ލައިފްސްޓައިލް

ވަރަށް ނުތާހިރުކޮށް ހަނޑޫ މާޖައްސާ ވީޑިއޯއެއް އާއްމުވެއްޖެ

"މުރުމުރޭ" ކިޔާ މާޖެއްސި ހަނޑުލުން ތައްޔާރުކޮށްފައިވާ ލުއި ކާނާ އަކީ ވަރަށް ގިނަ ބަޔަކު ވަރަށް މީރުވެގެން ކައިއުޅޭ އެއްޗެކެވެ. ދާދިފަހުން އިންޓަނެޓުގައި ވައިރަލްވީ ލުއިކާނާގެ ގޮތުގައި ބޭނުންކުރާ މާޖެއްސި ހަނޑޫ ތައްޔާރުކުރުމުގެ މަސައްކަތް ބަޔަކު ކުރާ ތަނެވެ.

މި ވީޑިއޯ ބަލައިފިނަމަ ދެން ދުވަހަކުވެސް މާޖެއްސި ހަނޑޫ ނުވަތަ ޕަފްޑް ރައިސް އިން ތައްޔާރުކޮށްފައި ހުންނަ އެއްޗެތި ކާން ވަރަށް މަދު މީހަކަށް ނޫނީ ނުކެރޭނެ އެވެ.

އިންޑިއާ ބަޔަކު ވަރަށް ސާފުތާހިރުކަން ކުޑަ މުޑުދާރު ގޮތަކަށް ހަނޑޫ މާޖައްސާ ގޯނި ގޯންޏަށް އަޅާ މަންޒަރު މި ވީޑީއޯގައި ފެނެ އެވެ.

ފުޑް ބްލޮގާއެއް ކަމަށްވާ އަމަރް ސިރޯހީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ވީޑީއޯ ޝެއާ ކުރަމުން ބުނެފައިވަނީ މިއީ އޭނާގެ ބްލޮގަށް ކާއެއްޗިއްސާ ގުޅޭ ވާހަކަތައް ހޯދަން އެކި ތަންތަނަށް ޒިޔާރަތް ކުރަމުން ދަނިކޮށް އޭނާގެ ހަމަ ލޮލަށް ފެނިފައިވާ މަންޒަރުތަކެއް ކަމަށެވެ.

ހަނޑޫ މާޖައްސާގޮތް ފެންނަ ވީޑިއޯ

މި ވީޑިއޯގައި ފެންނަނީ މުރުމުރޭ ނުވަތަ މާޖެއްސި ހަނޑޫ ތައްޔާރުކުރާ ފެކްޓްރީއެއްގައި މަސައްކަތް ކުރާ ބަޔަކު އެ މަސައްކަތް ކުރާ މަންޒަރެވެ.

އެމީހުން ހަނޑޫ ގޯނިތައް ފުރަތަމަ އޮއްސާލަނީ ވެސް ތަޅުންގަނޑު މައްޗަށެވެ. އެއަށްފަހު އޭގެ ތެރެއަށް ލޮނު ޕެކެޓެއް އޮއްސާލައި ފައިން ހަނޑޫގަނޑާއި ލޮނުތައް އެއްކުރެ އެވެ. ދެން މި ހަނޑޫތައް ދޮންނަން އަޅަނީ ފެން ފުރާފައިވާ އެއްޗަކަށެވެ. އަދި މީހަކު އޭގެ ތެރެއަށް އެރި ހުރެގެން ފައިން ހަނޑޫގަނޑު ދޮންނަތަން ފެނެ އެވެ. އެއަށްފަހު ހަނޑޫތައް ނަގާ ހިއްކަން ބަހައްޓައި އަނެއްކާވެސް އެއަށް ލޮނު އަޅާ ފައިން އެ ހުރިހާ އެއްޗެތި އެއްކުރެ އެވެ.

އެއަށްފަހު ވަރަށް މުޑުދާރު މެޝިނެއްގެ ތެރެއަށް އެ ހަނޑޫތައް އަޅާލުމުން ވަރަށް ރީއްޗަށް މާޖެހިގެން ނުކުންނަތަން ފެނެ އެވެ. ދެން މި އެއްޗެތި ގޯނިގޯންޏަށް އަޅާ ބަންދުކުރާ މަންޒަރު ވެސް ވީޑީއޯގައި ފެނެ އެވެ.

މި ވީޑިއޯ ބަލާފައި ގިނަ ބަޔަކު ވަރަށް ފަކުރުން އެ ވާހަކަތައް ދައްކާފައިވެ އެވެ. އަދި އެންމެން ކަހަލަ ގޮތަކަށް އެއްބަސްވެފައިވަނީ މީގެ ފަހުން ދެން އެމީހުންނަށް މާޖެއްސި ހަނޑުލުން ހަދާފައި ހުންނަ އެއްޗެތި ކާން ނުކެރޭނެ ކަމަށެވެ.

އިންސްޓަގްރާމް ބޭނުންކުރާ އެހެން މީހަކު ވަނީ މިފަދަ ވީޑިއޯތައް ޕޯސްޓް ނުކުރަން އެދިފަ އެވެ. ސަބަބަކީ ވީޑިއޯތައް ބަލާފައި ކާއެއްޗެތި ކެއުން ހުއްޓާލަމުން ގޮސް އޭނާ ކާނެ އެއްޗެއް ނުލިބިދާނެތީ އެވެ.