެއް ފުރަން ވެސް އެތައް ސަތޭކަ ހޮޕް-ޝޫޓްސް ބޭނުންވެ އެވެ.

ހޮޕް-ޝޫޓްސް އަކީ ބިއަރު ފަދަ ބުއިންތަކާއި އެކި ކަހަލަ ޑޮކްޓަރީ ބޭހާއި އެންޓިބައޮޓިކްސް އުފައްދަން ބޭނުންކުރާ ބާވަތެކެވެ. ހޮޕް-ޝޫޓްސްގެ ތަނޑިގަނޑުން ވަރަށް ރަނގަޅު ބޭހެއް ޓީބީ ބައްޔަށް ތައްޔާރު ކުރެވެ އެވެ. ހޮޕް-ޝޫޓްސްގެ މަލަށް ކިޔަނީ ހޮޕް-ކޯންސް ނުވަތަ ސްޓްރޮބައިލް އެވެ. ކެއުމަށާއި ބޭސް އުފައްދަން ބޭނުން ކުރަނީ ތަނޑިގަނޑު ފިޔަވައި ދެން ހުރި ބަޔެވެ.