ލައިފްސްޓައިލް

ހޮސްޕިޓަލުގައި އޮތް ކުޑަ ކުއްޖަކަށް 'ކުރަފި ރިހަ' ކާންދީފި!

އިންޑިޔާގެ ދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައި އޮތް ހަތަރު އަހަރުގެ ކުޑަ ކުއްޖަކަށް ގެނައި މުގުރިހައިގެ ތެރެއިން ކުރަތްޕެއް ފެނިއްޖެ އެވެ.

މީހަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއީ ބަނޑުގެ ބޮޑު ސާޖަރީއަކަށްފަހު އެ ކުއްޖާއަށް ފުރަތަމަ ފަހަރަށް ދިން ކެއުން ކަމަށެވެ.

"ގައުމުގެ ވެރިކަންކުރާ ރަށުގައި ހުރި އެއިމްސް ކަހަލަ ގަދަރުވެރި ނަން މަޝްހޫރު ހެލްތު ފެސިލިޓީއެއްގައި ދިމާވި ބިރުވެރި އެހާމެ ފަކުރުގަންނަ ކަމެއް. "ކުރަފި މުގުރިހަ" ހަތަރު އަހަރުގެ ކުޑަ ކުއްޖަކަށް ގެނައި ކެއުމުގައި ހުރުން. ހީނުކުރާވަރުގެ ބޮޑު ޝޮކެއް ލިބިއްޖެ،" ސާހިލް ޒައިދީ ކިޔާ މީހަކު ކުރި ޓުވީޓެއްގައިވެ އެވެ.

މި ޓުވީޓުގައި "ކުރަފި ރިހަ"އިގެ ފޮޓޮއެއް ވެސް ޒައިދީ ޝެއާ ކޮށްފައި ވެއެވެ. އެ ފޮޓޯއިން ކުރަފީގެ ބައެއް ބައިތައް ފުޑް ޓްރޭގައި އޮއްވާ ފެނެ އެވެ.

އެންޑީޓީވީން ބުނި ގޮތުގައި މިކަން ހިނގި ގޮތް ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޝަނުން މިހާރު ތަހުގީގުކުރަން ވަނީ ފަށާފަ އެވެ. މިކަމެއް ހިނގާފައިވަނީ ހޮސްޕިޓަލުގެ ޕްރައިވެޓް ވޯޑެއްގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭގަ އެވެ.

މީގެ ކުރިން ވެސް ހަމަ އެއިމްސް އިން މިފަދަ މައްސަލައެއް ފެންމަތިވި ކަމަށް އެންޑީޓީވީގެ ޚަބަރެއްގައި ވެއެވެ. އެފަހަރު ދިރޭ އެއްޗެއް ފެނިފައިވަނީ ޑޮކްޓަރުން ކާން ތައްޔާރުކޮށްފައި ހުރި ކާނާ އިން ނެވެ.

ޗައްތީސްގަޅް މެޑިކަލް ކޮލެޖުގައި ވެސް މިއަހަރުގެ ޖުލައި މަހު ހަމަ މިހާދިސާ އާ ދާދި އެއްކަހަލަ ކަމެއް ހިނގާފައި ވެއެވެ. މި ހާދިސާގެ ވީޑީއޯ އިންޓަނެޓުގައި ވައިރަލް ވެފައިވާއިރު އެ ވީޑިއޯގައި ފެންނަނީ ބަލި މީހަކަށް ގުޅާފައިހުރި އައިވީ ޓިއުބުގައި މީދަލެއް ދަތް އަޅައި އޭގެން ލީކުވި ގުލްގޯޒް ފެން ބޮމުން ދިޔަ ތަނެވެ.

ލޭޓް ބަލިރާމް ކަޝޭޕް މެމޯރިއަލް ގަވަންމަންޓް މެޑިކަލް ކޮލެޖުގެ ވޯޑެއްގައި ހިނގި މި ކަންތައްތަކުގެ މަންޒަރު ވީޑީއޯކޮށްފައިވަނީ ޖެހިގެން އޮތް އެނދުގައި އޮތް ބަލިމީހަކު އޭނާގެ ފޯނުން ނެވެ.

އެ ކޮލެޖުގެ ޑީން އާ މިކަމާ ގުޅޭ ގޮތުން ލައިވް ހިންދުސްތާން އިން ސުވާލުކުރުމުން ބުނެފައިވަނީ މި ވީޑީއޯ އަށް އެއްޗެކޭ ބުނަން އެނގޭނީ މައްސަލަ ބަލާފައި ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުގެ ސުޕްރިންޓެންޑެންޓް ޑރ. ޓީކޫ ސިންހާ އެއްބަސްވި ގޮތުގައި އެ ހޮސްޕިޓަލުގައި މީދާ ގިނަވެ އޭގެ އުނދަގޫ އިންތިހާއަށް ވަނީ ބޮޑުވެފަ އެވެ. އަދި ޕެސްޓް ކޮންޓްރޯލް ކުންފުންޏަކަށް ކޮންޓްރެކްޓް ދީގެން މީދާ ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލައިވް ހިންދުސްތާނުން ބުނެފައިވާ ގޮތުގައި އެފަހަރު ޕެސްޓް ކޮންޓްރޯލް ކުރާ ކުންފުނިން އައިސް އެ ހޮސްޕިޓަލުން 1200 މީދާ މަރާލާފައި ވެއެވެ. މިއީ މެޑިކަލް އިންސްޓިޓިއުޓަކުން ދިމާވެގެން ނުވާނެ އިންތިހާއަށް ބޮޑު ޝޮކެއް ލިބޭ ކަހަލަ ކަމެއް ކަމަށް އެނޫހުން ބުނެފައި ވެއެވެ.