އުމުރުން 32 އަހަރުގެ ފިރިހެނެއްގެ ބަނޑުން 62 ސްޓީލް ސަމުސާ ނަގައިފި އެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ މުޒައްފަރްނަގަރްގެ ވިޖޭ ނަމަކަށް ކިޔާ މި މީހާގެ ބަނޑުން ސަމުސާތައް ނަގާފައިވަނީ ސާޖަރީ ހަދައިގެންނެވެ.
މިހާ ގިނަ ސަމުސާ އެމީހާގެ ބަނޑަށް ވަނީ ކިހިނެއް ހެއްޔެވެ؟ ބެލެވޭ ގޮތުގައި މި ސަމުސާ ތަކަކީ ފާއިތުވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ދިރުވާލާފައި ހުރި ސަމުސާ ތަކެކެވެ.
ލަފާ ކުރެވެނީ ކާ ކޮންމެ ފަހަރަކު ކާން ބޭނުންކުރާ ސަމުސާ ވެސް މި މީހާ ދިރުވާލަނީ ކަމަށެވެ.
ބަޕޯޑާ އަވަށުގައި ދިރިއުޅޭ މި މީހާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ވަރަށް ގަދަޔަށް ބަނޑުގައި ރިއްސާތީ އެވެ.
ޑޮކްޓަރުން އެމީހާގެ ބަނޑުގައި އަތްލާ ޗެކް ކުރިއިރު ހަރު އެއްޗެހިތަކެއް ބަނޑުގައި ހުރިކަން އެނގުމުން އެކްސްރޭ ނަގައިގެން ބެލުމުން ސަމުސާތަކެއް ހުރިކަން ޔަގީން ކުރެވުނީ އެވެ. އަދި ވަގުތުން އޭނާގެ ސާޖަރީ ހަދަން ޖެހޭކަމަށް ވިޖޭގެ އާއިލާގެ މީހުން ކައިރީގައި ބުނެފައި ވެއެވެ.
ވިޖޭގެ ސާޖަރީ ހަދައިގެން ހަމަ އެ ދުވަހު ވަނީ ބަނޑުގައި ހުރި ހުރިހާ ސަމުސާ ނަގާފަ އެވެ.
ވިޖޭގެ ސާޖަރީ ހެދި ޑޮކްޓަރު ރާކޭޝް ކުރާނާ އިންޑިއާގެ ނިއުސް އެޖެންސީ އަކަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި ވިޖޭ ކައިރީ އޭނާ ސަމުސާ ކެއިންތޯ ސުވާލުކުރުމުން އޭނާ ސަމުސާ ކާތާ އަހަރެއް ވެއްޖެ ކަމަށް ބުނެފައިވާ ކަމަށެވެ.
"މުޅިއެކު 62 ސަމުސާ އެމީހާގެ ބަނޑުން ވަނީ ނަގާފަ. މިއީ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ކައިފައި ހުރި އެއްޗެތި ކަމަށް ބެލެވެނީ. ސާޖަރީ އަށް ދެ ގަޑިއެއްހާއިރު ނެގި. އަދި މިހާރު އެ މީހާ އޮތީ އައިސީޔޫގައި،" ޑޮކްޓަރު ވިދާޅުވި އެވެ.
މިފަދަ އެހެން ހާދިސާއެއް އިންޑިއާގެ އެހެން ރަށެއްގައި ވެސް ވަރަށް ފަހުން ހިނގާފައި ވެއެވެ. އެ ހާދިސާގައި ރާޖަސްތާނުގައި ދިރިއުޅޭ 36 އަހަރުގެ ފިރިހެން މީހާ ކައިފައިވަނީ އެއް ރުޕީސްގެ ފައިސާފޮތީގެ 63 ފައިސާ ފޮއްޗެވެ. މި މީހާ ފައިސާފޮތިތައް ކެއީ ޑިޕްރެޝަންގެ މައްސަލަތަކެއް ދިމާވެގެން ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.